ކުއްޖާ މަރާލިކަމުގެ ތުހުމަތުގައި ފުރަން ގޮސް ހުރި އަންހެނަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މީހަކު މަޑުކޮށްލައިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އދ. ދިގުރަށުގައި މަރުވެފައި އޮށްވައި ފެނުނު ތުއްތު ކުއްޖާގެ މައްސަލައިގެ ތުހުމަތުގައި، ރާއްޖޭން ބޭރަށް ފުރަންގޮސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި ބިދޭސީ އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މިއަދު މެންދުރު ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސްރީލަންކާގެ އަންހެނެކެވެ. އޭނާ ހައްޔަރު ކުރީ ލަންކާއަށް ފުރަން ގޮސް އެއާޕޯޓްގައި ހުއްޓާއެވެ.

އެނގިފައިވާގޮތުގައި އޭނާއަކީ ދިގުރަށުގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ.

ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ ފެނުނީ ދުވަސްފުރާ ވިހާފައިވާ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ފެނުނުއިރު ވެސް އޮތީ މަރުވެފައެވެ.

މަރުވެފައިއޮތް އެ ކުއްޖާ ފެނި ހޮސްޕިޓަލަށް ގެންދިއުމުގައި ހަރަކާތްތެރިވި އެ ރަށު ރައްޔިތަކު "ސަން"އާ ވާހަކަ ދައްކަމުން ބުނީ، އެއީ ސިއްހަތު ރަނގަޅު އަންހެން ކުއްޖެއް ކަމަށެވެ. އަދި, އެ ކުއްޖާގެ ބަރުމިނުގައި ތިން ކިލޯ ހުންނާނެ ކަމަށް ބެލެވޭކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ކުއްޖާ ފެނުނު އިރު އޮތީ ފޫޅުވެސް ނުކަނޑާ ކަމަށެވެ. އަދި، ކުއްޖާ ފެނުނީ ވިހެއުމަށް ފަހު މާ ގިނައިރުތަކެއް ނުވަނީސްކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ބުންޏެވެ.

"ހަމަ ފްރެޝްކޮށް އޮތީ. ހީވަނީ ފަތިހު ހެން އެ ކުއްޖާ ވިހެއީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ކުއްޖާގެ ގައިގައި އެއްވެސް ޒަޚަމެއް ވެސް ނެތް ކަމަށެވެ. އެހެންކަމުން ލަފާ ކުރެވެނީ ކުއްޖާ މަރާލާފައި ވަނީ ނޭވާ ހާސްކުރުމަށް ފަހު ކަމަށް އޭނާ ބުންޏެވެ.

މީގެ ކުރިން މި ނޫހާ ވާހަކަ ދައްކަމުން އެ ރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން ވިދާޅުވީ، ތުއްތު ކުއްޖާ ފެނުނީ ރަށުގެ ގެތަކުންނާއި ގެސްޓްހައުސްތަކުން ނެގި ކުނީގެ ތެރެއިން ކަމަށެވެ.

އުސްމާނު ވިދާޅުވި ގޮތުގައި ތުއްތު ކުއްޖާ ފެނިފައި ވަނީ ކުނި ނެގުމަށްފަހު ސެންޓަރަށް ގެންގޮސް ނައްތާލުމަށްޓަކާ ކޮތަޅުތަކުން ކުނި ނެގުމުގެ ތެރެއިންނެވެ.

އޭނާ ވިދާޅުވީ، ކުއްޖާ ފެނުމާއެކު ސެންޓަރުން އެ ކަން ކައުންސިލަށް އެންގި ކަމަށެވެ. އަދި، ކައުންސިލުން އެކަން ވަގުތުން ފުލުހަށް ރިޕޯޓު ކުރިކަމަށެވެ.

ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް