ހެލިކަޕްޓަރު އޮޕަރޭޓް ކުރުމާ ގުޅުން ހުރި މަޝްވަރާތައް އަދިވެސް ކުރިއަށްދޭ: އިންޑިއާ އޮފިޝަލުން

ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެގައުމުގެ ސިފައިން އޮޕަރޭޓް ކުރާ ހެލިކަޕްޓަރުތަކާ ގުޅުންހުރި މަޝްވަރާތައް މިހާރު ވެސް ކުރިއަށްދާ ވާހަކަ އިންޑިއާގެ ސަރުކާރުގެ އޮފިޝަލުން ވިދާޅުވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަށް ފަހު އިއްޔެ ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އިންޑިއާއިން ސިފައިން ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެކަމާ ގުޅުން ހުރި މަސައްކަތްތައް މިހާރު ފަންނީ ލެވެލެއްގައި ކުރިއަށްދާ ކަމަށެވެ.

https://sun.mv/185593

އިންޑިއާގެ 'ދަ ވަޔާ' ނޫހުގައި، އިންޑިއާގެ ރަސްމީ މަސްދަރުތަކަކާ ހަވާލާދީ ބުނެފައިވާ ގޮތުން ސިފައިން ގެންދިޔުމުގެ އެއްބަސްވުމަކާ ގުޅޭ ގޮތުން އެގައުމުގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީން ރަސްމީކޮށް މިހާތަނަށް އެއްޗެކޭ ބުނެފައިނުވެއެވެ.

ނަމަވެސް ދުބާއީގައި އޮތް ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްކެވި ވާހަކަފުޅުގައި އެކަމާ ގުޅުން ހުރި މަޝްވަރާތައް ކޮންމެވެސް ވަރަކަށް ކުރިއަށް ގެންދިޔަ ކަމަށް އޮފިޝަލުން ވިދާޅުވި ކަމަށް ވަޔާ ނޫހުގައިވެއެވެ.

އެ ނޫހުގައިވާ ގޮތުން، ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި ކާރިސާއެއް ދިމާވެއްޖެ ހާލަތުގައި އެހީ ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. އެގޮތުން ސިފައިން ތިބީ ދެ ހެލިކަޕްޓަރާއި ޑޯނިއާ އެއާކްރާފްޓް އޮޕަރޭޓް ކުރަން ކަމަށް އޮފިޝަލުން ވިދާޅުވި ކަމަށް އެ ނޫހުގައިވެއެވެ.

"އެ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން މިހާރުވެސް ދަނީ މަޝްވަރާކުރަމުން. ދެ ގައުމުން އެކުލަވާލުމަށް އެއްބަސްވެފައިވާ ކޯ ގުރޫޕުން މި މަސައްކަތް ކުރިއަށްގެންދާނެ ގޮތާ ބެހޭ ތަފްސީލުތައް ކަނޑައަޅާނެ،" އޮފިޝަލުންނާ ހަވާލާދީ ދަ ވަޔާގައިވެއެވެ.

މީގެ އިތުރުން، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ ބޭނުންތެރިކަމާއި ދެ ގައުމުން ހަދާފައިވާ ތަރައްގީގެ ޕާޓްނާޝިޕްގައި އެކަމުގެ މުހިންމުކަން ދިވެހި ސަރުކާރުން ބަލައިގެންފައިވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވި ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ހަމައެއާއެކު، ދެ ގައުމުން އުފައްދާ މަތީ ފަންތީގެ ކޮމިޓީގެ ހަމައެކަނި ބޭނުމަކީ އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ދިމާވާ ދަތިތައް ހައްލުކުރުން ނޫން ކަމަށް ވެސް އެ އޮފިޝަލުން ވިދާޅުވެފައިވެއެވެ.

އެގޮތުން އެ ކޮމިޓީ އުފެއްދުމުގެ މަގުސަދު ކަމަށް ދެ ގައުމުން އެއްބަސްވެފައި ވަނީ، ހެލިކަޕްޓަރާއީ ޑޯނިއާ އެއާކްރާފްޓްގެ އޮޕަރޭޝަންތައް ކުރިއަށްގެންދިޔުމާ ގުޅުން ހުރި ކަންކަން ނިންމުން ކަމަށާއި އެއީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ގުޅުން ހުރި ކަމެއް ކަމަށް އެ އޮފިޝަލުން ވިދާޅުވެފައިވެއެވެ.

މި ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ގާއިމުވެ އެބަތިއްބެވެ.

އެ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް ޑރ. މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދެވެ. އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ޖެހިގެން އައި ދުވަހު ސަރުކާރުން ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް ރަސްމީކޮށް އެދިފައެވެ.

comment ކޮމެންޓް