ހުސްވެފައިވާ ޕީޖީކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ޕީޖީ އޮފީސް -- ސަން ފޮޓޯ

ހުސައިން ޝަމީމް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ކަމުގެ މަގާމުން ވަކިކުރުމާއެކު މިހާރު ހުސްވެފައިވާ އެ މަގާމަށް ކުރިމަތިލިމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.

ރައީސް އޮފީހުން މިއަދު ކޮށްފައިވާ އިއުލާނެއްގައިވަނީ މިއަދުން ފެށިގެން 11 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް، ޝައުގުވެރިކަން ހުރި ފަރާތްތަކަށް ކުރިމަތިލާން ފުރުސަތު ދީފައެވެ.

އެ އިއުލާނުގައިވަނީ އެ މަގާމަށް ކުރިމަތިލާން ހުށަހަޅަންވީ ލިޔެކިޔުންތައް ވެސް ބަޔާންކޮށްފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ޕްރޮސެކިއުޓާ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ މަހުގެ 10 ވަނަ ދުވަހާއި 11ވަނަ ދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.

އަދި މި ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށް ވެސް އިއުލާނުގައިވެއެވެ.

https://sun.mv/195837

ކުރީގެ ޕީޖީ ޝަމީމް ވަކިކުރަން މި މަހުގެ 22ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއެއް ބޭއްވިއެވެ. މަޖިލީހުގައި ޖަލްސާ ފެށިތަނާހެން ޝަމީމް އިސްތިއުފާ ދެއްވި ނަމަވެސް އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ނުލިބޭތީކަމަށް ބުނެ ވޯޓަށް އަހައި 65 ވޯޓުން ޝަމީމް އެ މަގާމުން ވަކިކުރަން ފާސްކުރިއެވެ.

ޝަމީމް ވަކިކުރުމާއެކު 30 ދުވަސް ތެރޭ އާ ޕީޖީއަކު އައްޔަންކުރަން ޖެހޭނެއެވެ. ނަމަވެސް މަޖިލިސް 22 ވަނަ ދުވަހުގެ ރެއިން ފެށިގެން ޗުއްޓީއަށް ދާތީ އާ ޕީޖީއަކު އައްޔަންކުރަން ޖަލްސާ ބާއްވާނީ ދައުރުން ބޭރުންނެވެ.

އެއީ ރައީސް ހުށަހަޅުއްވާ ނަންތައް ދިރާސާކުރުމަށާއި ގޮތެއް ނިންމުމަށެވެ.

comment ކޮމެންޓް