ދަރިއަކަށް އެދިއެދި ތިބި އެތައް ބަޔަކު ހެއްވާލައިފި!

ކުޑަކުއްޖަކު ޓީވީ ބަލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަކީ އާބާދީ ކުޑަ ގައުމެއް ނަމަވެސް، ރާއްޖެއަކީ ދަރިމައިވުމުގެ މައްސަލަތަކާ ކުރިމަތިލާ މީހުން ނިސްބަތުން ގިނަ ގައުމެކެވެ. ރާއްޖޭން ޑޮކްޓަރަށް ދައްކާ އަހަރުތަކެއް ވަންދެން ދަރިއަކު ހޯދަން މަސައްކަތް ކުރާއިރު، ގިނަ މީހުންނަށް މިކަމުގައި އަލިމަގެއް ނުފެންނަނީ ފަރުވާގެ އަގު ބޮޑުވުމުންނެވެ.

ރާއްޖޭން ބޭރަށް ގޮސް އެތައް ހޭދައެއް ކޮށްގެން އައިވީއެފް ހަދައި، ދަރިން ލިބުމުގެ އުފާވެރިކަން އެއްބަޔަކަށް ލިބިފައި ވާއިރު، މިއީ އެންމެންނަށް ލިބޭ ނަސީބެއް ނޫނެވެ. ދަރިއަކު ކިތަންމެ ބޭނުންވިއަސް ހަގީގަތަކީ ބައެއް މީހުންނަށް ދަރިމައިވާން ހޯދަންޖެހޭ ފަރުވާ ހޯދުމުގެ ތަނަވަސްކަން ނެތްކަމެވެ.

އެންމެ ފަހުން ޓްރީޓޮޕް ހޮސްޕިޓަލުން ނެރުނު ތަފާސްހިސާބުތަކުން ވެސް އެނގެނީ ރާއްޖޭގައި ދަރިމައިވުމުގެ މައްސަލައާ ގިނަ ބަޔަކު ކުރިމަތި ލާކަމަށެވެ. އަދި އެކަމުގެ ފަރުވާއަށް ދިވެހީން ބޭނުންޖެހިފައިވާ މިންވަރެވެ.

ކުޑަކުދިންތަކެއް ރަށެއްގައި ކުޅިވަރު ކުޅުމުގައި --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މިދިޔަ މޭމަހުގެ 29ވަނަ ދުވަހު ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭއަށް ފުރަތަމަ ފަހަރަށް އައިވީއެފްގެ ޚިދުމަތް ތައާރަފްކުރި އިރު، 300އެއްހާ މީހުން ކިޔޫގައި ތިބި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މިހާތަނަށް އެ ހޮސްޕިޓަލުން އައިވީއެފްގެ ފަރުވާ ފަށާފައި ވަނީ 16 މީހުންނެވެ. ނަމަވެސް މިވަގުތު ވެސް ފަރުވާއަށް އެދި 150 ޕޭޝަންޓުން އެބަތިއްބެވެ.

ގައުމުތައް ހުރަސްކޮށް މިއަހަރު ރާއްޖެއާ ހަމައަށް މި ފަރުވާ އައި ނަމަވެސް ޓްރީ ޓޮޕުން އައިވީއެފްގެ ޚިދުމަތް ފަށާފައި ވަނީ 46،000 ރުފިޔާއަށެވެ. އެހެންކަމުން މާލޭގައި ތިބެގެން ވެސް މި ޚިދުމަތް ހޯދަން ބައެއް މީހުންގެ މާލީ ހާލަތު ތަނެއް ނުދެއެވެ.

ރައީސް ދެއްވީ އުއްމީދެއް

ދަރިއަކު ނުލިބުމުގެ ހިތާމަ ބަރުދާސްތު ކުރަމުންދާ މީހުންގެ ހިތްތަކަށް ލިބުނު ތަސައްލީއަކީ އާސަންދައިގެ ތެރެއިން ދަރިމައިވުމުގެ ފަރުވާ ހަމަޖައްސަން ނިންމަވާފައިވާކަން އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވުމެވެ. މި ނިންމެވުމާއެކު ދަރިމައިވުމުގެ ފަރުވާ ބޭނުންވެފައި ތިބި އެތައް ބަޔަކަށް އުންމީދުގެ ހުޅުކޮޅު ދިއްލިއްޖެއެވެ.

https://sun.mv/185684

ދަރިމައިވުމުގެ ފަރުވާ އާސަންދައިން ދިނުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އަދި، ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ވެސް ނިންމަވައިފައިވާ ކަމެކެވެ. އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި މުހިއްމު ގިނަ ނިންމެވުންތަކެއް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން، އެ ނިންމެވުންތަކުގެ ތެރެއިން އާސަންދައިގެ ތެރެއިން ދަރިމައިވުމުގެ ފަރުވާ ދޭން ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.

މިހާރު އުސޫލު އޮންނަ ގޮތުން ދަރިމައިވުމުގެ ފަރުވާ އާސަންދައަކުން ނުލިބެއެވެ.

އިއްޔެ ވަޒީރުންގެ މަޖިލީހުން ފާސްކުރުމާއެކު ރިޔާސީ ވައުދުފުޅާ އެއްގޮތަށް ދަރިމައިވުމުގެ ފަރުވާ އާސަންދައިން ލިބޭނެއެވެ. ރައީސް ވިދާޅުވީ، އައިޖީއެމްއެޗުގައި ހުންނަ ފާޓިލިޓީ ސެންޓަރު ވެސް އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ނިންމީ އައިވީއެފް ޓްރީޓްމަންޓު ހިމެނޭހެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ޚިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސަން،" ރައީސް ވިދާޅުވިއެވެ.

"އެކަން ހިމެނޭ ގޮތަށް އާސަންދަ ސްކީމުގެ ގަވާއިދުތައް އަޅުގަނޑުމެން އިސްލާހުކޮށް، ގެޒެޓު ކުރާނަން. އަދި އެ ކަމަށް އުސޫލެއް އެކުލަވައިލާ އެކަން ވެސް އިއުލާނު ކުރާނަން. އައިވީއެފް އައިޔޫއައި ޚިދުމަތް ދެވޭ ގޮތް އިއުލާނު ކުރެވިގެންދާނެ،"

އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ހޮސްޕިޓަލްތަކުގެ އިތުރުން ރާއްޖޭގައި ހުރި އަމިއްލަ ހޮސްޕިޓަލްތަކުން ވެސް އާސަންދައިގެ ދަށުން އައިވީއެފް ހެދޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.

އަދި، މިހާރު އައިޖީއެމްއެޗުގައި ހުންނަ ފާޓިލިޓީ ސެންޓަރުގެ އިތުރުން ވެސް އައިވީއެފް ފަރުވާއަށް ހާއްސަ ސެންޓަރެއް ގާއިމުކުރެވިގެން ދާނެ ކަމަށެވެ. އެ ސެންޓަރު ހިންގަން ހާއްސަ ބަޖެޓެއް ވެސް އެކުލަވައިލާ 30 މިލިއަނެއްހާ ރުފިޔާ އެ ކަމަށް އެލޮކޭޓު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގއ. ކަނޑުހުޅުދޫގައި މަގުމަތީގައި ބަޔަކު ހިނގާފައިފާ ދާއިރު ކުޑަ ކުއްޖަކު ފަހަތުން ދަނީ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރާއްޖޭން ބޭރުން އައިވީއެފް، ބޮޑު ޚަރަދެއް

ދަރިމައިނުވުމުގެ މައްސަލައިގެން ސަބަބުން، ދަރިއަކު ހޯދުމަށް ޓަކައި ހޯދަންޖެހޭ ފަރުވާ މީގެ ކުރިން ގިނަ ދިވެހީން ވަނީ ރާއްޖޭން ބޭރުން ހޯދާފައެވެ. ރާއްޖޭން ބޭރުން މި ފަރުވާ ހޯދާ ދިވެހީން ފާހަގަކުރާ އެންމެ ބޮޑު އެއް ކަމަކީ ފަރުވާގެ އަގު ބޮޑުވުމެވެ.

ބޭސްފަރުވާގެ އިތުރުން، އެތައް ދުވަހެއް ރާއްޖޭން ބޭރުގައި ހޭދަކުރުމަށް އެތައް ބައިވަރު ޚަރަދެއް ހިނގައެވެ. ގިނަ މީހުން މިފަރުވާ ހޯދަނީ އުމުރުދުވަހު އެއްކުރާ ފައިސާއިންނެވެ.

"އައިވީއެފް ހެދޭނީ ގާތްގަނޑަކަށް 3000 ނޫނީ 4000 ވަރަކަށް ޑޮލަރަށް. އެ ހަދާފަ އޭގެ އިތުރަށް ވެސް މިސާލަކަށް ބަނޑުބޮޑުވުމަށް ފަހުގަ ދެން އެދާ ކަންތައްތަކުގައި، ޓެސްޓުތައް ހެދުމުގަ، ވަރަށް ބައިވަރު އިންޖެކްޝަންތަކާ ވަރަށް ބައިވަރު ބޭސްތައް ދޭނެ. އެ ހުރިހާ ކަމެއްގައި ގާތްގަނޑަކަށް ކޮންމެ ފަހަރަކު އަޅުގަނޑުމެން ދަނީ 7000 ނޫނީ 8000 ވަރަކަށް ޑޮލަރު ހިފައިގެން،" މީގެ ކުރިން އެކި ފަހަރު މަތިން ދަރިމައިނުވުގެ މައްސަލައަށް ބޭސްކުރުމަށް ރާއްޖެއިން ބޭރަށް ގޮސް އައިވީއެފް ކާމިޔާބުވެފައިވާ މީހެއް "ސަން"އަށް ކިޔައިދިނެވެ.

ގިނަ ފަހަރަށް ފަރުވާއަށް ބޭރަށް ދާ މީހުން ދަނީ އެކަންޏެއް ވެސް ނޫނެވެ. އާއިލާއިން ކޮންމެވެސް އެހީތެރިއަކު ވެސް ގެންދެއެވެ. އެއީ ވެސް ބައެއް ފަރުވާއަށް ބޭރަށްދާ މީހުން އަމިއްލައަށް އުފުލާ މާލީ ބުރައެއް ކަމަށް އޭނާ ބުންޏެވެ.

ބައެއް ފަހަރު ދެމަފިރިން އެކުގައި ވެސް ފަރުވާ ކުރަން ޖެހެއެވެ. ބޭރަށް ފަރުވާ ހޯދަން ދާ މީހުން ދާންޖެހެނީ މި ހުރިހާ ކަމަކަށް ސަމާލުވެގެންނެވެ.

އޭނާ ފަހަގަކުރި ގޮތުގައި ރާއްޖޭން ބޭރަށް އެތައް ފަހަރެއްގެ މަތިން ފަރުވާއަށް ދާންޖެހޭއިރު، މާލީ ގޮތުން ދިވާމާ ގޮންޖެހުމުގެ އިތުރުން އެހެން ގޮންޖެހުންތައް ވެސް ކުރިމަތިވެއެވެ.

އެގޮތުން ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފަރުވާ ހޯދުމަށް ބޭރަށް ދިއުމަށް ވަޒީފާއިން ޗުއްޓީ ހޯދުމެވެ. ސަރުކާރު ވަޒީފާތަކާއި އަމިއްލަ ތަންތަނުގައި ވަޒީފާ އަދާކުރާ މީހުންނަށް ވެސް ޗުއްޓީ ހޯދުމުގައި ވަރަށް ގިނަ ދަތިތައް ކުރިމަތި ވެއެވެ. ހާއްސަކޮށް ދެމަފިރިން އެއްވަގުތެއްގައި ޗުއްޓީ ހޯދުމަކީ ވަރަށް އުނދަގުލުން ގިނަ މީހުން ކުރާ ކަމެކެވެ.

"އަޅުގަނޑު ގާތްގަނޑަކަށް 17 އަހަރު ސަރުކާރަށް ޚިދުމަތް ކޮށްދިނީ. އެ ހުރިހާ ޚިދުމަތެއް ކޮށްދިނީމަ އަޅުގަނޑަށް ލިބުނު އެއްވެސް އެއްޗެއް ނެތް. އެންމެ ކުޑަ މިނުން ހާފްޕޭގެ ޗުއްޓީއެއް ވެސް ނުލިބުން ސިޓީ ލިޔެގެން ވެސް،" ދަރިމައިވުމުގެ ފަރުވާއަށް ބޭރަށް ގޮސް ފަރުވާ ހޯދި މީހަކު ކިޔައިދިނެވެ.

ފަރުވާއަށް ބޭރަށްދާ މީހުންނަށް ބައެއްފަހަރު ވަކި މުއްދަތެއް ވަންދެއް ބޭސް ކެއުމަށްފަހު އަލުން ދައްކަން އަންނަން އިރުޝާދު ދީ ފޮނުވާލައެވެ. މިފަދަ ކަންކަމުގެ ސަބަބުން ގިނަ މީހުންނަށް ހަ މަސްދުވަސް ނުވަތަ ތިން މަސްދުވަހުގެ ތެރޭ އަލުން އަނބުރާ ޑޮކްޓަރަށް ދައްކާކަށް ނުދެވެއެވެ.

"އެހެން ބުންޏަސް ނުދެވޭ. އަޅުގަނޑަށް ބޭސްކުރަން ދާން ލިބޭ ހަމައެކަނި ޗުއްޓީއަކީ ބޮޑު ޗުއްޓީ. އެހެންވީމަ ބޮޑު ޗުއްޓީގަ އަބަދު ވެސް ދެވެނީ،" މި ނޫހާ ވާހަކަަ ދެއްކި ޓީޗަރަކު ބުންޏެވެ.

ބޮޑު ޗުއްޓީގެ އިތުރުން އޭނާ ފާހަގަ ކުރި ގޮތުގައި 30 ސަލާމާއި އާއިލީ ޒިންމާގެ ޗުއްޓީ ލިބެއެވެ. އިތުރު ޗުއްޓީއެއް ބޭނުންވާނަމަ ދެން އޮތް ގޮތަކީ އެ ޗުއްޓީތައް ބޭނުން ކުރުމެވެ.

އައިވީއެފްއެއް ނޫން، ދަރިމައިވުމުގެ ހުރިހާ ފަރުވާއެއް މުހިންމު

މިކަމަ ގުޅިގެން ފާޓީލިޓީ ސަޕޯޓް ކޮމިއުނިޓީން ބުނީ، ދަރިމައިނުވުމުގެ މައްސަލައަށް އޮތް ފަރުވާއަކީ ހަމައެކަނި އައިވީއެފް ނޫންކަމަށެވެ.

އެގޮތުން ދަރިމައި ނުވުމުގެ ކުދި މައްސަލަތަކަށް ހޯދާ ފަރުވާތަކުގެ ތެރޭގައި ހިމެނޭ އޯވިއުލޭޝަން އިންޑަކްޝަން އަދި އައިޔޫއައި ފަދަ ފަރުވާތައް ވެސް ކޮންމެވެސް ވަރަކަށް އާސަންދައިގެ ދަށުން ކަވަރުކޮށް ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރާކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބުނީ، އައިވީއެފްއަކީ ދަރިމައިނުވުމުގެ މައްސަލަތަކަށް އޮންނަ އެންމެ ފަހު ފަރުވާ ކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަ ހަދަން ޖެހޭ ހުރިހާ ޓެސްޓުތަކެއް ހަދާ، އައިވީއެފްއަށް ނުގޮސް ފަރުވާ ލިބެން އޮތްނަމަ އެ ފަރުވާއަކަށް ދިއުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މީގެ ކުރިން ދަރިމައިވުމުގެ ފަރުވާ ހޯދަން ޖެހެނީ އެތައް ކަމެއް ގުރުބާންކޮށް އާއިލާއާ ދުރުގައި އުނދަގޫ އެތައް ދުވަހެއް ހޭދަކުރުމަށް ފަހުއެވެ. ނަމަވެސް ސަރުކާރުގެ މި ނިންމުމާއެކު ރާއްޖެއިން ފަސޭހަ ގޮތެއްގައި އަގު ހެޔޮކޮށް މި ފަރުވާ ހޯދުމުގެ އިންތިޒާމް ހަމަޖެހޭނެއެވެ.

މީގެ ކުރިން ރާއްޖެއިން ބޭރަށް ގޮސް ބޭސް ފަރުވާގެ ކަންކަން ތަހައްމަލްކުރި މީހުންނާ ވަހަކަ ދައްކާލުމުން އެނގުނީ އާސަންދައިން މި ފަރުވާ ކަވަރު ކުރުމުގެ އިތުރުން މި ފަރުވާ ބޭނުން މީހުންނަށް ފަސޭހަ ގޮތެއްގައި ޗުއްޓީ ލިބޭނެ ގޮތްތަކާ، ފަސޭހަ ގޮތެއްގައި މަަސައްކަތް ކުރެވޭނެ އިންތިޒާމްތައް ވެސް ހަމަޖެހުން މުހިންމު ކަމެވެ.

comment ކޮމެންޓް