ގްރީންލޭންޑް ކޮންޓްރޯލު ކުރަން ޖެހޭނީ ޑެންމާކުން ނޫން ކަމަށާއި އެމެރިކާއިން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް ވިދާޅުވެއްޖެއެވެ.
ތުރުކީގައި އިއްޔެ ފެށި ނޭޓޯ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންނާ މެދު ހިތްހަމަޖެހިވަޑައިނުގެން ޓްރަމްޕް ވިދާޅުވީ އެ ސަމިޓް ތުރުކީ ނޫން އެހެން ގައުމެއްގައި ބޭއްވިނަަމަ ބައިވެރިވެވަޑައި ނުގެންނެވީސް ކަމަށެވެ.
ޓްރަމްޕް ވަނީ ނޭޓޯގެ އެކުވެރި ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"އެއީ ނޭޓޯއާ އެކު އަހަރެންގެ ގުޅުން ހީނަރުވި ކަމެއް. ސަބަބަކީ ގްރީންލޭންޑުން ޑެންމާކަށް އެހީތެރިކަމެއް ނުދޭތީ," ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވިއެވެ.
"ޑެންމާކުން ގްރީންލޭންޑަށް ހަގީގަތުގައި އެހީތެރިވުމަށް ފައިސާ ހޭދައެއް ނުކުރި. ނަމަވެސް އެއީ އެމެރިކާއަށް މުހިންމު ބައެއް. އަދި ޗައިނާގެ ބޯޓުތަކާއި ރަޝިޔާގެ ބޯޓުތަކުން ވަށާލެވިފައިވާ ތަނެއް," ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާ، ރަޝިޔާ އަދި ޔޫރަޕާ ދެމެދު ގްރީންލޭންޑް އޮތުމުން އެއީ ވަރުގަދަ ޖިއޮޕޮލިޓިކަލް އެސެޓަކަށް ވާތީ، ރަޝިޔާ އާއި ޗައިނާގެ މަސްލަހަތުން ޖަޒީރާ ހިމާޔަތް ކުރުމަށް ޑެންމާކަށް ބަރޯސާ ނުވެވޭނެ ކަމަށް ޓްރަމްޕް އަބަދުވެސް ވިދާޅުވެއެވެ.
ނޭޓޯގެ އިއްތިހާދު ބިނާވެފައި ވަނީ އެ ގައުމުގެ 32 މެންބަރުން އެއްގައުމު އަނެއް ގައުމެއްގެ ސަރަހައްދު ދިފާއުކޮށް، އެ ސަރަހައްދު އަތުލުމުގެ އިންޒާރު ނުދޭނެ އުސޫލުގެ މައްޗަށެވެ.
ޓްރަމްޕްގެ ވާހަަކަފުޅާ ގުޅިގެން ޑެންމާކުގެ ބޮޑުވަޒީރު މެޓް ފްރެޑްރިކްސަން ވިދާޅުވީ އެކުވެރި ގައުމުތަކުން ޑެންމާކުގެ ރަސްކަމުގެ އިސްތިގުލާލަށް އިހުތިރާމްކޮށް ގްރީންލޭންޑަކީ ވިއްކާ ތަނެއް ނޫންކަން ގަބޫލުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އެމެރިކާއިން ގްރީންލޭންޑްގެ މިލްކުވެރިކަމާއި ހަވާލުވާން ބޭނުންވާކަން އެނގޭ. އަޅުގަނޑު އުންމީދު ކުރަނީ މިކަން ނުވާނެކަން ވެސް ހަމަ އެހާމެ ރަނގަޅަށް އެނގޭނެ ކަމަށް," ފްރެޑެރިކްސަން ވިދާޅުވިއެވެ.
ގްރީންލޭންޑްގެ ޚާރިޖީ ވަޒީރު މޫޓޭ އެގޭޑޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގްރީންލޭންޑްގެ މުސްތަގުބަލު ނިންމަން ޖެހޭނީ އެ ގައުމުގެ ރައްޔިތުން ކަމަށެވެ.
ޔޫރަޕްގެ ސަރަހައްދެއްގެ ގޮތުގައި އޮތް ގްރީންލޭންޑް ހިފަން ބޭނުންވާކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވުމާއި، ޔޫކްރެއިން ހަނގުރާމައިގެ މައްސަލައިގައި ޔޫރަޕްގެ ގިނަ ގައުމުތަކާއި އެމެރިކާގެ ގުޅުން މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ޓްރަމްޕް، ދުނިޔޭގެ އެންމެ ބޮޑު ރަށް ކަމަށްވާ ގްރީންލޭންޑް ގަތުމުގެ ޝައުގުވެރިކަން ފުރަތަމަ ފާޅުކުރެއްވީ 2019 ވަނަ އަހަރު އޭނާގެ ފުރަތަމަ ރިޔާސީ ދައުރުގައެވެ. ނަމަވެސް، ޑެންމާކް ސަރުކާރުން އެކަމަށް އިންކާރުކޮށް، ގްރީންލޭންޑަކީ "ވިއްކަން އޮތް ތަނެއް ނޫން" ކަމަށް ބުނުމުން، އޭރުވެސް ދެ ގައުމުގެ ދެމެދުގައި ބޮޑު ސިޔާސީ ނުތަނަވަސްކަމެއް އުފެދުނެވެ.
ގްރީންލޭންޑަކީ ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ އަމިއްލަ އިދާރީ ހިންގުމެއް އޮންނަ ސަރަހައްދެކެވެ. އާކްޓިކް ސަރަހައްދުގައި އޮންނަ މި ރަށަކީ ގުދުރަތީ ގޭހާއި، ތެލާއި، އަދި ނާދިރު މައުދަންތަކުން މުއްސަނދި ތަނެކެވެ.
މީގެ އިތުރުން ރަޝިޔާއާއި ޗައިނާއިން އާކްޓިކް ސަރަހައްދުގައި ބާރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، ގްރީންލޭންޑަކީ އަސްކަރީ ގޮތުންނާއި ޖިއޯ-ޕޮލިޓިކަލް ގޮތުން އެމެރިކާއަށް ނުހަނު މުހިންމު ސަރަހައްދެކެވެ.