ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އާސެނަލް ޖާގަ ހޯދައިފި

އާސެނަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިން ޖޭސުސް / ފޮޓޯ: މާސާ ޑޮޓް ކޮމް

ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ބީގައި އާސެނަލް އާއި ލޯންސް ބައްދަލުކުރިމެޗު ކާމިޔާބުކޮށް މިމުބާރާތުގެ ދެވަނަ ބުރުން އާސެނަލް ޖާގަ ހޯދައިފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 0-6ގެ ނަތީޖާއަކުންނެވެ. މި ހަ ލަނޑުގެ ތެރެއިން ފަސް ލަނޑު އާސެނަލުން ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ.

އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 13ވަނަ މިނެޓްގައި ކައި ހަވާޓްޒްއެވެ.

މި މެޗުގައި އާސެނަލްގެ ދެވަނަ ލަނޑު މެޗުގެ 21ވަނަ މިނެޓްގައި ޖަހައިދިނީ ގެބްރިއެލް ޖޭސުސްއެވެ. އަދި އޭގެ ދެ މިނެޓް ފަހުން އާސެނަލްގެ ތިންވަނަ ލަނޑު ޖަހައިދިނީ ބުކާޔޯ ކާސާއެވެ.

މެޗުގައި އާސެނަލްގެ ހަތަރުވަނަ ލަނޑު މެޗުގެ 27 ވަނަ މިނެޓްގައި ޖަހައިދިނީ ގެބްރިއެލް މާޓިނެއްލީއެވެ. އަދި ފުރަތަމަ ހާފުގައި އާސެނަލުން ކާމިޔާބުކުރި ފަހު ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހައިދިނީ މާޓިން އޮޑެގާޑްއެވެ.

މި މެޗުގެ ދެވަނަ ހާފްގައި ލޯންސް ފެނުނީ ފުރަތަމަ ހާފާއި ޚިލާފަށް ތަންކޮޅެއް ވަރުގަދަކޮށެެވެ. އެގޮތުން އެ ހާފުގައި އާސެނަލަށް ކާމިޔާބު ކުރެވޭ ވަރުވީ އެންމެ ލަނޑެކެވެ. މި މެޗުގައި އާސެނަލްގެ ފަހު ލަނޑު މެޗުގެ 86 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖޯޖީނިއޯއެވެ.

މި ކާމިޔާބީއާއެކު އާސެނަލް މިހާރުވަނީ ގްރޫޕް ސީގައި ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ހޯދައި ގްރޫޕްގެ އެއްވަނަ މަގާމު ކަށަވަރުކޮށްފައެވެ. އަދި ލޯންސް އުޅެނީ ފަސް ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.

comment ކޮމެންޓް