ހިޔާ ފްލެޓްތަކުގެ އަގުން އެއް ލައްކަ ރުފިޔާ މާފުކޮށް، ކުލި ދައްކާ މުއްދަތު ކުރުކޮށްފި

އާބަންކޯގެ އެމްޑީ ފަޒުލް ރަޝީދު -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހަފީޒް

ހިޔާ ފްލެޓަށްދާ ޚަރަދުން ދެ ލައްކަ އުނިކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވި ނިންމެވުމާއެކު، ކުލި ދައްކަން ޖެހޭ މުއްދަތު 27 އަހަރުން، 26 އަހަރާއި ތިން މަހަށް ކުރުކޮށްފައިވާ ކަމަށް އާބަންކޯގެ އެމްޑީ ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިއްޔެ އިއުލާންކުރެއްވީ، ހިޔާ ފްލެޓުތަކުގެ އަގުން ދެ ލައްކައަށްވާ ވަރަށް އަގު ކުޑަކުރުމަށް ފަހު، ކުރިއަށް އޮތް ހަތް އަހަރަށް ދެން މަހަކަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 3،984.21 ރުފިޔާ ކަމަށެވެ.

އެ ނިންމެވުމާ ގުޅުންހުރި ތަފްސީލު ހާމަކުރުމަށް މިއަދު އާބަންކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވީ، ތިން ހާސް ރުފިޔާއަކީ މެއިންޓެނެންސް ފީ ނުލައި ކުއްޔަށްވާ އަދަދު ކަމަށެވެ. އަދި އެ އަދަދަށް ކުއްލި ދައްކަން ޖެހޭނީ އަންނަ މަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުލި ކުޑަކުރި ނަމަވެސް ދެ ލައްކަ ރުފިޔާ ހަމަނުވާ ކަމަށާއި، ހަތް އަހަރުން ކުޑަވާ ކުލިން ހަމަވަނީ އެއް ލައްކަ ކަމަށް ބުނެ ވާހަކަ ދެކެވޭ ކަމަށް ފަޒުލް ވިދާޅުވިއެވެ.

"އެއްލައްކަ ރުފިޔާއަކީ މިއަދުން ފެށިގެން މައާފުވެގެން އަންނަ އެއްޗެއް، އެހެންވީމަ ހަތް އަހަރު ދުވަހަށް މި ބަހާލެވެނީ އޭގެ ވަކި އަދަދެއް. އެއް ލައްކަ ރުފިޔާ މި ބަހާލެވެނީ ހަތް އަހަރު ދުވަހަށް، އެއް ލައްކަ ރުފިޔާ ކެނޑިގެން އައުމުގެ ނަތީޖާއެއްގެ ގޮތުން މިހާރު ހިޔާގައި ތިބި ރައްޔިތުންނަށް އެގްރިމެންޓްތައް އަޅުގަނޑުމެން މުރާޖައާ ކުރާއިރުގައި 27 އަހަރު އޮތް އޮތުން، 26 އަހަރާއި ތިން މަހަށް މި ބަދަލުވެގެން މި ދިޔައީ،" ފަޒުލް ވިދާޅުވިއެވެ.

އެއީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ލިބުނު އިތުރު ލުޔެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާ ފްލެޓަށް އެންމެ ފުރަތަމަ، މެއިންޓެނަންސް ފީއާއެކު މަހަކަށް ނަގަމުން އައީ 8،500 ރުފިޔާއެވެ. ނަމަވެސް، މިދިޔަ މެއި މަހު ގެނައި ބަދަލާއެކު، މެއިންޓެނަންސް ފީއާއެކު ކުރިއަށް އޮތް ހަތް އަހަރަށް 6،300 ރުފިޔާ ދައްކާ ގޮތަށް ހަމަޖެއްސިއެވެ.

އޭރު ޕްލޭނިން މިނިސްޓްރީން ބުނީ، އެއީ ހިޔާގެ ކުލި ކުޑަ ކުރުން ނޫން ކަމަށާއި އެއީ ކުލި ދައްކަން ޖެހޭ މުއްދަތު އިތުރު ކުރުން ކަމަށެވެ. އެގޮތުން އެ ބަދަލާއެކު، ފްލެޓަށް ކުލި ދައްކަން ޖެހޭ މުއްދަތު 25 އަހަރުން 27 އަހަރަށް އިތުރުވެފައިވާ ކަމަށް އޭރު މިނިސްޓްރީން ބުންޏެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ ޚަރަދަށް ބަލައި، ދެ ލައްކަ ރުފިޔާ ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

https://sun.mv/185686

އިއްޔެ އެ މަނިކުފާނު ވަނީ އަތޮޅުތެރޭގައި ހަދާފައިވާ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓަށް ބޮޑު ލުޔެއް ދޭން ނިންމާފައިވާކަން ވެސް އިއުލާންކުރައްވާފައެވެ. އަދި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުރި ފްލެޓުތަކުގެ ކުއްޔާއި އަދި އެހެން ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި ދެއްކުމުގައި ވެސް ދަތިވާ ރައްޔިތުންނަށް، ކުލި ދެއްކުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަން ސަރުކާރުން ނިންމަވައިފައިވާކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް