މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ޚާއްސަކޮށް ބަހުސެއް ބާއްވަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ނިންމައިފިއެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިޚާބުވެވަޑައިގެން މިމަހުގެ 17ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމާ ގުޅިގެންނެވެ.
'ސަން' އާ ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ މާލެ ސިޓީ މޭޔަރުކަމަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ބަހުސް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ސީދާ ވަކި ތާރީޚެއް ކަނޑައަޅާފައި ނުވާ ކަމަށް ޒީނާ ވިދާޅުވިއެވެ.
ޕީއެސްއެމުން ބުނީ، އެ ކުންފުނިން ކުރިއަށް ގެންދަން ނިންމާފައިވާ މޭޔަރުންގެ ބަހުސަކީ، މާލެ ސިޓީގެ ތަރައްގީއަށް އެ ބޭބޭފުޅުން ގެންގުޅުއްވާ ތަސައްވުރާއި، ކުރިއަށް ގެންދަވާނެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނާ ހަމައަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވަން ނިންމާފައިވާ ބަހުސެއް ކަމަށެވެ.
އަދި ހުރިހާ ކެންޑިޑޭޓުންގެ ފިކުރު އެކި ދާއިރާތަކުން އެނގި، އެންމެ އެކަށޭނަ މޭޔަރަކު އައްޔަންކުރުމަށް ރައްޔިތުންނަށް ފަހިކޮށްދިނުމަކީ ވެސް މި ބަހުސް ބާއްވާ އެއް ބޭނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މާލެ މޭޔަރުކަމުގެ މަގާމަށް ކުރިމަތި ލައްވާނެކަން މިހާތަނަށް އިއުލާނުކުރައްވައިފައިވާ ބޭފުޅުންގެ ތެރޭގައި:
- ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލޭ ސިޓީގެ ކައުންސިލް މެމްބަރު ސައިފް ފާތިހު
- ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު
- އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް
- އަލަށް އުފައްދާ ޕީއެންއެފްގެ ފަރާތުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު
މޭޔަރަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލިމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަދި އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އިންތިޚާބު ބާއްވާނެކަމަށް ވެސް އީސީން ވަނީ އިއުލާނުކޮށްފައެވެ.