އދ. ދިގުރަށުގައި މަރުވެފައި އޮށްވައި ފެނުނު ތުއްތު ކުއްޖާގެ މައްސަލައިގައި ތުހުމަތު ކުރެވޭ އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ.
ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ ފެނުނީ ދުވަސްފުރާ ވިހާފައިވާ އަންހެން ކުއްޖެކެވެ. މަރުވެފައިވާ އެ ކުއްޖާ ފެނުނީ ކުނިގޮނޑުންނެވެ.
އެ މައްސަލައިގެ ތުހުމަތަށް 30 އަހަރުގެ ސްރީލަންކާ އަންހެނަކު ހައްޔަރު ކުރީ އެ ގައުމަށް ފުރަންގޮސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުއްޓައި އިއްޔެ މެންދުރެވެ.
ފުލުހުން މިއަދު ބުނީ އެ އަންހެން މީހާ މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ދީފައިވާ ކަމަށެވެ.
މީގެ ކުރިން މި ނޫހާ ވާހަކަ ދައްކަމުން އެ ރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން ވިދާޅުވީ، ތުއްތު ކުއްޖާ ފެނުނީ ރަށުގެ ގެތަކުންނާއި ގެސްޓްހައުސްތަކުން ނެގި ކުނީގެ ތެރެއިން ކަމަށެވެ.
އުސްމާނު ވިދާޅުވި ގޮތުގައި ތުއްތު ކުއްޖާ ފެނިފައި ވަނީ ކުނި ނެގުމަށްފަހު ސެންޓަރަށް ގެންގޮސް ނައްތާލުމަށްޓަކާ ކޮތަޅުތަކުން ކުނި ނެގުމުގެ ތެރެއިންނެވެ.