ޕީއެސްވީއިން ފަހަތުން އަރައި ސެވިއްޔާ ބަލިކޮށްފި

ޗެމްޕިއަންސް ލިގުގެ 10،000 ވަނަ ލަނޑު ޖަހާދިނުމަށްފަހު ސާޖިއޯ ރާމޯސް އުފާފާޅުކުރަނީ / ފޮޓޯ: ރޮއިޓާސް

ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ބީގައި ޕީއެސްވީއާއި ސެވިއްޔާ ބައްދަލުކުރި މެޗު ފަހަތުން އަރައި ޕީއެސްވީ ކާމިޔާބުކޮށްފިއެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްވީއިން ކާމިޔާބުކޮށްފައިވަނީ 3-2ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ޕީއެސްވީއިންނެވެ. ނަމަވެސް މި މެޗުގެ ފެށުން ރަނގަޅުކުރީ ސެވިއްޔާއެވެ.

އެގޮތުން މި މެޗުގެ ފުރަތަމަ ލަނޑު 24ވަނަ މިނެޓްގައި ޖަހައިި ލީޑު ނެގީ ސެވިއްޔާއިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސްއެވެ. މި ލަނޑު ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ކާމިޔާބުކުރި 10،000ވަނަ ލަނޑަށެވެ. ޗެމްޕިއަންސް ލިގުގެ ފުރަތަމަ ލަނޑުޖެހީ 1992 ވަނަ އަހަރު ކާމިޔާބުކޮށްފައިވަނީ ކްލަބް ބްރޫޖްގެ ޑެނިއަލް އަމޮކާޗީއެވެ.

ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނެވެ.

މި މެޗުގައި ދެން ވެސް ފެނުނީ ސެވިއްޔާއިން ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކުރި ތަނެވެ. މިލަނޑު މެޗުގެ 47 ވަނަ މިނެޓްގައި ޖަހައިދިނީ ޔޫސުފް އެން ނެސޭރީއެވެ. މި ލަނޑާއެކު މި މެޗުން ސެވިއްޔާ މޮޅުވާނެކަމަށް ގިނަ ބަޔަކަށް ހީކުރެވުނު ނަމަވެސް މެޗުގެ 66 މިނެޓްގައި އެ ޓީމުގެ ލޫކަސް އޮކަމްޕޯސްއަށް ދެއްކި ރަތް ކާޑާއެކު މެޗުގެ އޮއެވަރު ޕީއެސްވީ ކޮޅަށް ބަދަލުވިއެވެ.

އެގޮތުން އެ ކާޑު ދެއްކިތާ ދެ މިނެޓް ފަހުން ޕީއެސްވީއިން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިސްމާއީލް ސައިބާރީއެވެ. އަދި އެ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 81ވަނަ މިނެޓުގައި ސެވިއްޔާގެ ނެމަންޔާ ގުޑޭއި އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.

ޕީއެސްވީއިން މި މެޗު ކާމިޔާބުކުރި ލަނޑު އެޓީމަށް ޖަހާދިނީ މެޗުގެ އިތުރު ވަގުތުގައި ރިކާޑޯ ޕެޕީއެވެ.

މި ކާމިޔާބީއާއެކު ޕީއެސްވީ މިހާރުވަނީ ކުޅުނު ފަސް މެޗުން ލިބިފައިވާ އަށް ޕޮއިންޓާއެކު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ފަހިކޮށްފައެވެ.

ސެވިއްޔާ އުޅެނީ ދެ ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ.

comment ކޮމެންޓް