ސަރުކާރު ނިމެނިކޮށް ފުލުހުންނަށް ދިން ޕްރޮމޯޝަން ހުއްޓުވަން ކޯޓަށް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ނިމިދިޔަ ސަރުކާރު ނިމެން، ގާތްގަނޑަކަށް ދެ ދުވަހަށްވެފައި އޮއްވައި ފުލުހުންގެ ގިނަ އިސް ބޭފުޅުންތަކަކަށް ދޭން ނިންމި ޕްރޮމޯޝަންތަކުގެ މައްސަލައިގައި، އެ ކަން ހުއްޓުވައިދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

"ސަން"އަށް ސިވިލް ކޯޓުން ކަށަވަރުކޮށްދިން ގޮތުގައި އެ މައްސަލަވަނީ މިހާރު ރަޖިސްޓަރުކޮށްފައެވެ. މި ކަމާ ގުޅޭގޮތުން އޭސީސީގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.

"މައްސަލަ ރަޖިސްޓްރީކޮށް، ސެކްޝަނަށް މިހާރު ފޮނުވައިފައިވަނީ. ނަމަވެސް އަދި ގާޒީ އެ މައްސަލަ ބެއްލެވުމާ ގުޅޭ ވަކި ގޮތެއް އަދި ނުނިންމަވައި،" ސިވިލް ކޯޓުގެ އޮފިޝަލް "ސަން"އަށް ވިދާޅުވިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ސަރުކާރު ނިމެން އެހާ ކުޑަތަންވެފައި އޮއްވައި މުޅިން އަލަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހަ ބޭފުޅަކު ވަނީ ޕްރޮމޯޓް ކޮށްދީފައެވެ. އެހާތަނަށް އެ މަގާމުގައި ފަސް ބޭފުޅުން ތިއްބަވައެވެ.

ޗީފް ސުޕްރިޑެންޓުންގެ މަގާމަށް އަށް ބޭފުޅަކު ޕްރޮމޯޓް ކޮށްފައިވެއެވެ. އެނގިފައިވާގޮތުގައި އެހެން ރޭންކުތަކުގެ ގިނަ ޕްރޮމޯޝަންތަކެއް ވެސް ދިނުމަށް ވަނީ ނިންމައިފައެވެ.

https://sun.mv/184698

މި ޕްރޮމޯޝަންތައް ދޭން ނިންމީ އެއިރު ހިނގަމުން އައީ ވެރިކަން ބަދަލުވުމުގެ މަރުހަލާކަމުން، އެއްވެސް ޕްރޮމޯޝަނެއް ނުދިނުމަށް އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެއިރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުން އެދިވަޑައިގެންފައިވަނިކޮށެވެ.

އެ ކަމާ ގުޅިގެން ފުލުހުން ފަހުން ބުނީ އެއީ މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށެވެ.

އަދި އެ ޕްރޮމޯޝަން ތަކަކީ އެ ޚިދުމަތުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދެމުން ގެންދާ ޕްރޯމޯޝަން ތަކެއް ކަމަށް ވެސް ބުންޏެވެ.

comment ކޮމެންޓް