އެފްއޭއެމްގެ ފައިސާއިން ފުލެޓު ގަތް މައްސަލައިގައި ދައުވާކުރަން ފޮނުވައިފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް: އޭނާއާ ދެކޮޅަށް ދައުވާކުރަން ވަނީ ފޮނުވާފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކޮވިޑު ތެރޭގައި ކްލަބްތަކަށް ފައިސާ ދޫކުރަން ދިވެހި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)އަށް ދިން ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އަމީން އެވެނިއުއިން ދެ ފުލެޓު ގަތްކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރަން ފޮނުވައިފިއެވެ.

ބައްސާމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަނާއި އިކޮނޮމިކް ކްރައިމްސް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން ގެންދާ މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމާތު ދޭން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ، އެފްއޭއެމްގެ ފައިސާއިން ފުލެޓު ގަތް މައްސަލައިގައި ބައްސާމާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ.

ފުލުހުން ތުހުމަތުކުރި ގޮތުގައި ބައްސާމް އަމިން އެވެނިއުއިން ދެ ފުލެޓު ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެންނެވެ. އެ ކަމަށް އެފްއޭއެމްގެ ފަައިސާއިން 3،084،000 ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ގޮތުން، އެފްއޭއެމުން އަމީން އެވެނިއުއަށް އޭޕްރީލް 14، 2021 ގައި އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ފުލުހުން ބުންޏެވެ.

އެ އަދަދަށްވާ ވަރަށް ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ކަމަށް ދައްކަން ލިޔެކިޔުންތަކެއް ވެސް ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، އެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ފައިސާއަކީ ކޮވިޑު ތެރޭގައި ކުލަބުތަކަށް ފައިސާ ދޫކުރަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ، ފީފާއިން އެފްއޭއެމަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ، އެ މައްސަލައިގައި ދައުވާކުރަން ފޮނުވާފައިވަނީ ބައްސާމްގެ އިތުރުން، އަމިން އެވެނިއުގެ ވެރި ކުންފުނި އަމިން ކޮންސްޓްރަކްޝަންސްގެ މައްޗަށާއި އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް މަސައްކަތްކުރި ހަސަން ވަހީދުގެ މައްޗަށެވެ.

ތިން މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ ޚިޔާނާތުގެ ކުށާއި އޮޅުވާލުމުގެ ކުށާއި މަނީލޯންޑްރިންގެ ކުށުގައި ކަމަށް ފުލުހުން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފީފާއިން ވަނީ ބައްސާމް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގައި ފީފާގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭތީ އޭނާ ފުޓުބޯޅައިގެ ކަންކަމުން ނުވަ މަހަށް ސަސްޕެންޑުކުރަން މިދިޔަ ޖޫން 20 ގައި ނިންމައިފައެވެ.

އެފްއޭއެމްގެ ފައިސާއިން ޚިޔާނާތްވި މައްސަލައިގައި ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ވަނީ އުފުލައިފައެވެ.

comment ކޮމެންޓް