ކޮޕް 28 ސަމިޓަށް ރައީސް ޔޫއޭއީއަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީއަށް ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒާއި، އެ ބައްދަލުވުމުގައި ބައިވެރިވާ ރާއްޖޭގެ މަތީ ފަންތީގެ ވަފުދު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް ވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ތަގުރީރު ކުރައްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުން ވާނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރާވައިފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ބައިނަލްއަގުވާމީ އެފަދަ ބައްދަލުވުމެއްގައި ހިއްސާކުރަން ލިބޭ ވަރަށް ބޮޑު ފުރުސަތަކަށް ކަމަށެވެ.

މި ބައްދަލުވުމަކީ ޕެރިސް އެއްބަސްވުމާ ގުޅިގެން ދުނިޔެއަށް ލިބިފައިވާ ކުރިއެރުން ދެނެގަތުމަށްޓަކައި މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި މުހިންމު ދައުރެއް އަދާކުރާނެ ޚާއްސަ ބައްދަލުވުމެއްކަން ވެސް އެ އޮފީހުން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ދުނިޔޭގައި ނެގޭ ފުރަތަމަ 'ގްލޯބަލް ސްޓޮކްޓޭކް' (ޖީއެސްޓީ)އިން ޕެރިސް އެއްބަސްވުން ތަސްދީގުކުރި ފަހުން ލިބުނު ކުރިއެރުންތަކުގެ މިންވަރު ވެސް ވަޒަން ކުރާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އަދި، އެ ކަމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރާ މަސައްކަތްތައް ކުރިއަށް ގެންދަން ދިމާވާ ދަތިތައް ހައްލު ކުރުމަށް މަގުފަހިވާނެ ކަމަށް ވެސް އެ އޮފީހުން މައުލޫމާތު ދީފައިވެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޔޫއޭއީއަށް ވަޑައިގަތީ ރައީސްގެ މަގާމަށް ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި ރަސްމީ ދަތުރުފުޅު ތުރުކީ ވިލާތަށް ކުރެއްވުމަށް ފަހުގައެވެ.

comment ކޮމެންޓް