އައިވީއެފްގެ ޚިދުމަތް ފެށިއިރު ވެސް 300 އެއްހާ މީހުން ކިއޫގައި

ޓްރީޓޮޕްގައި އައިވީއެފްގެ ޚިދުމަތް ދިނުމަށް ހުޅުވި ފާޓިލިޓީ ސެންޓަރު --- ފޮޓޯ/ ރައީސް އޮފީސް

ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާދިނުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ޚިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަށާފައިވާއިރު، އެ ޚިދުމަތް ފެށިއިރު ވެސް 300 އެއްހާ މީހުން ކިއޫގައި އެބަތިބި ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިވީއެފްގެ ޚިދުމަތް ޓްރީޓޮޕްގައި ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މި ޚިދުމަތް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

https://sun.mv/178041

އޭގެ ފަހުން އައިވީއެފްގެ ޚިދުމަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތުދެމުން، ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު "ސަން"އަށް ބުނީ، ޚިދުމަތް ފެށުމުގެ ކުރިން ބޭއްވި "އޯޕަން ޑޭ"ގައި ވެސް 300 އެއްހާ މީހުން އެ ޚިދުމަތަށް އެދި ރެޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

އެހެންވެ، އެ ޚިދުމަތް ފެށިއިރު ވެސް ބޮޑު ތަރުޚީބެއް ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީޓޮޕްގައި އައިވީއެފްގެ ޚިދުމަތް ދިނުމަށް ހުޅުވި ފާޓިލިޓީ ސެންޓަރު --- ފޮޓޯ/ ރައީސް އޮފީސް

މިހާރު ވެސް ޚިދުމަތަށް އެދި ވަރަށް ގިނަ ފަރާތްތަކުން ގުޅަމުންދާ ކަމަށް ޓްރީޓޮޕުން ބުންޏެވެ. އައިވީއެފްގެ ޚިދުމަތަށް ކިއޫގައި ތިބި މީހުންގެ ތެރެއިން ވެސް އެންމެ ފުރަތަމަ މަރުޚަލާއަކީ ކޮންސަލްޓޭޝަންގެ މަރުޚަލާއެވެ.

އެހެންވެ، ޓްރީ ޓޮޕްގެ ފާޓިލިޓީ ސެންޓުގައި އަދި ހުންނެވީ ޑރ. ޒާކިޔާ އަހުމަދު އެކަނިކަން ފާހަގަކޮށް އެ ހޮސްޕިޓަލުން ބުނީ، ދުވާލެއްގެ މައްޗަށް މިހާރު އައިވީއެފްގެ ޚިދުމަތަށް އެދި ޑޮކްޓަރަށް ދެއްކޭނީ 20 މީހުންނަށް ކަމަށެވެ.

ނަމަވެސް މި ފެށޭ މަހުގެ ތެރޭގައި އިތުރު ޑޮކްޓަރުން މަސައްކަތާ ގުޅޭނެ ކަމަށާއި އޭރުން ދުވާލެއްގެ މައްޗަށް 50 މީހުންނަށް ޑޮކްޓަރަށް ދެއްކޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީޓޮޕްގައި އައިވީއެފްގެ ޚިދުމަތް ދިނުމަށް ހުޅުވި ފާޓިލިޓީ ސެންޓަރު --- ފޮޓޯ/ ރައީސް އޮފީސް

ޓްރީޓޮޕްގެ ތިންވަނަ ފަންގިފިލާ އައިވީއެފްގެ ޚިދުމަތް ދިނުމަށް ޚާއްސަކޮށްފައިވާއިރު، އެ ފާޓިލިޓީ ސެންޓަރު ގާއިމްކުރަން މިލިއަނެއްހާ ޑޮލަރު ހަރަދުކުރަން ޖެހުނު ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީރު މީގެ ކުރިން ބުންޏެވެ. މި ތަން ގާއިމްކޮށްފައިވަނީ އިންޑިއާގެ ސައިމާ ސެންޓަރާ ގުޅިގެންނެވެ. ފާޓިލިޓީ ސެންޓަރުން އައިވީއެފް، އައިޔޫއައި އަދި އައިސީއެސްއައިގެ ޚިދުމަތް ދޭނެއެވެ.

އެންމެ ފުރަތަމަ ޚިދުމަތް ފަށިއިރު ވެސް ބޮޑު ތަރުޚީބެއް ލިބިފައިވާއިރު، ފާޓިލިޓީ ކްލިނިކަށް ދެއްކުމަށް އެޕޮއިންޓްމެންޓު ހެއްދުމަށް ވެސް ޓްރީ ޓޮޕުން ވަނީ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައެވެ.

ޓްރީޓޮޕްގައި އައިވީއެފްގެ ޚިދުމަތް ދިނުމަށް ހުޅުވި ފާޓިލިޓީ ސެންޓަރު --- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން، އެޕޮއިންޓްމެންޓް ހެއްދުމަށް 3351630 ނަންބަރަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން އެޕޮއިންޓްމެންޓް ހެއްދޭނެއެވެ.

ޓްރީޓޮޕުން ބުނީ، ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާހޯދަން ވަރަށް ގިނަ ދިވެހިން މިހާރުވެސް އެދޭއިރު، މިއީ އެންމެ މަތީ ފެންވަރުގައި ދެވޭ ޚިދުމަތަކަށް ހެދުމަށް އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

comment ކޮމެންޓް