މިއީ ދުނިޔޭގެ އެންމެ ދިގު އިސްތަށިގަނޑު

އިންޑިޔާގެ އުއްތަރުޕްރަދޭޝްއަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ އަންހެނެއް ކަމަށްވާ ސްމިތާ ސްރިވާސްތަވާއަށް ވަނީ އެންމެ ދިގު އިސްތަށިގަނޑުގެ ދުނިޔޭގެ ރިކޯޑް ލިބިފައެވެ.

ގިނިސް ވޯލްޑް ރެކޯޑުން ޖާގަ ހޯދި ސްމިތާގެ އިސްތަށިގަނޑުގެ ދިގުމިނުގައި ހަތް ފޫޓް ނުވަ އިންޗި ހުރެއެވެ. އޭނާގެ އުމުރުން 14 އަހަރުން ފެށިގެން އިސްތަށިގަނޑު ނުކޮށާކަމަށް ސްމިތާ ބުންޏެވެ.

އޭނާގެ އިސްތަށިގަނޑު ދޮންނަނީ ހަފުތާއަކު ދެ ފަހަރު ކަމަށާއި، ދޮންނަ ކޮންމެ ފަހަރަކު، ދޮވުމާއި، ހިއްކުމާއި ގޮށްފިލުވައި ފުނާ އެޅުމަށް ތިން ގަޑިއިރު ހޭދަވާ ކަމަށް ސްމީތާއާއި ހަވާލާދީ ގިނިސް ވޯލްޑް ރިކޯޑުން ހާމަކޮށްފައިވެއެވެ. ހަމައެކަނި އިސްތަށިގަނޑު ދޮވުމަށް ވެސް ބައިގަޑިއިރާއި 45 މިނެޓު ހޭދަވާ ކަމަށާއި، އެއަށް ފަހު އަތުން އިސްތަށިގަނޑުގެ ގޮށްތައް ފިލުވުމަށް ދެ ގަޑިއިރެއްހާއިރު ހޭދަވާކަމަށް އޭނާ ބުނެފައިވެއެވެ.

އެންމެ ދިގު އިސްތަށިގަނޑުގެ ދުނިޔޭގެ ރިކޯޑް ލިބުމުން ވަރަށް އުފާވާ ކަމަށާއި، އޭނާގެ އިސްތަށިގަނޑު ފެނިފައި މީހުން ވަރަށް ހައިރާންވެ ބަލައި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހާ ރީތިކޮށް އިސްތަށިގަނޑު ބޭއްވުމުގެ ސިއްރަކީ ކޮބައިތޯ މީހުން އޭނާއާ ސުވާލުކުރާކަމަށް ސްމިތާ ބުނެއެވެ. އެކަމަކު، އެ ސުވާލަށް އޭނާ ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ.

comment ކޮމެންޓް