އައްޑޫގައި އިތުރު މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމްކޮށްލައިފި

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ފޭދޫއާއި ގުޅުވާފައިވާ ލިންކް ރޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގައި މިއަދު އިތުރު މާރާމާރީއެއް ހިންގައި، ޒުވާނަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، ހިތަދޫގައި ދެ ގުރޫޕެއްގެ މެދުގައި މާރާމާރީއެއް ހިންގާފައިވާ ކަމަށް މިއަދު 15:30 ހާއިރު ވަނީ ރިޕޯޓުކޮށްފައެވެ.

އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލަދީ 20 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ އިތުރުން، މިދިޔަ ހުކުރު ދުވަހުގެ ރޭ އައްޑޫގައި ހިންގި ނުރައްކާތެރި ގޭންގު މާރާމާރީއެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެ މާރާމާރީގައި ޒަޚަމްވި މީހާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މިއަދު ވަނީ މާލެ ގެނެސްފައެވެ.

https://sun.mv/185587

އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ހަތަރު ޒުވާނަކު ހައްޔަރުކޮށްފައެވެ. އެއީ 18، 19، 20 އަދި 23 އަހަރުގެ ދިވެހި ޒުވާނުންތަކެކެވެ.

ދުވަސްތަކެއް ވަންދެން ހިމޭންވެފައި އޮތުމަށް ފަހު، މި ފަހުން އައްޑޫގެ އިތުރުން މާލޭގައި ވެސް ވަނީ ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިފައެވެ. އެހެންވެ، ފުލުހުން ވަނީ އައްޑުއާއި މާލޭގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައެވެ.

މިދިޔަ ބުދަ ދުވަހު މާލޭ ބޭރުމަގުން, ހެންވެއިރު ޗީބޯ ކައިރީ ހިންގި މާރާމާރީގައި ބައިވެރިވިކަމުގެ ތުހުމަތުގައި ވެސް ފުލުހުން ތިން މީހަކު ހައްޔަރުކުރިއެވެ. އެއީ، އުމުރުން 18 އަހަރާއި، 22 އަހަރާއި، 24 އަހަރުގެ ތިން މީހުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

comment ކޮމެންޓް