ޕިޔޮންގްޔަންގް (03 ޑިސެންބަރު 2023): އުތުރު ކޮރެއާއިން ޖައްވަށް ފޮނުވި ސެޓްލައިޓާމެދު އެމެރިކާ ކަންބޮޑުވުން ފާޅުކޮށް އެއަށް ގޯނާ ކޮށްފާނެކަމުގެ އިޝާރާތެއް ދީފައިވާތީ އުތުރުކޮރެއާއިން އެމެރިކާއަށް ހަރުކަށި އިންޒާރެއް ދީފިއެވެ.
އެމެރިކާއަށް ރައްދު ދެއްވަމުން އުތުރު ކޮރެއާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ އެމެރިކާއިން އުތުރުކޮރެއާގެ ސެޓަލައިޓަށް އެއްވެސް ގޯނާއެއްކޮށްފިނަމަ އެއީ ހަނގުރާމަ އިއުލާނުކުރުން ކަމަށާއި އެހާލަތުގައި، އެމެރިކާގެ ސެޓަލައިޓްތައް ގޮއްވާލަން އުތުރުކޮރެއާ ފަސް ނުޖެހޭނެ ކަމުގައެވެ.
އެމެރިކާ ގިނަކަންކަން ކުރަނީ ސެޓަލައިޓްތަކުގެ އެހީގައި ކަމަށްވާތީ ސެޓަލައިޓް ހަނގުރާމައެއް ކުރަންޖެހިއްޖެނަމަ ބޮޑަށް ގެއްލުންވާނީ އެމެރިކާއަށް ކަމަށްވެސް އުތުރުކޮރެއާގެ ތަރުޖަމާނު ވިދާޅުވިއެވެ.
އުތުރުކޮރެއާ މީގެ 11 ދުވަސްކުރިންވަނީ "މާލިންގް ޔޮންގް-1"ގެ ނަމުގައި ޖައްވަށް ފުރަތަމަ ފަހަރަށް ސެޓަލައިޓެއް ފޮނުވާލާފައެވެ. ޖައްވުގެ އޯބިޓެއްގައި މި ސެޓަލައިޓް ބެހެއްޓުމުގައި އުތުރުކޮރެއާ ކާމިޔާބު ހޯދާފައި މިވަނީ ސެޓަލައިޓެއް ފޮނުވަން ދެފަހަރެއްގެ މަތިން އެގައުމުން ކުރިމަސައްކަތް ނާކާމިޔާބުވެފައި ވަނިކޮށެވެ. ތިންވަނަ ފަހަރު މިމަސައްކަތް ކާމިޔާބުވުމުން އުތުރުކޮރެއާއަށްވަނީ ފަޒާގެ ޓެކްނޮލޮޖީގެ މިދާއިރާގައި އަމިއްލަ ނަފްސުގެ އިތުބާރު ވަރަށް ބޮޑަށް ލިބިފައެވެ.
އަމިއްލަ ޓެކްނޮލޮޖީގައި ސެޓަލައިޓް ޖައްވަށް ފޮނުވުމުގެ ގާބިލްކަން ލިބިފައިވަނީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މަދު ގައުމަކަށެވެ. އުތުުރުކޮރެއާ މިހާރުވަނީ މިލިސްޓުން ޖާގަ ހޯދާފައެވެ. އުތުރުކޮރެއާ އަކީ ދުރުރާސްތާގެ ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީ ތަރައްގީ ކުރުމުގައި ދުނިޔޭގެ އެންމެ ކުރީ ސަފުގައި އުޅޭ ގައުމެކެވެ. އެމެރިކާގެ ގުއާމް އަށާއި އެމެރިކާގެ އިރުމަތީ ބައްރަށް ފޯރާވަރުގެ ދުރުރާސްތާގެ މިސައިލް އުތުރުކޮރެއާ އުފައްދައެވެ.
މީގެއިތުރުން އުތުރުކޮރެއާ ވަނީ ދިފާއީ އައްޑަނައެއްގެ ގޮތުގައި ނިއުކްލިޔާ ހަތިޔާރުގެ ގާބިލުކަންވެސް މީގެ ފަނަރަ ވަރަކަށް އަހަރުކުރިން ހޯދާފައެވެ. އަދި އެއްހާސް ނިއުކްލިޔާ ބޮމުގެ ބާރު ލިބިފައިވާ ހައިޑްރިޖަން ބޮންވެސް އުތުރުކޮރެއާ މީގެ ހައެއްކަ އަހަރުކުރިންވަނީ އުފައްދާފައެވެ.
އެހެންކަމުން އެމެރިކާއިން އުތުރުކޮރެއާގެ އަވަށްޓެރި ދެކުނު ކޮރެއާގައި ގިނަ އަދަދެއްގެ ހަތިޔާރާއެކު 33 ހާސް ސިފައިން ބައިތިއްބާފައިވީނަމަވެސް އަދި ދެކުނު ކޮރެއާގައި އެމެރިކާގެ ބޮޑު އަސްކަރީ ބޭހެއް އޮތްނަމަވެސް އުތުރުކޮރެއާއަށް ގޯނާކުރަން އެމެރިކާ އަކަށް ނުކުރެއެވެ. ހަރުކަށި އިންޒާރުތައް ދިނުމާއ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ފިޔަވައި އެހެންކަމެއް ކުރާކަށް އެމެރިކާއަކަށް ނުކުރެއެވެ.
އެމެރިކާއަކީ އެގައުމުން ހުރިހާ ބާވަތެއްގެ ނުރައްކާތެރި ހަތިޔާރު އުފައްދާފައި އުތުރުކޮރެއާ ފަދަ އެމެރިކާއާ އިދިކޮޅު ގައުމަކުން ހަތިޔާރު އުފައްދާނަމަ އެއީ ދުނިޔެއަށް ހުރި ނުރައްކަލެއްކަމަށް ބުނެ ހަގީގަތް އޮޅުވާލުމާއި ދޮގު ޕްރޮޕަގެންޑާތައް ފެތުރުމުގައި ވަރަށް ކުރީގައި އުޅޭ ގައުމެކެވެ.
އަދި ބާރުގަދަ ހަތިޔާރު އުފެއްދުމުގެ މަސައްކަތް އެމެރިކާއާއި އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިވާ ގައުމުތައް ފިޔަވައި އެހެން ގައުމަކުން ކުރާނަމަ އެގައުމަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ހަރުކަށި އަދި ދެފުށްދެގޮތް ސިޔާސަތު ތަކެއްވެސް އެމެރިކާ ގެންގުޅެއެވެ.
ނަމަވެސް ދުނިޔޭގެ ގައުމުތަކަށް އަރައިގަނެ އާންމުން މެރުމާއި ބައިނަލްއަގްވާމީ އަމަނާ ސުލްހައަށް ނުރައްކާވާ ޒާތުގެ ޖަރީމާތައް ހިންގުމުގެ ޓްރެކް ރެކޯޑު އޮންނަ ގައުމަކީ އެމެރިކާއެވެ. އުތުރު ކޮރެއާ އެއްނޫނެވެ. ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ގަތުލުއާންމުތައްވެސް އިސްރާއީލުން ކުރިޔަށްގެންދަނީ އެމެރިކާގެ އެހީގައެވެ.
އަމިއްލަ ޓެކްނޮލޮޖީގައި ޖައްވަށް ސެޓަލައިޓެއް ފޮނުވުމުގައި އުތުރުކޮރެއާ ކާމިޔާބު ހޯދުމުން އެމެރިކާއަށްވަނީ އެކަން ހަޖަމުކުރަން ދަތިވެފައެވެ. އެމެރިކާގެ ސްޕޭސް ކޮމާންޑްގެ ތަރުޖަމާނު ޗެރީ ކްލިންކެލް ވިދާޅުވިގޮތުގައި ފަޒާއިން އެމެރިކާގެ އަސްކަރީކަންކަމަށް ޖާސޫސު ކުރުމުގެ ގާބިލުކަން އުތުރުކޮރެއާއަށް ލިބިގެންދިޔުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫނެވެ. އުތުރުކޮރެއާގެ އެގާބިލުކަން ނެތިކޮށްލުމަށް މަސައްކަތްކުރާނެ ކަމުގެ އިންޒާރުވެސް ޗެރީ ދެއްވިއެވެ.
އުތުރުކޮރެއާގެ ތަރުޖަނާމު ވިދާޅުވިގޮތުގައި އެގައުމުން ޖައްވަށް ފޮނުވާފައިވާ "މާލިންގް ޔޮންގް-1" އަކީ ދެކުނު ކޮރެއާގައިވާ އެމެރިކާ އަސްކަރީ ބޭސްތަކާއި ދެކުނު ކޮރެއާގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތައް ޖައްވުން ފާރަލައި ޖާސޫސު ކުރުމުގެ ގާބިލުކަން ލިބިފައިވާ ސެޓަލައިޓެކެވެ. ދެކުނު ކޮރެއާގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކަކީ އުތުުރުކޮރެއާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަމަށްވާތީ އުތުރުކޮރެއާ އެކަންކަން ވަރަށް ގާތުންބަލައި ފާރަވެރިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އުތުރުކޮރެއާގެ ސެޓަލައިޓަށް ކުޑަވެސް ގޯނާއެއްކޮށްފިނަމަ ޖައްވުގައިވާ އެމެރިކާގެ ސެޓަލައިޓްތަކަށް އަމާންކަން ނޯންނާނެކަށާއި އެހާލަތުގައި އެމެރިކާގެ ސެޓަލައިޓްތައް ގޮއްވާލުމަކީ އުތުރުކޮރެއާ ފަސްޖެހޭނެ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.