މައިބަދައިގެ އޮޕަރޭޝަނަކަށް އައްމަޓީ ފުރަން ހުއްދަ ދީފި

ސީލައިފްގެ އެމްޑީ މުހައްމަދު އަހުމަދު މޫސާ ---

ފްލެޓު އެޅުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދީފިއެވެ.

އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން 2021 ވަނަ އަހަރު ހައްޔަރުކޮށް ރާއްޖެ ގެނައި އައްމަޓީ ގިނަ ދުވަސްތަކެއް ވަންދެއް ޖަލުގައި ވަނީ ބަންދުކޮށްފައެވެ. އެއަށް ފަހު ކޯޓުން ދޫކޮށްލުމަށް ފަހު އަނެއްކާ ވެސް މަތީ ކޯޓަރުން އޭނާ ހައްޔަރު ކުރަން އަމުރު ކުރެއެވެ. އަދި ފުރުން މަނާކޮށް މިހާތަނަށް އޮތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފައެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ އައްމަޓީގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެ ކޯޓުން ނެރެފައިވާ އަމުރު ބާޠިލުކޮށްދިނުމަށް އެދި އޭނާގެ ފަރާތުން ހުށަހަޅާފައިވާ މެޑިކަލް ލިޔެކިޔުންތަކަށް ބަލާއިރު، އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަން އެނގެން އޮންނަ ކަމަށެވެ.

މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތަށް ބަލާއިރު، ސީރިއަސް އޮޕަރޭޝަނެއްކަމަށް ބެލެވޭތީއާއި، އޭނާގެ ޢާއިލާ ދިރިއުޅެނީވެސް ސްރީލަންކާގައި ކަމަށް ބުނެފައިވާތީއާއި، އޭނާއަށް ޢާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެދިފައިވާ ކަމަށް ކޯޓުން ބުންޏެވެ.

އޭނާގެ މައްޗަށް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގައި އޭނާގެ ފަރާތުން ކޯޓަށާއި، ޝަރީޢަތަށް މިހާތަނަށް އެއްބާރުލުން ދީފައިވާތީ، އޭނާ ފުރުން މަނާކޮށްފައިވާ އަމުރު ވަގުތީގޮތުން ސަސްޕެންޑް ކުރުމަށް ޝަރީއަތަށް ފެންނަ ކަމަށް ކޯޓުން ބުންޏެވެ.

އެހެންކަމުން އިއްޔެގެ ހަވީރު 5:00 އިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 23:00އާ ހަމައަށް އައްމަޓީގެ ޕާސްޕޯޓް ދޫކުރަން ކޯޓުން ވަނީ ނިންމައިފައެވެ.

އައްމަޓީގެ މައްޗަށް 42 ދައުވާ އުފުލާފައިވަނީ، ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ފްލެޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ފްލެޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

މީގެ ކުރިން ބޭއްވި ދެ އަޑުއެހުން ހިމަނައިގެން މިއަދު ވަނީ އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ އިއްވާފައެވެ. އެ ދައުވާތަކަށް އައްމަޓީ އިންކާރު ކުރެއެވެ.

ސީލައިފް އެޕާޓްމަންޓް ގަތުމަށް ފައިސާދެއްކި މީހުންގެ ތެރެއިން އެޗްޑީސީއަށް ލިޔެކިޔުންތައް ހުށަހެޅި މީހުންނަށް ފައިސާ ރީފަންޑް ކޮށްދީފައިވާއިރު، އެމީހުންނަށް އެޗްޑީސީން ވަނީ ވިނަރެސް ފްލެޓުތަކުން އެޕާޓުމަންޓު ގަތުމުގެ ފުރުސަތު ދީފައެވެ.

އައްމަޓީގެ މައްޗަށް 42 ދައުވާއެއް އުފުލާފައިވާއިރު، އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ވަނީ މީގެކުރިން ބުނެފައެވެ.

comment ކޮމެންޓް