އިންޑިއާއަށް އެރި ތޫފާން މައިޗަންގްގެ ބާރު ދަށްވާނެކަމަށް ލަފާކޮށްފި

ތޫފާންގެ ސަބަބުން ޗެންނާއީގެ މަގެއްގައި ފެން ބޮޑުވެފައި. ފޮޓޯ/ޓައިމްސް އޮފް އިންޑިއާ

އަވަށްޓެރި އިންޑިއާގެ ދެކުނަށް މި މަހުގެ ހަތަރުވަނަ ދުވަހު އެރި ބާރުގަދަ ތޫފާނު މައިޗަންގް މިހާރު ދަތުރު ކުރަމުން ދަނީ އެ ގައުމުގެ ދެކުނަށް ކަމަށާއި ތޫފާނުގެ ބާރު ދަށްވާނެ ކަމަށް އަންދްރާ ޕްރަދޭޝް ސްޓޭޓް ޑިޒާސްޓާ މެނޭޖްމަންޓް (އޭޕީއެސްޑީއެމްއޭ)އިން ލަފާކޮށްފިއެވެ.

ތޫފާން އެރުމާ ގުޅިގެން ދެކުނު ސަރަހައްދުތަކަށް ކުރިމަތިވި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 13އަށް އަރައިފައެވެ.

އެ ތޫފާން އެންމެ ފުރަތަމަ އަރައިފައިވަނީ އަންދްރަ ޕްރަދޭޝް ސްޓޭޓަށެވެ. އެ ސްޓޭޓާ އިންވެގެން އޮންނަ ޓެމިލް ނާޑޫ ސްޓޭޓަށް ވެސް ތޫފާނުގެ އަސަރުކޮށް، ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. ތޫފާނުގެ ސަބަބުން ޖެހެމުންދާ ބާރު ވަޔާހެދި އެ ދެ ސްޓޭޓްގެ އައްސޭރިފަށުގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ވެސް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ތޫފާނުގެ ސަބަބުން އެންމެ ގިނަ މީހުން މަރުވެފައިވަނީ ޓެމިލް ނާޑޫ ސްޓޭޓްގެ ވެރި ރަށް ޗެންނާއީންނެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޗެންނާއީ ސިޓީ ވަނީ އެއްކޮށްހެން ފެންބޮޑުވެފައެވެ.

ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި އިންޑިއާގެ ސަރަހައްދުތަކަށް ބާރަށް ވައިޖެހުނު. ފޮޓޯ/ޓައިމްސް އޮފް އިންޑިއާ

ފެންބޮޑުވުމާއި ގުޅިގެން ޗެންނާއީގައި ހުރި ގިނަ އަދަދެއްގެ ކާރުހާނާތަކެއް ވެސް ވަނީ ބަންދުކުރަން ޖެހިފައެވެ. އޭގެ ތެރޭގައި އެ ސިޓީގައި ހުންނަ އައިފޯނު އުފައްދާ ކާރުހާނާ ވެސް ހިމެނެއެވެ.

އިންޑިއާގެ އެންމެ ކާރޫބާރޫ ބޮޑު އެއް އެއާޕޯޓު ކަމަށްވާ ޗެންނާއީ އެއާޕޯޓުގެ ދަތުރުތައް ވެސް ތޫފާނުގެ ސަބަބުން ހުއްޓާލަން ޖެހުނެވެ.

މޫސުމާ ބެހޭ އޮފިޝަލުން ވަނީ ޓެމިލް ނާޑޫ އާއި އަންދްރަ ޕްރަދޭޝް ސްޓޭޓުގެ ބައެއް ސަރަހައްދުތަކަށް ރަތް އެލާޓް ނެރެފައެވެ. ބައެއް ސްކޫލްތަކާއި ކޮލެޖްތަކާއި ބޭންކުތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ބާރު ވަޔާއި ބޯ ވާރޭގެ ސަބަބުން އަންދްރާ ޕްރަދޭޝްގެ އައްސޭރި ފަށަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ތިން ސްޓޭޓް އެއްކޮށް ޖުމްލަ 61،600 މީހުން ވަނީ ނުވަ ސަރަހައްދެއްގައި ހުރި ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

ތޫފާންގެ ސަބަބުން ޕަންޖާބު، ހަރްޔާނާ، ޗަންދީގަރް، ހުޅަނގު އުއްތަރަ ޕްރަދޭޝް އަދި އިރުމަތީ ރާޖަސްތާނަށް ވެސް ގަދަ ވިއްސާރަކުރާނެ ކަމުގެ އިންޒާރު އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ވަނީ ދީފައެވެ.

comment ކޮމެންޓް