ވަކިކުރަނީ އިންތިޚާބަށް ނެގި ބޭކާރު މުވައްޒަފުން: ފެނަކަ

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުޙައްމަދު ރަޝީދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުންފުނީގެ އެއްވެސް ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމާފައިނުވާނެ ކަމަށާއި ކޮންޓްރެކްޓު އާނުކުރާން ނިންމީ ރިޔާސީ އިންތިޚާބު ތެރޭގައި ކުރީ ސަރުކާރުން ކޮންޓްރެކްޓު އުސޫލުން ނެގި 'ބޭކާރު' މުވައްޒަފުންތަކެއް ކަމަށް ފެނަކަ ކުންފުނިން މިއަދު ބުނެފިއެވެ.

ފެނަކައިން ގަވާއިދާ ހިލާފަށް މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެމްޑީޕީން ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހެޅީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު ދީދީއެވެ.

އެ ތުހުމަތުތަކާ ގުޅިގެން ފެނަކައިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ އެއްވެސް ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމާފައިނުވާނެ ކަމަށެވެ.

އެކަމަކު، ބައެއް ރަށްރަށުގައި އިންޖީނުގެތަކާއި އޮފީސްތައް އިމާރާތްކުރުމުގެ މަޝްރޫއުގެ ތެރެއިން އެ މަސައްކަތްތައް ކުރިއަށް ގެންދަން ކޮންޓްރެކްޓު އުސޫލުން މިދިޔަ ސަރުކާރުގައި މުވައްޒަފުން ނެގިކަން ވަނީ ފާހަގަކޮށްފައެވެ. އެއީ، ރިޔާސީ އިންތިޚާބާ ދިމާކޮށް އިންތިޚާބަށް ފަހު އެ މުވައްޒަފުންގެ ކޮންޓްރެކްޓު ހަމަވާ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ފެނަކައިން ވަނީ ތުހުމަތުކޮށްފައެވެ.

ކުރީ ސަރުކާރުން ވަނީ ރިޔާސީ އިންތިޚާބު ނިމުމުން އޭރު ނެގި ކޮންޓްރެކްޓު މުވައްޒަފުންގެ ކޮންޓްރެކްޓު ނޮވެމްބަރު 30 ގެ ނިޔަލަށް އިތުރުކޮށްފައެވެ. އެއީ، ފެނަކައިގެ އާ މެނޭޖުމަންޓަށް ބުރައަކަށްވާ ގޮތަށް ކުރީ ސަރުކާރުން ކުރި ކަމެއް ކަމަށް އެ ކުންފުނިން ވަނީ ތުހުމަތުކޮށްފައެވެ.

ފެނަކައިން ބުނީ، އާ ނުކުރާން ނިންމީ ކޮންޓްރެކްޓު އުސޫލުން އިންތިޚާބު ތެރޭގައި ނަގާފައި ތިބި މުވައްޒަފުންގެ ތެރެއިން ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތް މަޝްރޫއުތަކަށް ނަގާފައިވާ މުވައްޒަފުންގެ ކަމަށެވެ. އެ މުވައްޒަފުންގެ ކޮންޓްރެކްޓުތައް ވަނީ ހުސްވި މަހު 30 ގައި ހަމަވެފައެވެ.

"ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ މުވައްޒަފުންގެ އޮނިގަނޑުން ބޭރުން ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނަގައި ދާއިމީކޮށްފައިވާއިރު، އެއްވެސް ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ކުންފުނީގެ އަދުގެ މެނޭޖްމަންޓުން ކުރުމަށް ނިންމައިފައިވާ ކަމެއް ނޫން ކަމުގައި ދަންނަވަމެވެ،" ބަޔާނުގައި ވެއެވެ.

އެ ކުންފުނިން ވަނީ އެއްވެސް އަސާސެއް ނެތި އެ ކުންފުންޏާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަ ނުފަތުރާން ގޮވާލައިފައެވެ.

ފެނަކައިން ވަނީ، އެ ކުންފުންޏަށް ދިމާވެފައިވާ ދަރަނީގެ މައްސަލަތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ މަތިން ހައްލު ކޮށްދީ، ނަތީޖާ ނެރެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވައިފައެވެ.

އެމްޑީޕީ މެންބަރުން މިއަދު ވަނީ ފެނަކައިގައި ތިބި ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރާ ކަމަށް ތުހުމަތުކޮށް، އެގޮތަށް މުވައްޒަފުން ވަކިކުރާނަމަ ވަޒީރުން ރުހުން ނުދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުރީ ސަރުކާރު ނިމުނުއިރު، ފެނަކައިގެ ދަރަނި އޮތީ ތިން ބިލިއަނަށް ވުރެ އިތުރުވެފައެވެ.

އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބީ ފެނަކައިގައި ކަމަށާއި އެ ކުންފުނީގައި މިހާތަނަށް 7،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް ޕީސީބީން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ވެސް ދައްކައެވެ.

comment ކޮމެންޓް