ފައިހު ޝަރީއަތް ނިމެންދެން ބަންދު ނުކުރެވޭނެ ކަމަށް ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފި

ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އުމުރުން 25 އަހަރުގެ އިބްރާހީމް ފައިޙް ނިޒާމް--- ފޮޓޯ/ ފުލުހުން

ޒުވާނެއްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ އިބްރާހީމް ފައިހް ނިޒާމްގެ ތަހުގީގު ދިގުލާފާއިވާތީ ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް ބުނެ، ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު، ހައި ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށް ހައިކޯޓުން މިއަދު ކުރި އަމުރުގައިވަނީ، މިއަދުން ފެށިގެން ކުރިއަށް އޮތް ހަތް ދުވަސްތެރޭ، ފައިހުގެ ތަހުގީގީ އަދި ޝަރުއީ މަރުހަލާ ނިމެންދެން ބަންދުގައި ބަހައްޓާ ދިނުމަށް ފުލުހުން ހުށަހަޅައިފިނަމަ، އޭނާގެ ބަންދާ މެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމުމަށް އަންގާ ކަމަށެވެ.

ހައިކޯޓުގެ އަމުރުގައި ވަނީ، މަރުގެ ކުށުގައި ތުހުމަތުކުރެވޭ މީހެއް ބަންދުކުރުމުގައި ރިއާޔަތްކުރަންޖެހޭނީ މައިގަނޑު ދެ ކަމަކަށް ކަމަށެވެ.

އެއީ އެ ކުށް އެމީހެއްގެ މައްޗަށް ތުހުމަތުކުރެވޭތޯ އާއި ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓިދާނެ ހާލަތުތަކަށް ވުޖޫދުވޭތޯ ބެލުން ކަމަށް އެ އަމުރުގައި ވެއެވެ.

މި މައްސަލާގައި، އެ ދެ ޝަރުތު ފުރިހަމަވާނަމަ، ޝަރީއަތުގެ މަރުހަލާއާއި ތަހުގީގުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އިޚްތިޔާރު ނޫންގޮތެއް ފަނޑިޔާރަށް ނޯންނާނެ ކަމަށް އަމުރުގައިވަނީ ބުނެފައެވެ.

ހަމައެއާއެކު މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތޯއާއި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަން ބަލައި, ތަހުގީގުގެ މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ގާނޫނު އަސާސީން ފަނޑިޔާރަށް މަހުފަހިކޮށްދީފައިވާ ކަމަށް ހައިކޯޓުގެ އަމުރުގައިވެއެވެ.

އެހެންވެ، ކްރިމިނަލް ކޯޓުގެ އަމުރަކީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނާ ޚިލާފަށް ނެރެފައިވާ ކަމަށް އަމުރެއް ކަމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމިއެވެ.

އެ މައްސަލައިގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުޙައްމަދު ފައިސަލެވެ. ދެން ބެންޗުގައި ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24ގައި މާލޭގެ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އައްޑޫ ސިޓީ ހިތަދޫ، އިޒްމީރު، މުހައްމަދު އަހުމަދު ދީދީ (ނައުޝާދު) މަރާލި މައްސަލައިގައި ފައިހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މިދިޔަ މަހުގެ ހަޔެއްގައެވެ.

ނަމަވެސް މިއަހަރު ކުރީކޮޅު މާލޭގައި މާރާމާރީތަކެއް ހިނގަމުންދަނިކޮށް، އޭނާ ހޯދަން ފެބްރުއަރީ މަހުގެ 15އިގައި ފުލުހުން އިއުލާންކުރިއެވެ. އޭރު އޭނާ ފިލައިގެން އުޅުމަށް ފަހު ފުލުހުންނާ ހަވާލުވީ މާޗު މަހުގެ 21ގައެވެ.

އޭގެ ފަހުން މިދިޔަ މޭ މަހުގެ 10ވަަނަ ދުވަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި ނަމަވެސް މިދިޔަ މަހުގެ ހަތެއްގައި އޭނާ އަލުން ހައްޔަރުކުރިކަން ފުލުހުން ހާމަކުރިއެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނިކޮށް އޭނާ ދޫކޮށްލީ ކިހިނެއް ވެގެން ކަމެއް އަދި އަލުން ހައްޔަރު ކުރީ ކިހިނެއް ވެގެން ކަމެއް ފުލުހުން އޭރު ހާމަކޮށްފައެއް ނުވެއެވެ.

އެއަށްފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފުލުހުން އެދުނު ނަމަވެސް، ތަހުގީގު އިތުރަށް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތްކަމަށް ބުނެ، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމީއެވެ.

comment ކޮމެންޓް