ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ގައުމިއްޔަތު ދަސްކޮށްދޭނެ މަގު ހަމަޖައްސަވާނަން: ރައީސް

ރައީސް މުއިއްޒު ޔޫއޭއީގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އިސްލާމްދީނުގެ ސައްހަ މައުލޫމާތާއި، ދިވެހި ގައުމިއްޔަތު އުނގަންނައިދެވޭނެ މަގު ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަަދައިން ވިދާޅުވީ ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީއަށް މިހާރު ކުުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

ރައީސާއެކު އޮތް މި ބައްދަލުވުމުގައި 200އަށްވުރެ ގިނަ ދިވެހީންވަނީ ބައިވެރިވެފައެވެ.

ރައީސް މުއިއްޒު ޔޫއޭއީގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށާއި، ދިވެހި ދަރިވަރުންނަށް އިސްލާމްދީނާ ދިވެހިބަހާއި، ދިވެހި ޤައުމިއްޔަތު އުނގަންނައިދެވޭނެ އިންތިޒާމުތައް އެ ގައުމެއްގައި ހުންނަ އެމްބަސީގައި ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ބޭރު ގައުމުތަކުގައި ހުންނަ އެމްބަސީތަކުން އެންމެ އިސްކަންދޭންވާނީ އެ ގައުމަކަށް ޒިޔާރާތްކުރާ، އަދި ދިރިއުޅޭ ދިވެހީންގެ ހާލު ބަލައި، އެ މީހުންނަށް ފަހި އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން އެ މަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ކޮންމެ ދަތުރުފުޅެއްގައި ވަގުތުވެވަޑައިގަންނަވާ މިންވަރުން އެ ގައުމެއްގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވާ ހާލުއަހުވާލު ބައްލަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ޔޫއޭއީގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އަދި ސަރުކާރަށް ފަހިކޮށްދެވޭނެ ކަންކަމާމެދު މަޝްވަރާކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނުވަނީ ވިދާޅުވެފައެވެ.

ޔޫއޭއީއަކީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ގައުމެކެވެ. ހަމައެއާއެކު އެކި ދާއިރާތަކުން ކިޔެވުމަށާއި، ވިޔަފާރި ބޭނުމުގައި ވެސް ގިނަ އަދަދެއްގެ ދިވެހީން އެ ގައުމަށް ޒިޔާރަތްކުރެއެވެ.

ޔޫއޭއީއަށް ވަޑައިގަތުމުގެ ކުރިން ރައީސް ޑރ. މުއިއްޒުވަނީ ތުރުކީއަށް ކުރެއްވި އެ މަނިކުފާނުގެ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ވެސްބ ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފައެވެ.

comment ކޮމެންޓް