އުވައިޝް ވެންޓިލޭޓަރުން ނަގައިފި، ދެ މީހުންނަށް ފަރުވާދެނީ އައިސީޔޫގައި

އުވައިޝް ކުރިން ސަން އަށް އިންޓަވިއޫއެއް ދެނީ-- ސަން ފައިލް ފޮޓޯ

މިދިޔަ ބުދަ ދުވަހުގެ ރޭ ވިލާ ކޮލެޖު ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާން ވިޔަފާރިވެރިޔާ އަލީ އުވައިޝް ވެންޓިލޭޓަރުން ނަގާފައި ވާކަމަށް އޭނާއަށް ފަރުވާ ދޭ އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.

"ސަން"އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗުން ބުނީ، އޭނާ ވެންޓިލޭޓަރުން ނެގުމަށް ފަހު އައިސީޔޫގައި ފަރުވާ ދޭން ފަށާފައި ވާކަމަށެވެ.

https://sun.mv/185456

މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުވައިޝްގެ އިތުރުން، އަންހެނަކާއި ފިރިހެނަކަށެވެ.

އެކްސިޑެންޓުގައި ދެން އަނިޔާވި ފިރިހެން މީހާއަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ވެއެވެ. އޭނާއަށް ވެސް މިވަގުތު ފަރުވާ ދެނީ އައިސީޔޫގައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ހޮސްޕިޓަލުން ބުނީ، އަނިޔާވި އަންހެން މީހާއަށް މިވަގުތު ފަރުވާ ދެމުން ދަނީ ވޯޑުގައި އެޑްމިޓް ކޮށްގެން ކަމަށެވެ.

އުވައިޝާއި އެކްސިޑެންޓުގައި ދެން އަނިޔާވި މީހާގެ އާއިލާއަށް ގުޅޭ ގޮތެއް ނުވުމުން މިވަގުތުގެ ހާލަތު އެނގިފައެއް ނުވެއެވެ.

ނަމަވެސް، މީގެ ކުރިން "ސަން"އާ ވާހަކަ ދައްކަމުން އުވައިޝްގެ ބޭބެ އަޙްމަދު އާދަމް ބުނީ، އެކްސިޑެންޓް ހިނގި ވަގުތު އުވައިޝް އިނީ ހެލްމެޓް އަޅައިގެން ކަމަށާއި އެވަރުން ވެސް އޭނާގެ ބޮލާއި މޫނަށް ގެއްލުން ވެފައިވާ ކަމަށެވެ. އެގޮތުން ބޯފަޅައިގެން ދިއުމުގެ އިތުރުން މޫނުމައްޗަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް އޭނާ ކިޔައިދިނެވެ. އަދި އުވައިޝްގެ ވައަތު ފައި ފަލަމަސްގަނޑާ ހިސާބުން ވަނީ ބިންދައިގެންގޮސްފައި ކަމަށް އަޙްމަދު ބުންޏެވެ.

އަހްމަދު ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެއިން މާލެ އައިސް ވިލާ ކޮލެޖާ ދިމާލުން އަޙްމަދިއްޔާ ސްކޫލު ހުންނަ މަގަށް އަޅަން އުޅެނިކޮށް، މާފަންނުން ހެންވެއިރާ ދިމާލަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެންނެވެ.

އެ ސައިކަލުގައި ތިބީ ދެން އަނިޔާވި ދެ މީހުންނެވެ.

comment ކޮމެންޓް