ކަރަންޓު ޚަރަދު ކުޑަކުރަން ޑައިކިންއިން ޗިޕެއް އުފައްދަނީ

ޖަޕާނުގެ އެއާކޮންޑިޝަނަރު އުފައްދާ މައި ކުންފުނި ޑައިކިންއިން ކަރަންޓް ޚަރަދު ކުޑަކުރުމަށް އެ ކުންފުނީގެ އަމިއްލަ ކަސްޓަމް މޭޑް ޗިޕް ނުވަތަ ސެމިކޮންޑަކްޓަރުތަކަށް ބަދަލުވާން ވިސްނަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި މާލީ އަހަރުގެ ތެރޭގައި 10 މިލިއަން ހޯމް އެއާ ކޮންޑިޝަނާ އުފައްދާނެ ކަމަށް އުއްމީދުކުރާ، ޖަޕާނުގެ އޮސާކާގައި ހެޑްކުއާޓާސް ހުންނަ ޑައިކިން ކުންފުނިން ބުނީ ޖަޕާނުގެ ޗިޕް އުފައްދާ ކުންފުންޏަކާ ގުޅިގެން އެ ކުންފުނީގެ އެއާކޮންޑިޝަނަރުތަކުގައި ބޭނުންކުރާ އިންވާޓާތަކަށް ބޭނުންވާ ލޮޖިކް ޗިޕްތައް ކަސްޓަމައިޒްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަކަތަ ރައްކާކުރުމަށް އެއާކޮންޑިޝަނަރެއްގެ މޯޓަރުގެ ސްޕީޑް އިންވާޓާސްއިން އަމިއްލައަށް އެޑްޖަސްޓް ކުރާނެއެވެ. އެއީ، ޖަޕާނާއި ޔޫރަޕިއަން ޔޫނިއަންގައި ޢާއްމު ކަމެއް ނަމަވެސް އެމެރިކާގައި ވަރަށް މަދުން ނޫނީ ނުފެންނަ އެއްޗެކެވެ.

މި ކަސްޓަމް ޗިޕްތަކުގެ އަގު، މިހާރު ހުންނަ ޗިޕްތަކަށް ވުރެ ބޮޑު ނަމަވެސް އެނާޖީ އެފިޝިއެންސީ ރަނގަޅުވެ، އެހެނިހެން ކޮމްޕޯނެންޓްތައް ބޭނުންކުރުން މަދުކުރެވޭނެ ކަމަށް ޑައިކިންއިން ބުނެއެވެ.

"އެއާ ކޮންޑިޝަނަރެއްގެ ކޮމްޕްރެސަރާއި މޯޓަރުގެ ފުލް ޕާފޯމަންސް ނެރުމަށް ޗިޕް ޕާފޯމަންސް ރަނގަޅު ކުރަން ޖެހޭ، ނޫނީ ލިމިޓަކަށް އަރާނެ،" ޑައިކިންގެ ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން ސެންޓަރުގެ ޖެނެރަލް މެނޭޖަރު ޔޫޖީ ޔޮނެޑާ ވިދާޅުވެފައިވެއެވެ.

ކުރިއަށް އޮތް 2025 ވަނަ އަހަރުން ފެށިގެން މަތީ ފަންތީގެ އެއާކޮންޑިޝަނަރުތަކުގައި ޗިޕްތައް ތައާރަފުކުރަން ފަށަން ޑައިކިން ވިސްނަމުންދާއިރު، މި ދިހަ އަހަރު ނިމުމުގެ ކުރިން ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ޔުނިޓުގައި ޗިޕް ބޭނުންކުރުމަށް ޑައިކިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޖަޕާނުގައި އުފެއްދި ފުރަތަމަ އެއާކޮންޑިޝަނަރު 1951 ވަނަ އަހަރު އުފެއްދި އެ ކުންފުނިން އަންނަނީ އެއާކޮންޑިޝަނަރުގެ ކަރަންޓް ސަޕްލައި ބެލެހެއްޓުމަށް އެހީތެރިވެދޭ ކަސްޓަމައިޒްޑް ޕަވާ މޮޑިއުލްތަކެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އިންޓަނޭޝަނަލް އެނާޖީ އެޖެންސީން ބުނާ ގޮތުގައި 2050 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއާކޮންޑިޝަނަރުގެ އަދަދު ތިން ގުނައަށް ވުރެ އިތުރުވެ 5.6 ބިލިއަން ޔުނިޓަށް އަރާނެއެވެ.

comment ކޮމެންޓް