ދަނޑުވެރިކަމުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަ ކުރަންޖެހޭ: ޑަބްލިޔުއީއެފް

މިއަހަރުގެ ކޮޕް28 ސަމިޓް ބާއްވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގައި. ފޮޓޯ/ދަ ޓެލްގްރާފް

ކާބޯތަކެތި އުފެއްދުން އިތުރުކުރި ނަމަވެސް ދަނޑުވެރިކަމުގެ ސިނާއަތުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަ ކުރަން ޖެހޭ ކަމަށް، ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިޔުއީއެފް)ގެ ރައީސް، ބޯޖް ބްރެންޑް ވިދާޅުވެއްޖެއެވެ.

ބްރެންޑް އެގޮތަށް ވިދާޅުވީ އަރަބި އެކުވެރި އިމާރާތް، ޔޫއޭއީގައި މިހާރު ކުރިއަށްދާ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް28) ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ދުނިޔޭގެ އާބާދީއަށް އެކަށީގެންވާ ކާނާ އުފައްދަން ޖެހޭ ނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ ދަނޑުވެރިކަމުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުން" ކޮޕް28 ގައި ބޭއްވި ބިޒްނަސް އެންޑް ފިލަންތޮޕީ ކްލައިމެޓް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ބްރެންޑް ވިދާޅުވިއެވެ.

ކާބޯތަކެތި އުފައްދައިގެން ދުނިޔެއަށް ދޫކުރާ ކާބަންޑައި އޮކްސައިޑް (ސީއޯ2) ދޫކުރާ މިންވަރުގެ 30 އިންސައްތައަށް ވުރެ އިތުރުވެފައިވާއިރު، މިއީ ދުނިޔެ ހޫނުވުން 1.5 ސެލްސިއަސްއަށްވުރެ ދަށްކުރުމަށް ޕެރިސް އެއްބަސްވުމުން ނިންމާފައިވާ އަމާޒު ހާސިލުކުރުމަށް އުދަނގޫ މިންވަރެކެވެ.

ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ އަދި މަދު ގޭސް ބޭރުކުރާ ދަނޑުވެރިކަމުގެ ސާމާނަށް ޑިމާންޑް އިތުރުކުރުމަކީ ކާބޯތަކެތީގެ ސިނާއަތް ނެޓް ޒީރޯއަށް ބަދަލުވުން އަވަސްކޮށްދޭނެ ކަމެއް ކަމަށް ޑަބްލިއުއީއެފްއިން ބުނެއެވެ.

ތިމާވެއްޓާއި ރައްޓެހި ގޮތަށް ދަނޑުވެރިކަން ކުރުމާއި، ދަނޑުވެރިކަން ކުރާއިރު، ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކުރުމާއި އެ ނޫންވެސް ތިމާވެއްޓާއި ގުޅުންހުރި ގޮތަށް ކަންކަން ކުރުމަށް އެ ޖަމިއްޔާއިން އިސްނަގައިގެން ފަށާ، ފަސްޓް މޫވާސް ކޯލިޝާނާއި ކާބީތަކެތި އުފައްދާ 20 ކުންފުންޏަކުން ގުޅިފައިވާ ކަމަށްވެސް ޑަބްލިޔުއީއެފްއިން ބުނެއެވެ.

ޖަންގަލިތަލުން ގަސްތައް ކެނޑުމުގެ ގާތްގަނޑަކަށް 74 އިންސައްތަ ގުޅިފައި ވަނީ ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ކަމަށާއި، މިއާއިއެކު ކުންފުނިތަކުން ކާބޯތަކެތި އުފައްދަން ޖެހޭނީ ވީހާވެސް މަދުން ބިން ބޭނުންކޮށްގެން ކަމަށް ބްރެންޑް ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް