ޔުއޭފާ ޔޫރޮޕާ ލީގު ގްރޫޕް އީގައި ލާސްކާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ލިވަޕޫލުން ޖާގަ ހޯދައިފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާ އެކު 4-0 އިންނެވެ.
މެޗުގައި ލިވަޕޫލުން ވަނީ ކޮންމެ ހާފެއްގައި ވެސް ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ މެޗުގެ 12 ވަނަ މިނެޓްގައި ލުއިސް ޑިއާޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ ތިން މިނެޓު ފަހުން ލިވަޕޫލުން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޯޑި ގަކްޕޯއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށްވަނީ އެ ޓީމުގެ ލީޑު އިތުރަށް ފުޅާކުރާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގައި ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗުގެ 51 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މުހަންމަދު ސަލާހެވެ. އަދި، ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ދެވަނަ ލަނޑު ކާމިޔާބުކޮށްދިން ގަކްޕޯއެވެ.
މި ނަތީޖާއާ އެކު ލިވަޕޫލް މިހާރު އޮތީ ކުޅުނު ފަސް މެޗުން ލިބިފައިވާ 12 ޕޮއިންޓާ އެކު ގްރޫޕް އީގެ އެއްވަނައިގައެވެ. މި ގްރޫޕްގައި އެ ޓީމާ އެންމެ ގާތުން ވާދަކުރާ ޓޮލޫސް އަމިއްލަ ދަނޑުގައި ޔޫނިއަން ސެއިންޓް ގިލޯއިއާ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވުމުން ދެ ޓީމުގެ ދެމެދުގައި ފަރަގު މިހާރު ވަނީ ހަތަރު ޕޮއިންޓަށް އިތުރު ވެގެން ގޮސްފައެވެ. ގްރޫޕުގައި ބާކީ އެއް މެޗު އޮތް އިރު ދެން އެއްވެސް ޓީމަކަށް ލިވަޕޫލާ އަރައިހަމަ ނުކުރެވޭނެކަން ވަނީ ޔަގީންވެފައެވެ. މެޗުން ބަލިވި ލާސްކް އޮތީ އެންމެ ތިން ޕޮއިންޓާ އެކު ގްރޫޕްގެ އެންމެ ފުލުގައެވެ.