އާސަންދައިން އައިވީއެފް ހެދޭގޮތް ހަދައިފި

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

އާސަންދައިގެ ތެރެއިން ދަރިމައިވުމުގެ ފަރުވާ ހަމަޖައްސަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

އާސަންދައިގެ ދަށުން ދަރިމައިވުމުގެ ފަރުވާ އާސަންދައިން ދިނުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އަދި، ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ވެސް ނިންމަވާފައިވާ ކަމެކެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މުހިއްމު ގިނަ ނިންމެވުންތަކެއް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން، އެ ނިންމެވުންތަކުގެ ތެރެއިން އާސަންދައިގެ ތެރެއިން ދަރިމައިވުމުގެ ފަރުވާ ދޭން މިއަދު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.

މިހާރު އުސޫލު އޮންނަ ގޮތުން ދަރިމައިވުމުގެ ފަރުވާ އާސަންދައަކުން ނުލިބެއެވެ.

މިއަދު ވަޒީރުންގެ މަޖިލީހުން ފާސްކުރުމާ އެކު ރިޔާސީ ވައުދުފުޅާ އެއްގޮތަށް ދަރިމައިވުމުގެ ފަރުވާ އާސަންދައިން ލިބޭނެއެވެ. ރައީސް ވިދާޅުވީ، އައިޖީއެމްއެޗުގައި ހުންނަ ފާޓިލިޓީ ސެންޓަރު ވެސް އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ނިންމީ އައިވީއެފް ޓްރީޓްމަންޓު ހިމެނޭހެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ޚިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސަން،" ރައީސް ވިދާޅުވިއެވެ.

"އެކަން ހިމެނޭ ގޮތަށް އާސަންދަ ސްކީމުގެ ގަވާއިދުތައް އަޅުގަނޑުމެން އިސްލާހުކޮށް، ގެޒެޓު ކުރާނަން. އަދި އެ ކަމަށް އުސޫލެއް އެކުލަވައިލާ އެކަން ވެސް އިއުލާނު ކުރާނަން. އައިވީއެފް އައިޔޫއައި ޚިދުމަތް ދެވޭ ގޮތް އިއުލާނު ކުރެވިގެންދާނެ،"

އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ހޮސްޕިޓަލްތަކުގެ އިތުރުން ރާއްޖޭގައި ހުރި އަމިއްލަ ހޮސްޕިޓަލްތަކުން ވެސް އާސަންދައިގެ ދަށުން އައިވީއެފް ހެދޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.

އަދި، މިހާރު އައިޖީއެމްއެޗުގައި ހުންނަ ފާޓިލިޓީ ސެންޓަރުގެ އިތުރުން ވެސް އައިވީއެފް ފަރުވާއަަށް ހާއްސަ ސެންޓަރެއް ގާއިމުކުރެވިގެން ދާނެ ކަމަށެވެ. އެ ސެންޓަރު ހިންގަން ހާއްސަ ބަޖެޓެއް ވެސް އެކުލަވައިލާ 30 މިލިއަނެއްހާ ރުފިޔާ އެ ކަމަށް އެލޮކޭޓު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އައިވީއެފްގެ ފަރުވާގެ އިތުރުން، އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމުތައް ވެސް ހަމަޖައްސަން މިއަދު ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ. އަދި، މިހާރު އާސަންދަ ލިބޭ ބޭރުގެ ހޮސްޕިޓަލްތަކުގެ ތެރެއިން އެއް ގުރޭޑުގެ ހޮސްޕިޓަލަކުން އަނެއް ގުރޭޑުގެ ހޮސްޕިޓަލަކަށް ބަދަލުވާއިރު އިތުރަށް ދައްކަން ޖެހޭ ފައިސާ ވެސް އާސަންދައިން ހަމަޖެހޭނެ އިންތިޒާމުތައް ހަމަޖައްސަން ވަނީ ނިންމައިފައެވެ.

އައިވީއެފް ފަރުވާ އާސަންދައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ އާ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ރައީސް ނިންމަވާފައިވަނީ އެ ވައުދުފުޅު ސަރުކާރުގެ ފުރަތަމަ ނުވަ ހަފުތާ ތެރޭގައި ކޮށް ނިންމައިލާށެވެ.

މިހާރު ދަރިމައިވުމުގެ ފަރުވާތައް އާސަންދައަކުން ނުލިބެއެވެ. ދަރިމައިވުމަށް ހޯދާ ފަރުވާއަކީ ވަރަށް ހަރަދު ބޮޑު ފަރުވާއެކެވެ.

comment ކޮމެންޓް