ޓްރީޓޮޕުން އައިވީއެފް ހެދި ހަ މީހަކު މާބަނޑުވެއްޖެ

ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އިންފިނިޓް މޯމެންޓްސް/ މުހައްމަދު ޝާތިއު އަބްދުﷲ

ޓްރިޓޮޕް ހޮސްޕިޓަލުން މިހާތަނަށް އައިވީއެފް ފަރުވާ އެއްކޮށް ނިންމި 10 މީހުންގެ ތެރެއިން ހަ މީހުން މާބަނޑުވެއްޖެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

ޓްރިޓޮޕްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އައިވީއެފް ފަރުވާގައި އިސްކޮށް ހުންނަވާ ޑރ. ޒާކިޔާ އަހުމަދު ވިދާޅުވީ އެ ހޮސްޕިޓަލުން އައިވީއެފްގެ ފަރުވާ ފަށައިފައިވަނީ 16 މީހުން ކަމަށެވެ. އޭގެ ތެރެއިން ހަ މީހެއްގެ އައިވީއެފް ޕްރޮސީޖާ ނުނިމޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ މީހުންގެ 'އެމްބްރީއޯ ޓްރާންސްފާ' އަދި ނުހެދޭ ކަމަށެވެ.

އެހެން ނަމަވެސް މިހާރު 10 ޕޭޝަންޓުންގެ މުޅި ޕްރޮސިޖާ އެއްކޮށް ނިމިފައި ވާ ކަމަށާއި އޭގެ ތެރެއިން ހަ ޕޭޝަންޓުން ބަލިވެއިންކަން ދެނެގަނެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، ބަލިވެއިން ޕޭޝަންޓުން ބަލިވެ އިނީ އެ ޕޭޝަންޓުންގެ ފުރަތަމަ ޓްރީޓްމަންޓް ސައިކަލް އަދި ފުރަތަމަ ޓްރާންސްފާއިން ކަމަށެވެ.

އޭނާ ވިދާޅުވީ އެހެން މެޑިކަލް ޕްރޮސީޖާ ތަކެކޭ އެއްގޮތަށް އައިވީއެފްގެ މި ޕްރޮސީޖާގައިވެސް ރިސްކު ހިމެނޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މިގޮތުން ތަފާތު ޕޭޝަންޓުންނަށް ކުރިމަތި ވާނީ ތަފާތު ރިސްކުތައް ކަމަށެވެ. އެހެން ނަމަވެސް ޖެނެރަލައިޒްޑް ރިސްކުތަކެއް ހުންނަ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންވެ، މި ޓްރީޓްމަންޓް ފެށުމުގެ ދެތިން ހަފުތާ ކުރިން ޕޭޝަނަޓުންނާ ވަކިން ބައްދަލުކޮށް އެ ރިސްކުތަކުގެ މައުލޫމާތު ދޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން އެ ހޮސްޕިޓަލުގެ ޗީފް އޮޕެރޭޓިން އޮފިސަރު، އާދިލް މޫސާ ވިދާޅުވީ މި މަސައްކަތަކީ ވަރަށް ސަކްސެސްފުލް މަސައްކަތެއް ކަމަށް އޭނާ ދެކޭ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ އައިވީއެފްގެ މުޅި ޕްރޮސެސް ވެސް އެ ހޮސްޕިޓަލުން ކުރިއަށް ގެންދަނީ ޓްރީޓޮޕް ހޮސްޕިޓަލު ތެރޭގައި ކަމަށެވެ. އަދި ބޭރަށް ފޮނުވައިގެން ކުރަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި ހުރިހާ ކަމެއް ވެސް ކުރަނީ ހަމަ ޓްރީޓޮޕްގެ ލެބް ފެސިލިޓީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލުން، އާންމުކޮށް ރާއްޖޭގައި ލިބެން ނުހުންނަ ޚިދުމަތްތަކެއް ފޯރުކޮށްދޭން މަސައްކަތް ކުރާ ކަމަށެވެ. އައިވީއެފް ޓްރީޓްމަންޓަކީ ވެސް އެގޮޮތަށް ފެށުނު ޕްރޮޖެކްޓެއް ކަމަށް އާދިލް ވަނީ ވިދާޅުވެފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރީޓޮޕް ހޮސްޕިޓަލުގެ ގައިނެކޮލޮޖިސްޓެއް ކަމަށްވާ ޑރ. އަނީތާ ގޯރު ވިދާޅުވީ އެ ހޮސްޕިޓަލުން އެ މަސައްކަތް ކުރަނީ ވޯލްޑް ކްލާސްގައި އެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އަަދި މިވަގުތު 150 ޕޭޝަންޓުން ފަރުވާއަށް އެދިފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ބެޗުތަކަށް ބަހާލައިގެން މި ފަރުވާ ދެމުން ދިޔަ ނަމަވެސް ވަރަށް އަވަހަށް ކޮންމެ ދުވަހަކުވެސް ދެމުންދާ ޚިދުމަތަކަށް މި ޚިދުމަތް ބަދަލު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އައިވީއެފް ޓްރީޓްމެންޓު ކުރިއަށް ގެންދިއުމުގައި ބައެއްކަހަލަ ދަތިތައް ހުރިކަން ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ. އެގޮތުން އެ ފަރުވާ އަށް ބޭނުންވާ ބޭސް ގެނައުމުގައި ދަތިތަކެއްހުރިކަން އެ ހޮސްޕިޓަލުން ވަނީ ފާހަގަ ކޮށްފައެވެ.

އެ ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރު، މަލްޑެން ނޯޓެކް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުން ވަރަށް ގިނަ ޚިދުމަތްތަކެއް މިހާރުވެސް ދޭން މަސައްކަތް ކުރާ ކަމަށެވެ.

އެގޮތުން ގޭސްޓްރޯ އެންޓްރޯލޮޖީ އަލަށް ތައާރަފް ކުރުމާއި، ނިިއުރޮލޮޖީ ސާވިސް އިތުރަށް ކުރިއެރުވުމާއި، ހެމަޓޮލޮޖީގެ ޚިދުމަތް ކުރިއެރުވުމާއި، ނެފްރޮލޮޖީގެ ޚިދުމަތުގައި މިހާރު ކިޑްނީ ޓްރާންސްޕްލާންޓު ކުރަން ފަށަން ބޭނުންވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ލިވާ ޓްރާންސްޕްލާންޓު ކުރަން ފަށަން ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާދިނުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ޚިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުގައި ފެށީ މިދިޔަ މެއި މަހުގައެވެ.

https://sun.mv/178130

އެ ޚިދުމަތް ފެށިއިރު ވެސް 300 އެއްހާ މީހުން ކިއޫގައި އެބަތިބި ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

comment ކޮމެންޓް