އައްޑޫ މާރާމާރީ: ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދަށް

އައްޑޫ ސިޓީ ހިތަދޫ --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިއަދު އަމުރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ ކޯޓަށް ހާޒިރުކުރުމުން އެ އެންމެންގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އާއި 19 އާއި 20 އާއި 23 އަހަރުގެ ޒުވާން ފިރިހެނުންނެވެ.

ހިތަދޫގެ ދެ ގޭންގުގެ ދެމެދުގައި ނުރައްކާތެރި މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

އެ މާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ވެފައެވެ.

އެ މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް އިއްޔެ ވަނީ މާލެ ގެނެސްފައެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހުކުރު ދުވަހުގެ މާރާމާރީއަށް ފަހު އިއްޔެ ވެސް ހިތަދޫގައި މާރާމާރީއެއް ހިންގައިފައިވެއެވެ.

އިއްޔެ މެންދުރު ފަހު 15:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފައިވަނީ 20 އަހަރުގެ ޒުވާން ފިރިހެނެކެވެ.

އެ މީހާގެ ބަނޑަށާއި ކޮނޑަށް ވަޅި ހަރާފައިވާ ކަމަށާއި އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް އިކުއަޓޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އޭނާ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ފޮނުވުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެެވެ.

ދުވަސްތަކެއް ވަންދެން ހިމޭންވެފައި އޮތުމަށް ފަހު، މި ފަހުން އައްޑޫގެ އިތުރުން މާލޭގައި ވެސް ވަނީ ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރީތައް ހިނގައިފައެވެ. އެހެންވެ، ފުލުހުން ވަނީ އައްޑުއާއި މާލޭގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައެވެ.

comment ކޮމެންޓް