މަންޑޭގެ އެޕާޓްމެންޓުގައި 200 ސެންޓުފުޅި ހިމެނޭހެން ހަތް މިލިއަން ރުފިޔާގެ މުދާ

މައިނޯރިޓީ ހިއްސާ އޮންނަ ހަސަން މަމްދޫހް (މަންޑޭ) ---

ހުޅުމާލޭގައި އިމާރާތް ކުރަން ފެށި ކޭޕާކު ފުލެޓުތަކުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އެޕާޓްމެންޓެއްގައި ނުކަނޑާ ހުރި 200 ސެންޓުފުޅި ހިމެނޭހެން، ހަތް މިލިއަން ރުފިޔާގެ މުދާ ހުރި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ، އެ މައްސަލައިގައި މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބިނާކޮށް އަންނަ ހަފުތާގެ ކުރީކޮޅު މައްސަލަ ހުށަހެޅޭ ވަރުވާނެ ކަމަށެވެ.

މަންޑޭގެ އެޕާޓްމަންޓުން ފެނުނު ބައެއް އަގުބޮޑު ސާމާނު--

އޭނާ ވިދާޅުވީ އެ ތަހުގީގުގެ ތެރެއިން، އެފް ޑަބްލިޔު ކޮންސްޓްރަކްޝަންގެ ޕެންޓްހައުސްއެއް އެއް އަހަރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެއީ މަނީ ލޯންޑަރިންގެ ފައިސާއިން ގަނެފައިވާ ނުވަތަ މަނީ ލޯންޑަރިންގެ އަމަލެއް ތެރޭގައި ހޯދާފައިވާ އެޕާޓްމެންޓެއް ކަމަށް ތުހުމަތު ކުރެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެ އެޕާޓްމެންޓް ގަނެފައި ވަނީ ކޭޕާކް ރެޒިޑެންސްގެ ދެ އެޕާޓްމެންޓެއް، ހަތަރު މީހަކަށް ވިއްކައިގެން ލިބުނު ފައިސާއިން ކަމަށެވެ.

މީގެ އިތުރުން ތަހުގީގުގެ ތެރެއިން އެ ޕެންތުހައުސްގެ އަގު އޭރު ބެލި އިރު އަގު ހުރީ 7.8 މިލިއަން ރުފިޔާގައި ކަމަށާއި އެތަނުގައި ހުރި މުދާ ބަލައި ފާސްކުރިއިރު ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާގެ މުދާ ފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާތްގަނޑަކަށް 90،000 ރުފިޔާގެ ދަބަސް، 40،000 ރުފިޔާ 50،000 ރުފިޔާގެ އަތް ދަބަސް، ދެން އަނެއްކަހަލަ ގަހަނާ ތަފާތު ވައްތަރުގެ ގަހަނާ 10،000 ޑޮލަރު 25،000 ޑޮލަރު ގަހަނާ އެބަހުރި ޖުމްލަ މިހުރިހާ އެއްޗެއްގެ އަގު ހަތް މިލިއަން ރުފިޔާއަށް އެބައަރާ،" ޝަމީމް ވިދާޅުވިއެވެ.

މަންޑޭ ދިރިއުޅެމުން އައި އެޕާޓްމަންޓް

އޭނާ ވިދާޅުވި އެ މައްސަލައިގައި މަކަރާއި ހީލަތް ހެދި ކޮންމެ ހާދިސާއަކަށް ވަކިން ދައުވާ ކުރާނެ ކަމަށާއި އެހެންވެ، މަންޑޭގެ މައްޗަށް ކުރާ ދައުވާގެ އަދަދު 200އަށް ވުރެ އިތުރުވާނެ ކަމަށެވެ.

ކޭޕާކުގެ ފްލެޓުތައް އޮޅުވާލައިގެން ވިއްކާ ފައިސާ ނެގި މައްސަލަ ހަންބޯ ކުންފުންޏާއި އާބަންކޯއިން ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފައެވެ. އަދި, ކޭޕާކު ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އެ މައްސަލައިގައި މަންޑޭ ހައްޔަރު ވެސް ކުރިއެވެ. އެކަމަކު، މިހާރު އޭނާ ދޫކޮށްލާފައި ހުރީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހުއެވެ. މަންޑޭގެ އިތުރުން ވެސް އިތުރު ދިވެއްސަކާއި ބިދޭސީއެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.

ހަންބޯ ކުންފުނިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޭންކް އެކައުންޓް ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނަމަވެސް ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް، ބީއެމްއެލްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ބައެއް ކަސްޓަމަރުންގެ އަތުން މަމްދޫހް ފައިސާ ހޯދާފައިވެއެވެ.

އެ އެކައުންޓަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާކުރި ފައިސާ ވެސް އެ އެކައުންޓުން މަންޑޭ ނަގާފައިވާ ކަމަށް ހަންބޯއިން ތުހުމަތުކުރެއެވެ.

އެ ތުހުމަތުތައް ދޮގުކޮށް، މަންޑޭ މީގެ ކުރިން ބުނެފައިވަނީ ކޭޕާކް ޕްރޮޖެކްޓް މައްސަލައިގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހިފައިވާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. މަންޑޭ ވަނީ މިހާރު އުފެދިފައިވާ މައްސަލައާ ގުޅިގެން ކޭޕާކް އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އޭނާގެ އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.


comment ކޮމެންޓް