މަޖިލީހަށް އާ ނައިބު ރައީސަކު އިންތިޚާބުކުރުން މިރޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ދުރުކުރުމުގެ ޖަލްސާ ކުރިއަށް ދަނިކޮށް، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް މެންބަރަކު އައްޔަން ކުރުމަށް ބާއްވާ ޖަލްސާ މިރެއަށް ތާވަލުކޮށްފިއެވެ.

މިއަދު ހެނދުނު އޮތް މަޖިލީހުގެ ތިންވަނަ ދައުރުގެ 29 ވަނަ ޖަލްސާއަށް އޮތީ އީވާ ވަކިކުރުމުގެ ގަރާރު އެޖެންޑާކޮށްފައެވެ.

އެ ގަރާރު ހުށަހަޅައި، ދިފާއުވާން އީވާއަށް އެރުވި ފުރުސަތުގައި ވާހަކަފުޅު ދެއްކެވުމަށް ފަހު ނިންމަވައިލައްވަމުން އީވާ ވަނީ މަގާމުން ވަކިވާން ނިންމަވައި، އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވައިފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އީވާގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންކަން ހާމަކުރައްވައިފައެވެ.

އެހެންވެ، މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާ މިރޭ 8:30 ގައި އޮންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

https://sun.mv/185569

ވަކިކުރުމުގެ ގަރާރު ކުރިއަށްދަނިކޮށް އީވާ އިސްތިއުފާ ދެއްވުމާ ގުޅިގެން އެމްޑީޕީ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި ނުރުހުން ފާޅުކޮށްފައެވެ. އެކަމަކު، ނިޒާމީ ނުކުތާތައް ބަލައިނުގަނެ އަސްލަމް ވިދާޅުވީ، އީވާ އިސްތިއުފާ ދެއްވުމާ އެކު މިއަދުގެ ޖަލްސާ ނިމުނީ ކަމަށެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން އިސްވެ ހުށަހެޅީ މަޖިލީހުގެ 50 މެންބަރުންގެ ސޮޔާ އެކުގައެވެ.

އޭގެ ކުރިން އެމްޑީޕީން ވަނީ މަޖިލީހުގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ހުށަހަޅައިފައެވެ. އެ މައްސަލަ ވެސް ކުރިއަށް ގެންދިޔަ ނުދީ އެތައް ދުވަހެއްގައި ހިފެހެއްޓުމަށް ފަހު ނަޝީދު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފައެވެ.

comment ކޮމެންޓް