ސްޓާލިންކް އިންޓަނެޓަށް ދެކުނު އެފްރިކާގައި ހުއްދައެއް ނެތް

ދެކުނު އެފްރިކާގެ މިނިސްޓަރު އޮފް ކޮމިއުނިކޭޝަންސް އެންޑް ޑިޖިޓަލް ޓެކްނޮލޮޖީސް މޮންޑްލީ ގުންގޫބެލޭ

ސްޓާލިންކް އިންޓަނެޓްގެ ޚިދުމަތް ދެކުނު އެފްރިކާގައި ދިނުން ގާނޫނާ ޚިލާފު ކަމަށް އެގައުމުގެ ޓެލެކޮމް ރެގިއުލޭޓަރު އިންޑިޕެންޑެންޓް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް ސައުތު އެފްރިކާ (އައިސީއޭއެސްއޭ)އިން ބުނެފިއެވެ.

އައިސީއޭއެސްއޭއިން މި ހަފުތާގައި ނެރުނު ނޯޓިސްގައި ބުނެފައިވަނީ ސްޓާލިންކްގެ ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތަކީ އެ ގައުމުގައި ގާނޫނާ ޚިލާފު ޚިދުމަތެއް ކަމަށް ކަނޑައަޅައިފައި ވާކަމަށެވެ.

ބްރޯޑްކާސްޓިން ނުވަތަ އިލެކްޓްރޯނިކް މުވާސަލާތީ އެއްވެސް ޚިދުމަތެއް އެކަށީގެންވާ ލައިސަންސަކާ ނުލައި ދިނުމަކީ އިލެކްޓްރޯނިކް ކޮމިއުނިކޭޝަން ގާނޫނާ ޚިލާފު ކަމެއް ކަމަށް އެގައުމުގެ ސަރުކާރުން ގެޒެޓްކޮށްފައިވާ ނޯޓިސްގައިވެއެވެ. ގަވާއިދާ ޚިލާފަށް ޚިދުމަތް ދޭ މުއްދަތުގެ މައްޗަށް ބިނާކޮށް، ކުށްކުރާ ފަރާތްތައް ފަސް މިލިއަން ރޭންޑާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ޑިޝް އެންޓަނާ ފަދަ ސްޓާލިންކް އިކުއިޕްމަންޓްތަކަށް ކޮންމެހެން ހޯދަންޖެހޭ ހުއްދަ ލިބިފައި ނުވާ ކަމަށާއި ޑިވައިސްތަކުގެ ސަބަބުން ސިގްނަލް އިންޓަފެރެންސްގެ މައްސަލަތައް ދިމާނުވާނެ ކަން ޔަގީންނުވާ ކަމަށް ވެސް އައިސީއޭއެސްއޭ އިން ވަނީ ފާހަގަކޮށްފައެވެ. މިވަގުތު އެޕްރޫވަލް ޝަރުތުތައް ފުރިހަމަވެފައި ވަނީ ހަމައެކަނި ސްޓާލިންކްގެ ގޭޓްވޭ ސްޓޭޝަންތަކާއި ވައިފައި ރައުޓަރުތަކުންނެވެ.

ސްޓާލިންކް ނުވަތަ އެފަދަ އޮޕަރޭޓަރުންނަށް ދެކުނު އެފްރިކާގައި ގާނޫނީ ގޮތުން ބްރޯޑްބޭންޑްގެ ޚިދުމަތް ދިނުމަށް ޚާއްޞަ އިލެކްޓްރޯނިކް ކޮމިއުނިކޭޝަން ސާވިސް (އައި-އީސީއެސް) އަދި ނެޓްވޯކް ސާވިސް (އައި-އީސީއެންއެސް) ލައިސަންސް ބޭނުންވެއެވެ. ނަމަވެސް ސެކްޓާ ޑިމާންޑްތަކާ އެކު ވެސް 13 އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް އައިސީއޭއެސްއޭ އިން ލައިސަންސަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެއް ނުވެއެވެ.

ސްޓާލިންކްގެ ފަހުގެ ސެޓަޕެއް

މީގެ ސަބަބުން އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުނިތަކަށް މިހާރު ތިބި ފަރާތްތަކުގެ ޓްރާންސްފާ މެދުވެރިކޮށް ލައިސަންސް ހޯދައިގެން ނޫނީ މާކެޓްގައި ބައިވެރިވުން މަނާވާނެއެވެ. އެކަމަކު ލައިސަންސް ޓްރާންސްފާތައް އަންނަނީ މާ އަގު ބޮޑުކޮށެވެ.

ސްޓާލިންކް ފަދަ އީޖާދީ ޓެކްނޮލޮޖީތައް ތައާރަފުކޮށް، ޑިޖިޓަލް ގޮންޖެހުންތައް ނައްތާލާއިރު، އައިސީއޭއެސްއޭއިން ބުނަނީ ގާނޫނީ ގޮތުން ޚިދުމަތް ދިނުމަށް ހުރިހާ ފަރާތްތަކުންވެސް ރެގިއުލޭޓަރީ ޕްރޮޓޮކޯލަށް ތަބާވާން ޖެހޭ ކަމަށެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިފަދަ ހަރުކަށި އުޞޫލުތަކުގެ ސަބަބުން ވާދަވެރި މާހައުލެއްގައި މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހުރަސް އެޅޭ ކަމަށެވެ.

މިއުޞޫލުތަކާއެކުވެސް މިވަގުތު ސްޓާލިންކް އޮތީ ސައުތު އެފްރިކާގެ ގަވައިދުތަކާ އެއްގޮތަށް އަމަލު ނުކުރާ ގޮތަށް ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. މިކަމުގެ ސަބަބުން އެފްރިކާގެ އިންޓަނެޓް ޚިދުމަތްތަކަށް ކުރިއަށް އޮތްތަނުގައި އަސަރުކުރާނެ ގޮތަކާ މެދު އެ ކުންފުނިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް