އިދިކޮޅު އެމްޑީޕީން މި ފަހުން ބޭއްވި އިހުތިޖާޖުތަކުގައި އިސްކޮށް ހަރަކާތްތެރިވި އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް މިދިޔަ މަހު 17 ވަނަ ދުވަހު ކަޅުތެޔޮ ޖެހި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރުތުތަކަކާ އެކު އިއްޔެ ބަންދުން ދޫކޮށްލައިފިއެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ އަހުމަދު ރިޝްމާހު (20އ) ސަންލައިޓް ވިލާ، ގއ. ދާންދޫއެވެ. އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ. އަދި، މިދިޔަ މަހުގެ 28 ވަނަ ދުވަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
އޭރު ބަންދަށް ޖެހި 15 ދުވަސް ހަމަވެ، އިއްޔެ އަލުން ކޯޓަށް ހާޒިކުރުމުން ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލަން ވަނީ އަމުރުކޮށްފައެވެ.
އޭނާ ބަންދުން ދޫކޮށްލީ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެއްބަސްވުމާ އެކު ޝަރުތުތަކެއް ކުރުމަށް ފަހުގައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ ރިޝްމާހަށް ތުހުމަތުކުރެވެނީ ޖިނާއީ ކުޑަ ކުށަކަށް ކަމަށާއި އަދި ބަންދުގައި 15 ދުވަސް ހޭދަކޮށްފައިވާތީ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭން ޝަރުތުކޮށްފައިވާތީ ބަންދަށް ލުއިދޭން ނިންމީ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި ހައްޔަރުކުރީ ކަޅުތެޔޮ ޖެހިއިރު ސައިކަލު ދުއްވަންއިން މީހާއެވެ. އޭނާ ވަނީ ފަހަތުގައި އިން މީހާގެ މައުލޫމާތު ހިއްސާކޮށްފައި ކަމަށް ބަންދު ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ރިޝްމާހު ދޫކޮށްލުމާ އެކު ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އެ ކަމަށް ނުރުހުން ފާޅުކޮށްފައެވެ.
އެ ގޮތުން، އޭނާ ވިދާޅުވީ، ސައިކަލު ދުއްވި މީހާއާއި އޭނާގެ ފަހަތުގައި އިން މީހާ ވެސް ސީސީޓީވީ ފޫޓޭޖުން ފެންނަން ހުރި ކަމަށާއި އަދި އެއީ ކާކުކަން ފުލުހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އޭނާ ވަނީ އެ ރިޝްމާހް ދޫކޮށްލީ ސީދާ 'ރިޔާސީ ގަނޑުވަރުން' އަންނަ ޕްރެޝަރަށް ކަމަށް ތުހުމަތުކޮށްފައެވެ. މަންދީއަކީ މީކާއިލްގެ މަންމައެވެ.
މަންދީގެ ގަޔަށް ކަޅުތެޔޮ ޖަހައިފައިވަނީ، އޭނާ ސައިކަލު ދުއްވައިފައި ދިޔަ ވަގުތު އޭނާއާ ފާރަލީ ބަޔަކެެވެ. އެ ހާދިސާ ހިނގުމާ އެކު ފުލުހުން ވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
އެ ހާދިސާ ހިނގައިފައިވަނީ އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅޭ ގޮތުން ދެއްކި ވާހަކައެއްގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އޭނާވަނީ، ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ކުރެއްވުމުން ކަމަށް ތުހުމަތުކޮށްފައެވެ.