ލޮލުރޯގާއިން ރައްކާތެރިވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި

ލޮލުރޯގާ ޖެހިފައިވާތަން ދައްކުވައިދޭ ފޮޓޮއެއް: ލޮލުރޯގާއިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި --

ލޮލުރޯގާއަށް ސަމާލުވެ، ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

ލޮލުރޯގާއަކީ ތަފާތު ވައްތަރުގެ ބެކްޓީރިއާ އަދި ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ.

"ސަން"އާ ވާހަކަދައްކަވަމުން އެޗްޕީއޭގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ލޮލުރޯގާއަކީ ދިވެހިންގެ ތެރޭގައި އަބަދު ވެސް އުޅޭ ބައްޔެއް ކަމަށެވެ. އެގޮތުން، ކޮންމެ މަހަކު ވެސް ލޮލުރޯގާ ޖެހިގެން ކޮންމެ ވެސް މިންވަރަކަށް ރިޕޯޓުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ބަލިން ރައްކާތެރިވެ، ބަލީގެ އަލާމާތްތައް ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ލޮލުރޯގާއިން ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތައް -- ފޮޓޯ/ އެޗްޕީއޭ

އެޗްޕީއޭއިން ވަނީ ލޮލުރޯގާއިން ރައްކާތެރިވާނެ ގޮތްތަކާއި އިރުޝާދުތައް އެކްސްގައި ހިއްސާކޮށްފައެވެ. އެގޮތުން، ރައްކާތެރިވުމަށްޓަކައި އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި:

  • ގިނަ ގިނައިން ސައިބޯނި ލައިގެން އަތްދޮވުން.
  • އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުން.
  • ލޮލުގައި އަތްލުމާއި ނުވަތަ ލޯ އުނގުޅުމުން ދުރުހެލިވުން.
  • ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުން.
  • ލޮލުރޯގާ ޖެހިފައިވާ މީހަކު ލޮލަށް އަޅަން ބޭނުންކުރާ ބޭސްފުޅި ބޭނުންނުކުރުން.

އެޗްޕީއޭއިން ވަނީ، ލޮލުރޯގާ ޖެހިއްޖެނަމަ ނުވަތަ ޖެހިއްޖެކަން ޝައްކުވެއްޖެނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ނުވަތަ ސިއްހީ އެހީތެރިއަކަށް ދައްކައިގެން ފަރުވާ ހޯދަން އިލްތިމާސްކޮށްފައެވެ.

ލޮލުރޯގާގެ އަލާމާތްތައް -- ފޮޓޯ/ އެޗްޕީއޭ

އެގޮތުން، ލޮލުރޯގާ ޖެހިއްޖެކަން ޔަގީންކުރާނެ ބައެއް އަލާމާތްތައް ވެސް އެޗްޕީއޭއިން ހިއްސާކޮށްފައިވެއެވެ. އެ ހާލަތްތަކަކީ:

  • ހުން އައުން.
  • ލޯ ހިރުވުން.
  • ލޮލުން ފެންއައުން.
  • ލޮލުގައި މަޑުހެދުން.
  • ލޯ ރަތްވުން.

ދޭތެރެއަކުން ލޮލުރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ އެ ކަމަށް ފަރުވާތެރިވުމަށް ހެލްތު މިނިސްޓްރީ އަދި އެޗްޕީއޭއިން ވެސް އިލްތިމާސްކުރެއެވެ. އެންމެ ފަހުން ލޮލުރޯގާގެ ކޭސްތައް އިތުރުވެގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅެވެ.

ނަމަވެސް، މިފަދަ ބަލިތަކުން ރައްކާތެރިވެ، ބަލި ޖެހިއްޖެނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރީ ފަރުވާ ހޯދައި ފަރުވާ ކުރުމަކީ ވަރަށް މުހިންމުކަމެކެވެ.

comment ކޮމެންޓް