ލީޑާޝިޕުން އުޅުނީ ޕީޕީއެމް ހުލިކޮށްލާފައި ޔާމީން 'އެހެލަން': ޖަމީލް

އަބްދުލްރަހީމް އަބްދުﷲ އާއި މުޙައްމަދު ޖަމީލް އަޙްމަދު-- ސަން ފޮޓޯ

ވެރިކަމަށް އަންނަން ޕީޕީއެމާއި އެ ޕާޓީގެ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭނުންފުޅު ކުރައްވާފައި ޕީއެންސީން މަސައްކަތް ކުރީ ޕީޕީއެމް ހުލިކޮށްލައި ޕާޓީ ފައްތާލައިފައި ޔާމީން އެހެލަން ކަމަށް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ވެރިކަން އުފެދުނުތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ނުރުހުންވެ، ޕީޕީއެމުން އިސްތިއުފާ ދެއްވައިފައެވެ. އެ މަނިކުފާނު މިހާރު ގެންދަވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

"ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޖަމީލު ވިދާޅުވީ، އިންތިޚާބަށް ފަހުގައި ޔާމީން ގެކޮޅަށް ބަދަލު ކުރެއްވުމުން ދެން ކަންތައްތައް ވެގެންދިޔަ ގޮތް ސާފުވާ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އަދި ދެ ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު ވެސް ޔާމީންގެ އަރިހަށް ވަޑައިނުގަންނަވައެވެ. އެއީ، ރޭވުމެއްގެ ތެރެއިން ކުރި ކަމެއް ކަމަށް ޖަމީލު ވަނީ ތުހުމަތު ކުރައްވައިފައެވެ.

"ވީރާނާކޮށްލަން، ހުލިކޮށްލަން، ޕީޕިއެމް ފައްތައިލަންށޭ [މަސައްކަތް ކުރެއްވީ]،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ދެ ޕާޓީ ހިންގެވި ލީޑަރު ރައީސް ޔާމީނަކީ. ދެން ނެތް ވަގުތެއްގައި އިތުބާރު ކުރައްވާފައި އަބްދުއްރަހީމަށް، އެތާ ހުންނެވި އެންމެ ދުވަސްވީ ބޭފުޅާއަށް ވާތީއާ ވެސް އެކީގައި ހަވާލު ކުރެއްވީ. ރައީސް ގެއަށް ވަޑައިގަތުމަށް ފަހުގައި ނުވެސް ވަޑައިގެން ދެއްތޯ،"

https://sun.mv/185636

ޔާމީން، ޕީޕީއެމުން އިސްތިއުފާ ދެއްވީ އެ ޕާޓީ ހިންގަން އެ މަނިކުފާނު އެކުލަވައިލެއްވި ކޮމިޓީގައި އިސްކޮށް ހުންނެވި ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާ ދޭތެރޭގައި ފިޔަވަޅު އެޅުމާ ހަމައިންނެވެ.

ޔާމީން އުފެއްދެވި ކޮމިޓީގައި އިސްކޮށް ހުންނެވި މަލީހަށް ފިޔަވަޅު އެޅުއްވީ ޕީޕީއެމްގެ ދެ ނައިބު ރައީސުން އިސްވެ ތިއްބަވައިގެންނެވެ. އެއީ، މި ސަރުކާރުގެ ދިފާޢީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނާއި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ.

ޖަމީލު ތުހުމަތު ކުރެއްވި ގޮތުގައި އެ ދެ ބޭފުޅުންގެ ހަމަލާގެ އަސްލު އަމާޒަކީ މަލީހެއް ނޫނެވެ. ޔާމީނެވެ. އެއީ، ޔާމީނަށް އަމާޒުވި ހަމަލާއެއް ކަމަށް ޖަމީލު ގަބޫލުކުރައްވައެވެ.

"އެ ދެ ބޭފުޅުން [ޣައްސާނާއި ޝިޔާމް] ރައީސް ޔާމީނަށް ގޮން ޖައްސަަވާފައި ރައީސް ޔާމީންގެ ނިންމެވުމަށް އެ ސިޓީއަކުން ރައީސް ޔާމީން އެކުލަވައިލެއްވި ކޮމިޓީއަށް ފިޔަވަޅު އަޅައި އެ ބޭފުޅުން ޕާޓީން ވަކި ކުރެއްވީ. އެ ދެންނެވީ ތިމަންނަމެން ބަލައެއް ނުގަންނަމޭ ރައީސް ޔާމީނެއް،" ޖަމީލު ވިދާޅުވިއެވެ.

"ދެން ފެނުނީ ޕީޕީއެމްގެ މެމްބާޝިޕް ދިޔަގޮތަށް ގޮސް ޕީއެންސީއަށް ނަގާ ތަނޭ،"

ޔާމީން މިނިވަންކުރަން ގޮވާލައި މީގެ ކުރިން ބޭއްވި އެއްވުމެއްގެ ތެރެއިން ޕީއެންސީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު --- ސަންފޮޓޯ/ ނާއިލް ހުސައިން

އެ މަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އެ ބޭފުޅުން ޔާމީނާ ދުރުވީ އަމިއްލަފުޅަށެވެ. އެއީ، އެ މަނިކުފާނު އެއްވެސް ކަމެއް ކުރައްވައިގެން ނުވަތަ ނުކުރައްވައިގެން ވެސް ހިނގި ކަމެއް ނޫން ކަމަށް ޖަމީލު ގަބޫލުކުރައްވައެވެ.

އެ ހުރިހާ ކަމެއް ހިނގައި ދިއުމުން މިހާރު ޔާމީންގެ އާ ޕާޓީގެ މަސައްކަތުގައި އަވަދިނެތި އުޅުއްވާ ޖަމީލަށް ސިފަވަނީ އެއީ މާ ދުރާލައި ރޭވިގެން ކުރެވުނު ކަމެއްގެ ގޮތުގައެވެ. ޕީޕީއެމް ބަލިކޮށްލައި ޔާމީން ބާކީކޮށްލުމަކީ އެ ބޭފުޅުން މާ ކުރިން ވެސް ރާވާފައި އޮތް ގޮތް ކަމަށް އެ މަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

"ހަތަރު އަހަރު ޖަލުގައި ދެއްތޯ އެ އުޅުއްވީ، ގެއަށް ވަޑައިގެންފައި މިއޮއް ބޮޑު ކަންތައްތައް ދިޔައީމާ މަސައްކަތުން ވެރިކަމެއް މި ބަދަލު ކުރެވުނީ. ބޭސިކް ކާޓަސީއަކީ ކޮބައިތޯ؟ އެންމެ ފުރަތަމަ ވެސް ޝުކުރު. މިސާލަކަށް ސޯޝަލް ސެންޓަރުގައި އެ ރޭގައި ބޭއްވި އުފާފާޅު ކުރުމުގެ ހަފުލާގައި ވެސް އަޑެއް ނީވުނު ދެއްތޯ ރައީސްގެ ނަންފުޅެއް،" ޖަމީލު ވިދާޅުވިއެވެ.

"ދޭއް އޮކްޓޯބަރު ރޭގެ 9:43 މިނެޓުގައި ރައީސް ޔާމީންގެ ފޯނުން އެބައޮތް ރައީސް ޔާމީން މެސެޖެއް ކުރައްވާފައި ޑރ، މުއިއްޒަށް. މުއިއްޒު ޕްލީސް ކޯލް މީ. އެ ވާހަކަ ނުދައްކަވައި މިއަދާ ހަމައަށް ވެސް،"

ރައީސް ޔާމީން، ޕީއެންއެފް އޮފީހުގައި -- ފޮޓޯ/ އެކްސް

އެ މަނިކުފާނު ތުހުމަތު ކުރައްވާ ގޮތުގައި ޕީޕީއެމް ބަލިކޮށްލައި، ޔާމީނަށް ސިޔާސީ ގޮތުން ކުރިމަތުކުރުވަން ރޭއްވެވި ރޭވުމުގައި އިސްކޮށް ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އެވެ.

"އަޅުގަނޑަށް ގަބޫލުކުރެއްވޭ ގޮތުގައި މުޅި އެއްޗަކީ ޕްލޭން ކުރެވިފައި އޮތް އެއްޗެކޭ، އެ ޕްލޭނާ އެއްގޮތަށޭ އެ ބޭފުޅުން އެ ވަޑައިގަތީ. އަޅުގަނޑަށް ގަބޫލުކުރެވެނީ ހަމަ މީގެ ތެރޭގައި އެންމެ އިސްކޮށް ޕީޕީއެމްގެ ލީޑާޝިޕާއި އެކީގައި އަބްދުއްރަހީމް،" ޖަމީލު ވިދާޅުވިއެވެ.

އެ މަނިކުފާނު ގަބޫލުކުރައްވަނީ އެއީ ޔާމީނަށް ހައްގު އިޚްތިރާމު އަދާނުކުރުން ކަމުގައެވެ. އެކަމަކު، ހަގީގަތުގައި ޖެހިގެން އުޅެނީ ދެ ބޭފުޅުންގެ މައްސަލައެއް ކަމަކަށް ޖަމީލް ގަބޫލުފުޅެއް ނުކުރައްވައެވެ.

މައްސަލައަކީ ޕީޕީއެމް ހުލިކޮށްލައި ނެތިކޮށްލަށް އުޅުން ކަމަށް ޖަމީލް ވިދާޅުވިއެވެ. އެހެންވެ، ޔަމީން އާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓު [ޕީއެންއެފް] އުފައްދަވަނީ ފިކުރުގައި ދެމިތިއްބެވި ސަޕޯޓަރުންނަށް ގޮތެއް ހޯދައިދެއްވުމުގެ ނިޔަތުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް ޑޜ. މުހައްމަދު ޖަމީލު އަހުމަދު -- ސަން ފޮޓޯ/ އިންފިނިޓް މޫވްމަންޓްސް/ މުހައްމަދު މާވީ

"އެ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި މިއަދު ރައީސް ޔާމީން އަތުގައި ނެތް އެ ބޭފުޅުންނަށް ދެވޭނެ އެއްޗެއް. ރައީސް ޔާމީނަށް ހަމަ ބޮޑުބޭބޭ ކިޔާ ބޭބޭފުޅުންގެ ވެސް ވިސްނުން ހުރީ އެގޮތަށް ކަމަށް އަޅުގަނޑު މި ގަބޫލުކުރަނީ،" ޖަމީލު ވިދާޅުވިއެވެ.

ޕީޕީއެމުން ވަކިވުމަށް ފަހު ޔާމީން މިހާރު ގެންދަވަނީ ޕީއެންއެފް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ވެސް ޔާމީނެވެ. އެ މަނިކުފާނުގެ އާ ޕާޓީގެ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ޖަމީލާއި މަލީހެވެ. އެ ބޭފުޅުން މަސައްކަތް ކުރައްވަނީ އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ގާނޫނީ އަދަދު ކަމަށްވާ 3،000 މެންބަރުންގެ ފޯމު މި ހަފުތާ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާށެވެ.

comment ކޮމެންޓް