ދެކުނު އެފްރިކާގެ ގައުމެއް ކަމަށްވާ، މަލާވީގެ ނައިބު ރައީސް ސައުލޯސް ޗިލީމާ އާއި އިތުރު ނުވަ މީހަކު ދަތުރުކުރަމުންދިޔަ މަތިންދާބޯޓު ގެއްލުނުތާ ގިނައިރުތަކެއްވީ ފަހުން ބޯޓު ފެނުނުއިރު، އެންމެން ވެސް އަވަހާރަވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.
މަލާވީގެ ރައީސް ލަޒަރުސް ޗަކްވެރާ މިއަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެ ބޯޓު ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން ނިމިފައިވާ ކަމަށާއި ބޯޓު ފެނިފައިވާކަން އެގައުމުގެ ޑިފެންސް ފޯސްއިން އަންގައިފައިވާ ކަމަށެވެ.
ޗަކްވެރާ ވިދާޅުވީ ރެސްކިއު ޓީމުތަކަށް ފެނުނުއިރު ބޯޓު އޮތީ އެއްކޮށް ހަލާކުވެފައި ކަމަށެވެ.
މަލާވީގެ ރައީސް އޮފީހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ އެ ބޯޓަކީ މަލާވީގެ ޑިފެންސް ފޯސްގެ މަތިންދާބޯޓެއް ކަމަށާއި ވެރިރަށް ލިލޮންގްވޭއިން އިއްޔެ ހެނދުނު 9:17ގައި ނައްޓާލި އެ ބޯޓު ރާޑަރުން ގެއްލި، ޚަބަރެއް ނުވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ، ގެއްލުނު ބޯޓު ޖައްސަން ހަމަޖެހިފައި އޮތީ މަލާވީ ގަޑިން ހެނދުނު 10:00 ގައި އެމްޒޫޒޫ އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށެވެ.
ޗިލީމާ އެ ދަތުރު ކުރެއްވީ، މީގެ ތިން ދުވަސް ކުރިން އަވަހާރަވި ކުރީގެ ކެބިނެޓް މިނިސްޓަރު ރާލްފް ކަސަމްބާރާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ.
އެ ބޯޓުގައި ތިބި އެހެން ފަސިންޖަރުންގެ ތެރޭގައި ޗިލީމާގެ އަނބިކަނބަލުން މޭރީ އާއި އޭނާގެ ޔުނައިޓެޑް ޓްރާންސްފޯމަޝަން މޫވްމަންޓް (ޔޫޓީއެމް) ޕާޓީގެ އޮފިޝަލުންތަކެއް ހިމެނެއެވެ.
އުމުރުން 51 އަހަރުގެ ޗިލީމާ ނައިބު ރައީސްކަމާ ހަވާލުވެވަޑައިގަތީ 2014 ވަނަ އަހަރެވެ.
ޗިލީމާ ވަނީ ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވުމުގެ ކުރިން ޔުނިލީވާއާއި ކޮކާކޯލާ ފަދަ މަލްޓިނޭޝަނަލް ކުންފުނިތަކުގައި މުހިންމު މަގާމުތަކެއް ފުރުއްވައިފައެވެ.
ޗިލީމާގެ ކައިވެންޏަށް ދެކުދިން ވަނީ ލިބިފައެވެ.
އެ ހާދިސާ ހިނގާފައިވަނީ، އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވެސް ވައިގެމަގުން ދަތުުރުކުރައްވަނިކޮށް ދިމާވި ހާދިސާއެއްގައި އަވަހާރަވިތާ މަހެއް ވެސް ނުވަނީސްއެވެ.
އީރާނުގެ ރައީސް އިބްރާހީމް ރައީސީ މިދިޔަ މަހުގެ 19ގައި ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު އެކްސިޑެންޓުވެ، ގެއްލިގެން ހޯދަމުންދަނިކޮށް އޭގެ ބައިބައި ފެނުނީ ޖެހިގެން އައި ދުވަހެވެ. އެ ހާދިސާގައި ނުވަ މީހުން އަވަހާރަވިއެވެ.