ޗައިނާގެ ޑީޕްސީކް އިން އަމިއްލަ އޭއައި ޗިޕެއް އުފައްދަނީ

މިއީ އެމެރިކާއަށް ބަރޯސާވުން ކުޑަކުރުމަށް ޑީޕްސީކުން ހިންގާ މަޝްރޫއެއް --- ފޮޓޯ: ރޮއިޓާސް

ޗައިނާގެ މަޝްހޫރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި ޑީޕްސީކް އިން، އެމެރިކާގެ އެންވީޑިއާ އާއި ޗައިނާގެ ވާވޭ ފަދަ ކުންފުނިތަކުގެ ޗިޕްތަކަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން އަމިއްލަ އޭއައި ޗިޕެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފިއެވެ.

މި މަސައްކަތާ ބެހޭ މަޢުލޫމާތު ހުރި ފަރާތްތަކާ ޙަވާލާދީ ރޮއިޓާސް އިން ބުނި ގޮތުގައި، މި ޗިޕަކީ އޭއައި މޮޑެލްތައް ތަމްރީނު ކުރުމުގެ ބަދަލުގައި، ބޭނުންކުރާ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބު ތައްޔާރުކޮށްދޭ 'އިންފަރެންސް' މަރުޙަލާގައި ބޭނުންކުރުމަށް ޚާއްޞަކޮށްގެން ފަރުމާކުރާ ޗިޕެކެވެ.

މި މަޝްރޫޢު ކާމިޔާބުވެއްޖެ ނަމަ، މިއީ ޗައިނާގެ އޭއައި ދާއިރާގެ އެންމެ ކުރީގައި އުޅޭ ޑީޕްސީކް ކުންފުންޏަށް އަންނާނެ ވަރަށް ބޮޑު ސްޓްރެޓީޖިކް ބަދަލެކެވެ. އަދި މީގެ ސަބަބުން ޗައިނާގެ މާކެޓުގައި މިހާރު ބޮޑު ހިއްސާއެއް އޮތް ވާވޭ ކުންފުންޏަށް ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް މާހިރުން ލަފާކުރެއެވެ.

ޑީޕްސީކް އިން މި މަސައްކަތް ފަށާފައި މިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން ކަމަށްވާއިރު، ފަހަކަށް އައިސް އެ ކުންފުނިން ދަނީ އާންމުކޮށް އިޢުލާން ނުކޮށް، ސިއްރުގޮތެއްގައި ޗިޕް ޑިޒައިން ކުރާ އިންޖިނޭރުން އިތުރަށް ވަޒީފާއަށް ނަގަމުންނެވެ.

ޗައިނާގެ ބެއިޖިންގައި ހުންނަ ޗައިނާގެ ސްޓާޓްއަޕް ކުންފުނީގެ އޮފީސް ހުންނަ އިމާރާތެއްގައި ޑީޕްސީކް އޭއައި ނިޝާނެއް ---- ފޮޓޯ: ރޮއިޓާސް

އަމިއްލަ ޗިޕް އުފެއްދުމަށް ޑީޕްސީކް އިން ކުރާ މި މަސައްކަތަކީ ދުނިޔޭގެ އެހެން ބޮޑެތި އޭއައި ކުންފުނިތަކުން ވެސް މިހާރު ގެންގުޅޭ ސިޔާސަތެކެވެ. އެގޮތުން އޯޕަންއޭއައި އިން ވެސް ދާދި ފަހުން ވަނީ ބްރޯޑްކޮމް ކުންފުންޏާ ގުޅިގެން އަމިއްލަ އިންފަރެންސް ޗިޕެއް ތައާރަފުކޮށްފައެވެ. އަދި އެންތުރޮޕިކް ކުންފުނިން ވެސް އަމިއްލަ ޗިޕް އުފެއްދުމާ މެދު ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއިން ޗައިނާއަށް އެންމެ ފަހުގެ އެންވީޑިއާ ޗިޕްތައް އެކްސްޕޯޓްކުރުން މަނާކުރުމާ ގުޅިގެން، ޑީޕްސީކް އިން މީގެ ކުރިން ވަނީ ޗައިނާގެ މާކެޓަށް ޚާއްޞަކޮށްގެން ނެރުނު އެންވީޑިއާގެ އެޗް800 ޗިޕާއި ވާވޭގެ އެސެންޑް ޗިޕްތައް ބޭނުންކޮށްފައެވެ. ނަމަވެސް އަމިއްލަ ޗިޕެއް އުފެއްދުމަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް ޗައިނާގެ ސަރުކާރުން ވެސް ބާރުއަޅަމުންދާ ކަމެކެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ޑީޕްސީކް އިން މިހާރު ދަނީ ބޭރުގެ ޗިޕް ޑިޒައިންކުރާ ކުންފުނިތަކާއި، ފައުންޑްރީތަކާއި އަދި މެމަރީ ކުންފުނިތަކާ އެކު މަޝްވަރާ ކުރަމުންނެވެ. އެހެންނަމަވެސް، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޗައިނާގެ ކުންފުނިތަކަށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޗިޕް އުފައްދާ ކާރުޚާނާތަކާއި ހައި-ބޭންޑްވިޑްތް މެމަރީ ޓެކްނޮލޮޖީ ލިބުމުގައި ބޮޑެތި ހުރަސްތަކެއް ހުރުމުން، މި މަސައްކަތް ކާމިޔާބުކުރުމަކީ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.

މި މަސައްކަތް ކުރިއަށްދާ ދަނޑިވަޅަކީ ޑީޕްސީކް އިން ފުރަތަމަ ފަހަރަށް ބޭރުގެ އިންވެސްޓަރުންގެ އަތުން ހަތް ބިލިއަން ޑޮލަރުގެ ފަންޑިންއެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއް ވެސް މެއެވެ.

comment ކޮމެންޓް