މިއީ ކޮންބައެއްގެ އިހުމާލެއް؟

ހުޅުމާލޭގައި ހަދާފައިވާ ޕާކިން ސިސްޓަމެއް، މީގެ ސިސްޓަމްތަކެއް ހަދާފައި ހުންނަތާ ފަސްއަހަރަށްވުރެ ގިނަ ދުވަސްވީއިރުވެސް އެތަންތަން ބޭނުމެއްނުކުރެވޭ -- ފޮޓޯ / އެޑިޝަން.އެމްވީ

ހުޅުމާލެއަކީ ފުރަ މާލޭގެ ތޮއްޖެހުމަށް ޙައްލެއް ހޯދައި، ހަމަނޭވައި ލައިގެން އުފާވެރިކަމާއެކު ދިރިއުޅެވޭނެ މާޙައުލެއް ޤާއިމުކުރުމުގެ މަޤުޞަދުގައި ސަރުކާރުން ތަރައްޤީކުރަން ފެށި ތަނެކެވެ. އެތަނުގެ ތަރައްޤީ އަމާޒުކުރެވިފައިވަނީ ދުރު ރާސްތާ ޕްލޭނަކާ އެކު، އެ ރަށުގައި ދިރިއުޅޭ މީހުންނަށް އެންމެ ރައްކާތެރި ފަސޭހަ ދިރިއުޅުމަކަށް ބޭނުންވާނެ އެންމެހައި ވަސީލަތްތައް ޤާއިމުކުރެވޭނެ ގޮތަށެވެ.

މި މަތިވެރި ނިޔަތާއެކު ފެނުން މައްޗަށް ހިއްލައިލި ހުޅުމާލޭގައި، މިވަގުތަށް އެންމެ ބޮޑުވެފައިވާ އެއްމައްސަލައަކީ ޙައްދެއްނެތް މިންވަރަށް ވެހިކަލުތައް ގިނަވެ އޭގެ އުނދަގޫ އެންމެންނަށް ފޯރަމުން ދިއުމެވެ. ސިނަމާލެ ބުރިޖާއެކު މާލެއާއި ހުޅުމާލެ ގުޅުނު ހިސާބުން މިކަންތައް ވަނީ އަތްނުފޯރާ ފަށަށް ގޯސްވެފައެވެ. ދުއްވުމުގައި ހަމައެއްލަމެއް ނެތެވެ. ޕާކުކުރުމުގައި އަމުދުން ގޮތެއްފޮތެއްނެތެވެ. ހުޅުމާލޭގެ ދެ ފިޔަވަހީގައި، ވެހިކަލެއް ވެއްދޭގޮތަށް ތަންކޮޅެއް އޮތްނަމަ އެތަނެއް ފުރެންދެން އެކި ބާވަތުގެ ވެހިކަލުތައް ޕާކުކޮށްފައިނެތް ހަމަ އެންމެ ތަންކޮޅެއްވެސް މިހާރަކު ނޯންނާނެއެވެ. މީހުން ގިނަވާވަރަކަށް ވެހިކަލު ގިނަވުމާއި އެތަކެތި ދުއްވުމާއި ޕާކުކުރުން އިތުރުވުމަކީ އާދަޔާ ޚިލާފުކަމެއްނޫނެވެ. އަދި ކީއްހެއްޔެވެ؟ އެއީ މައްސަލައެއްވެސްނޫނެވެ. މައްސަލައަކީ އެކަމުގައި ހަމައެއް އުޞޫލެއް ގޮތެއްފޮތެއްނެތުމެވެ. ޕާކުކުރާ ގިނަމީހުންގެ ޖާހިލުކަމެވެ. އަމިއްލަ އެދުން ބޮޑުވުމާއި ފޮނިކަމާއި ބޮޑައިކަމެވެ. ޖެހުނުގޮތަކަށް ވެހިކަލު ޕާކުކޮށްލާފައިވާ ދާއިރު، އަނެކާގެ ޙައްޤާމެދު ބަލައިނުލުމެވެ.

ހުޅުމާލޭގެ ނިރޮޅު މަގު، ޤަވާޢިދާ ޚިލާފަށް ޕާކުކުރުން ހުއްޓުވުމަށް ފުލުހުން ކޯނުޖެހުމުން އެ ކޯނު އެއްލައިލާފައި ޕާކުކުރާމީހުންވެސް އުޅޭ -- ފޮޓޯ / ޕީއެސްއެމްނިއުސް.އެމްވީ

ހިޔާ ފުލެޓު ސަރަޙައްދުގައި، ސައިކަލުތަކެއް ބްލޮކްވާނޭހެން ކާރެއް ޕާކުކޮށްފައި އޮތެވެ. މީހަކު އައިސް އެތަނުން ސައިކަލެއް ނެރެންވެގެން އިޝާރާތުން ގޮވަގޮވާވެސް ކާރުގައި އިންމީހާއަށް އެނގުނުކަމަކަށް ނުވިއެވެ. ދެން މަޑުމަޑުން ކާރުގައި އަތުން ޖަހައިލައި އިޝާރާތްކޮށްލުމާއެކު، އެ ކާރުގައި އިންމީހާ ރުޅިއައިސްފައިވާ ސިންގާއެއްހެން މޫނު ހަދައި ހުތުރު ބަހުން އެތިވަރު ގޮވަން ފެށިއެވެ. އަދި އޭނާގެ ހުރި ނުބައިކަން ދެއްކުމުގެގޮތުން ކާރު އޮތްތަނުން ގުޑުވައިވެސްނުލިއެވެ. ހަމަ މިގޮތަށް، ރެހެންދި ސުކޫލުގެ އުތުރުން އޮންނަ ހުސް ބިމުގައި ޕާކުކުރަމުން ގޮސް ތަން ފުރުމުން ދުވާރަށް އެއްބައި އަރާގޮތަށް ޕިކަޕެއް ޕާކުކޮށްފައި އޮތެވެ. އެއީ ހެނދުނު އެހެންލާފައި ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރީން ސުކޫލަށްދާ އެންމެ ބާރުބޮޑު އެއްވަގުތެވެ. އެވަގުތު ޕިކަޕުގެ ޑުރައިވަރު އޭގައި އިނެވެ. އޭތި އެތަނުގައި އޮތުމުން ހިނގަން އުނދަގޫވެގެން އުޅުނުމީހަކު މޫނަށް ރުލެއް އަރުވަލީމައިވެސް ގޯސްވީ އެމީހާއެވެ. އެތަނުގައި ބަނޑަހަ ޖަހައިގެން އިން ޑުރައިވަރު ދެލޯ ވައްކޮށް ރުޅި މޫނު ހަދައިގެން އެ އިންގޮތަށް އިނެވެ.

ހިޔާ ޓަވަރުތަކުން މައި މަގަށް ނިކުތުމަށް ޚާއްޞަކޮށްފައި ހުންނަ ތަންތަނާއި، ވެމްކޯގެ ޑަސްބިންތައް ބެހެއްޓުމަށް ޚާއްޞަކޮށް، ބޮޑު އަކުރުން ފާހަގަ ޖަހާފައިވާ ތަންތަނާއި، މަދަރުސާއާއި މިސްކިތުގެ ގޯތިތެރެއަށް ވަދެ ނިކުތުމަށް ޚާއްޞަކޮށްފައިވާ ދޮރުމައްޗާއި، މަގު ހުރަސްކުރުމަށްޓަކައި، ރީނދޫ ނުވަތަ ހުދު ދަވާދުން ބޮޑުކޮށް ފާހަގަކޮށްފައިވާ ކަފިހިހުރަސްތަކާއި މި ހުރިހައި ތަނެއްވެސް ދުއްވާމީހުންނަށް ފެންނަނީ ޕާކިން އޭރިޔާގެ ގޮތުގައެވެ. އަދި މިއަށްވުރެވެސް ބޮޑު ކަމެކެވެ. ހުޅުމާލޭ ހޮސްޕިޓަލު ކައިރީގައި ހުންނަ، އެސް.ޓީ.އޯ. ބޭސްފިހާރަ ކުރިމަތީގައި އޮންނަ ހުސްތަންކޮޅުގައި ޕާކުކުރުން ހުއްޓުވުމަށްޓަކައި އެތަނުގައި ފުލުހުން ޓޭޕު ދެމިއެވެ. އެ ޓޭޕު އެތަނުގައި ހުއްޓައި ދެން ޕާކުކުރަން ފެށީ ޓޭޕުގެ ބޭރުން ސީދާ ހޮސްޕިޓަލަށް ވަންނަ މަގުގައެވެ!! މިކަން މިގޮތަށް ކުރާއިރު އެތަނާ ހަމަ ޖެހިގެން ސައިކަލު ޕާކުކުރާ ބޮޑު ތަނެއް އޮވެއެވެ. ބަޔަކުމީހުން ޖާހިލުވެފައި ނުބައިވާނީ ދެން މިހައިވަރަކަށެވެ.

މުޅި ހުޅުމާލެ މިހާރުވަނީ ހަމައެއްލަމައެއްނެތި ވެހިކަލު ޕާކުކުރާ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ހުސްބިންތައް ހީވަނީ އެމީހުންގެ އަމިއްލަ ގަރާޖުތަކެއްހެންނެވެ. މަގުތައްވެސް އެފަދައެވެ. ކާރާއި ޕިކަޕުފަދަ އެއްޗެތި ގެންގުޅޭމީހުން އަމިއްލައަށް ވެރިކޮށްގެން އުޅޭ ޕާކިން އޭރިޔާ ގެއްލިދާނެތީ، ބޮޑު ވެހިކަލު ނަގައިގެން ދަނީ އެތަނުގައި ހުރަހަށް ސައިކަލެއް ޕާކުކޮށްފައެވެ. އެހެންމީހަކަށް އެތަން ބޭނުންނުކުރެވޭނެގޮތް ހަދާފައެވެ.

ހުޅުމާލޭގައި ޕާކިންއަށް ޚާއްޞަކޮށްގެން އަމިއްލަ ފަރާތަކުން ހަދާނެކަމަށް 2022 ވަނަ އަހަރު އިޢުލާނުކުރި ޕްރޮޖެކްޓެއްގެ ކުރެހުމެއް، މިފަދަ ޢިމާރާތްތައް ހެދުމަކީ ޕާކިންގެ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެ ކަމެއް -- ފޮޓޯ / ވަން.ކޮމް.އެމްވީ

ރެހެންދި ސުކޫލުގެ ދެކުނުން އޮންނަ ސްޓޭޑިއަމްގެ ދެފަރާތު މަގާއި ވާލިދައިނި މިސްކިތުގެ އިރުމަތީފަރާތުގައި ދެތިންބަރިއަށް ވެހިކަލު ޕާކުކޮށްފައި ނުހުންނަ އިރެއް މަދުވާނެއެވެ. އަދި އެމަގުގެ އެކި ހިސާބުތަކުގައި މީހުންނަށް އުނދަގޫވާނެހެން ވެހިކަލު ބާއްވައިގެން ސިނގިރޭޓު ނުވަތަ ކޮފީ ބޯން ނުވަތަ ވާހަކަ ދައްކައިލަން ތިބުންވެސް ވަރަށް ޢާއްމެވެ.

ޔޫތު ސިޓީއާއި ސްމާޓު ސިޓީފަދަ ޒަމާނީ ނަންނަމުގައި ފައްކާކުރަމުން އަންނަ ހުޅުމާލޭގެ ޕާކިންގެ މައްސަލަ މިދަރަޖައަށް ގޯސްވެގެން ދިޔައިރު، މިއީ ކޮންބައެއްގެ އިހުމާލެއްހެއްޔެވެ؟ އެކަން އެހިސާބަށް ދިއުމަށް މެދުވެރިވީ ކޮންސަބަބުތަކެއްހެއްޔެވެ؟ ޕާކުކުރާމީހުން ފަރުދީ ޒިންމާ އަދާނުކުރަނީހެއްޔެވެ؟ ކަމާބެހޭ އެކަށީގެންވާ ޤާނޫނާއި ޤަވާޢިދުތައް ނެތީހެއްޔެވެ؟ ނޫނީ ހުރިއެއްޗެއް އެދެވޭގޮތުގައި ތަންފީޒުނުވަނީހެއްޔެވެ؟ ނުވަތަ ކަންކަން ބެލެހެއްޓުން މަތިކޮށްފައިވާ ވެރީންގެ ކިބައިގައި އިޚުލާޞްތެރިކަމެއްނެތީހެއްޔެވެ؟ ނޫނީވިއްޔާ މި ހުރިހައިކަމެއް އެއްފަހަރާ ދިމާވީހެއްޔެވެ؟

ކޮންމެ ސަބަބަކާހުރެ ކަމަށްވިޔަސް ދިމާވެފައިވާ މި ބޮޑު މައްސަލައަށް ދެޙައްލެއް އެބަ އޮތެވެ. އެއީ ފަރުދީ ޒިންމާ އަދާކުރުމާއި މަސްއޫލުވެރިން އެމީހުންގެ މަސްއޫލިއްޔަތުގައި އިޚްލާޞްތެރިވުމެވެ. ޤާނޫނު ހަދާ ފަރާތާއި ތަންފީޛީ އިދާރާތަކުން އެފަރާތްތަކުގެ މަސްއޫލިއްޔަތު "ފުރިހަމައަށް" އަދާކުރުމެވެ. މަގު ހެދުމާއި ޕާކިން ފެސިލިޓީ ޤާއިމުކުރުމުގެ ކަންކަން ކުރަންޖެހޭ ފަރާތުން އެކަންކަން ބަރާބަރަށް ކުރުމެވެ. ބޮޑެތި ޢިމާރާތްތައް ހަދައިގެން ވިއްކާ މަހުޖަނުންވެސް ދަހިވެތިކަމާ ދުރުވެ ޖަމާޢަތުގެ މަޞްލަޙަތު އިސްކޮށް، އެ ޢިމާރާތްތަކުގައި ދިރިއުޅޭމީހުންގެ ވެހިކަލުތައް ޕާކުކުރާނެ ތަން ހެދުމެވެ. އަދި އެކަށީގެންވާ ޖާގަ އޮންނަ ތަންތަނުގައި އަމިއްލަ ބޭނުމަށް ހަދާ ޢިމާރާތްތަކުގައިވެސް ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. ހުޅުމާލޭގެ ޕާކިން މައްސަލަ ޙައްލުކުރުމަށްޓަކައި، މިފަހުން އާބަންކޯއިން މަސައްކަތްތަކެއް ކުރަމުންދާތަން ފެންނަކަން ފާހަގަކުރަމެވެ.

އާބަންކޯގެ މައި އޮފީސް ހުންނަ ޢިމާރާތް -- ފޮޓޯ / އެޑިޝަން.އެމްވީ

މާލޭ ސަރަޙައްދުގައި ޕާކުކުރުމުގެ މައްސަލަ އިންތިހާއަށް ގޯސްވެފައިވާއިރު، ޕާކުކުރުމުގައި މީހުންނަށް ޖެއްސުންކޮށް ދުއްތުރާކުރާ ފަރާތްތަކުން ހަނދާންކުރާށެވެ! ކޮންމެ ސިފައެއްގައިވިޔަސް މީހުންނަށް ގެއްލުންދީ އުނދަގޫވާނެ ކަންކަން ކުރުންވަނީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައެވެ. (ބުޚާރީ: 6064 ، މުސްލިމް: 2564) ހަމަމިއާއެކު، މަގުމަތީގައި މުސްލިމުންނަށް އުނދަގޫކޮށް ގެއްލުންދީފިނަމަ، އެ ގެއްލުން ލިބުނުމީހުންގެ ލަޢުނަތް، ގެއްލުން ދިން މީހާގެ މައްޗަށް ވާޖިބުވެއްޖެކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.(ޠަބަރާނީ: 3050)

ގުޅޭ ޓެގު
comment ކޮމެންޓް