ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ، މިދިޔަ މަހުގެ 22ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.
މި ބިލުން، ކުރީގެ ގާނޫނުގައި ބަޔާންކުރާ ސިއްޙީ ޚިދުމަތް ދިނުމުގެ ގައުމީ ނިޒާމު ގާއިމުކުރުމުގެ މަގްސަދު އިތުރަށް ފުޅާވާނެއެވެ. އެ ގޮތުން މި ނިޒާމުގެ މަގުސަދަކީ، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންނަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ ޞިއްޙަތަކަށް ވާސިލުވެ ދެމިތިބުމަށް ބޭނުންވާ ސިއްޙީ ޚިދުމަތާއި ވަސީލަތްތައް ރައްކާތެރި، އަދި އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުން ކަމުގައި ވަނީ ކަނޑައަޅައިފައެވެ.
މި އިސްލާހުގެ ދަށުން ޞިއްޙީ ޚިދުމަތް ދިނުމުގެ ގައުމީ ނިޒާމުގެ ކަންކަން ވިލަރެސްކޮށް ހިންގާނީ މިނިސްޓަރުގެ ލަފާގެ މަތީން ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސަސްއެވެ. އަދި ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް އައްޔަނުކުރެވޭ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި، އެ މަގާމުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި، އެ ނޫންވެސް އެ މަގާމާ ގުޅޭ އިޖުރާއީ ކަންކަން މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
ސިއްޙީ ޚިދުމަތުގެ ގައުމީ ނިޒާމަކީ ވަށާޖެހޭ ސިއްޙީ ފަރުވާގެ ނިޒާމަކަށް ހެދުމަށްޓަކައި އެ ނިޒާމުގައި ފުރިހަމަވާންޖެހޭ ކަންކަމާއި، މި ނިޒާމު ބިނާކޮށް ތަރައްގީކުރެވިގެންދާނެ ގޮތާއި، އެ ނިޒާމުގެ ދަށުން ލިބިދެވޭ ފަރުވާއާއި ޚިދުމަތްތަކާއި ވަސީލަތްތައް އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށް ޓަކައި އެކަމާ ގުޅޭ އުސޫލުތަކާއި މިންގަނޑުތައް ބަޔާންކޮށް ގަވާއިދެއް ހެދުމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
އަދި، ސިއްޙީ ޚިދުމަތް ދިނުމުގެ ގައުމީ ނިޒާމުން ފޯރުކޮށްދެވޭ ޕްރިވެންޓިވް ކެއާގެ ޚިދުމަތުގެ ތެރޭގައި އާންމު ސިއްޙީ ނިޒާމުގެ ތެރޭގައި ހިމެނޭ ޕްރައިމަރީ، ސެކަންޑަރީ އަދި ޓާޝަރީ ފަރުވާއާއި، އޭގެ ދަށުން ފޯރުކޮށްދެވެނޭ ޚިދުމަތްތަކާއި އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބަލަންޖެހޭ އަސާސްތައް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި، މި ޚިދުމަތް ފޯރުކޮށްދިނުމުގައި ވަކި މިންގަނޑުތަކެއް ހުންނަންޖެހޭނެ ކަމާއި، މި މިންގަނޑުތައް ކަނޑައަޅައި، ކޮންމެ އަހަރަކު އެއްފަހަރު މުރާޖައާކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)ގެ މައްޗަށް މި ބިލުން ވަނީ ލާޒިމުކޮށްފައެވެ.
އޭގެ އިތުރުން، އާބާދީގެ ނިސްބަތުން ކަމާބެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ މިންވަރަށް، ރާއްޖޭގެ ސިޓީތަކުގައި މިނިސްޓްރީން ޕްރިވެންޓިވް ކެއާގެ ޚިދުމަތް ފޯރުކޮށްދެވޭނެ ފަންނީ މީހުން ހިމެނޭ ޕްރައިމަރީ ކެއާގެ ޚިދުމަތް ދެވޭނެ މަރުކަޒުތައް ގާއިމުކުރަންވާނެކަމާއި، މި ޚިދުމަތް މެދުނުކެނޑި ދެމުންގެންދާކަން ކަށަވަރުކުރެވޭނެ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ރައްކާތެރިކަން ދެމެހެއްޓުމަށް މި ނިޒާމު ހިނގާނުހިނގާ ގޮތް މޮނިޓާކުރުމުގެ ޒިންމާ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރަންސަށް މި ބިލުން ވަނީ މަތިކޮށްފައެވެ.
މި ގާނޫނަށް ޢަމަލުކުރަން ފަށާއިރު ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ މަގާމަށް މީހަކު އައްޔަނު ކޮށްފައިވާނަމަ، އަދި އެއީ މި ގާނޫނުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާ މީހެއް ނަމަ، މި ގާނޫނުގެ ބޭނުމަށް ޓަކައި އެ މީހަކު މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން އެ މަގާމަށް އައްޔަނުކުރެވިފައިވާ ފަރާތެއްކަމުގައި ބެލެވޭނެ ކަމަށް މި ބިލުގައިވަނީ ބަޔާންކޮށްފައެވެ.
މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާޙުތައް، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން ހަ މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.