އައްޑޫ މާރާމާރީތަކާ ގުޅިގެން ހައްޔަރުކުރި އެކަކު ދޫކޮށްލައިފި

މޭ 6، 2021: ފުލުހުންތަކެއް ފުލުހުންގެ ވެހިކަލެއްގައި މާލޭގެ މަގުމަތީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގެ ގޭންގު ގުރޫޕުތަކެއްގެ ދެމެދުގައި ހިނގި ދެ ނުރައްކާތެރި މާރާމާރީއާ ގުޅިގެން ޖުމުލަ 11 މީހުން ހައްޔަރުކުރީއިރު އޭގެ ތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އައްޑޫގައި މިދިޔަ ހުކުރު ދުވަހުގެ ރެއާއި އާދިއްތަ ދުވަހުގެ ރޭ ވަނީ ނުރައްކާތެރި ދެ މާރާމާރީއެއް ހިންފައިފައެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އައްޑޫގައި ހިނގި ނުރައްކާތެރި މާރާމާރީތަކާ ގުޅިގެން މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކު އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ މިހާރު ވަނީ ދޫކޮށްލައިފައެވެ.

ހުކުރު ދުވަހުގެ ރޭ ހިންގި މާރާމަރީގައި ވަނީ 30 އަހަރުގެ ފިރިހެނަކަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. އާދިއްތަ ދުވަހުގެ މާރާމަރީގައި ޒަޚަމް ކޮށްލާފައި ވަނީ 20 އަހަރުގެ ޒުވާނެކެވެ.

އެ މާރާމާރީތަކާ ގުޅިގެން ކުރިން ހައްޔަރުކޮށްފައި ތިބި 10 މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން އަމާންކޮށް އޮތުމަށް ފަހު، މި ފަހުން އަނެއްކާ ވެސް ގޭންގު މާރާމާރީތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންވެ، ފުލުހުން އަންނަނީ މާލެއާއި އައްޑޫގައި ހާއްސަ އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންދަމުންނެވެ.

ހުޅުމާލޭގައި ރޭ ވެސް ވަނީ މާރާމާރީއެއް ހިންގައިފައެވެ. އާއިލީ ހަމަނުޖެހުމެއްގައި ހިނގި އެ މާރާމާރީއާ ގުޅިގެން ވެސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް