މަލާވީގެ ނައިބު ރައީސް ދަތުރުކުރެއްވި މަތިންދާބޯޓު ގެއްލިއްޖެ

މަލާވީގެ ނާއިބު ރައީސް ސައުލޯސް ޗިލީމާ: ޗިލީމާ ދަތުރުކުރެއްވި މަތިންދާބޯޓު ގެއްލި އެތައް އިރެއް ވަނީ ވެފައި -- ފޮޓޯ/ބީބީސީ

ދެކުނު އެފްރިކާގެ ގައުމެއް ކަމަށްވާ، މަލާވީގެ ނައިބު ރައީސް ސައުލޯސް ޗިލީމާ އާއި އިތުރު ނުވަ މީހަކު ދަތުރުކުރަމުންދިޔަ މަތިންދާބޯޓު ގެއްލިއްޖެއެވެ.

މަލާވީގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ބޯޓަކީ މަލާވީގެ ޑިފެންސް ފޯސްގެ މަތިންދާބޯޓެއް ކަމަށާއި ވެރިރަށް ލިލޮންގްވޭއިން މިއަދު ހެނދުނު 9:17ގައި ނައްޓާލި އެ ބޯޓު ރާޑަރުން ގެއްލި، ޚަބަރެއް ނުވާ ކަމަށެވެ.

އޭވިއޭޝަންގެ އޮފިޝަލުންނަށް އެ މަތިންދާބޯޓާ ގުޅޭނެ ގޮތެއް ނުވުމުން، މަލާވީގެ ރައީސް ލަޒަރުސް ޗަކްވެރާ ވަނީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ހިންގަން އަމުރު ކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނީ، ގެއްލުނު ބޯޓު ޖައްސަން ހަމަޖެހިފައި އޮތީ މަލާވީ ގަޑިން ހެނދުނު 10:00 ގައި އެމްޒޫޒޫ އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށެވެ.

ޗިލީމާ އެ ދަތުރު ކުރެއްވީ، މީގެ ތިން ދުވަސް ކުރިން އަވަހާރަވި ކުރީގެ ކެބިނެޓް މިނިސްޓަރު ރާލްފް ކަސަމްބާރާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެ ބޯޓުގައި ތިބި އެހެން ފަސިންޖަރުންގެ ތެރޭގައި ޗިލީމާގެ އަނބިކަނބަލުން މޭރީ އާއި އޭނާގެ ޔުނައިޓެޑް ޓްރާންސްފޯމަޝަން މޫވްމަންޓް (ޔޫޓީއެމް) ޕާޓީގެ އޮފިޝަލުންތަކެއް ހިމެނެއެވެ.

"ހާދިސާއާ ގުޅޭ މައުލޫމާތު ލިބުނު ވަރަކުން އާންމު ކުރަމުން ދާނަން،" ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

މަލާވީގެ ފުލުހުން ވަނީ މަތިންދާބޯޓު ގެއްލެން މެދުވެރިވި ސަބަބެއް އަދި ސާފުނުވާ ކަމަށް ބުނެފައެވެ.

ސިޔާސީ ކެރިއަރުގެ ކުރިން ޔުނިލީވާއާއި ކޮކާކޯލާ ފަދަ މަލްޓިނޭޝަނަލް ކުންފުނިތަކުގައި ޗިލީމާ ވަނީ މުހިންމު މަގާމުތަކެއް ފުރުއްވައިފައެވެ.

އުމުރުން 51 އަހަރުގެ ޗިލީމާ ނައިބު ރައީސްކަމާ ހަވާލުވެވަޑައިގަތީ 2014 ވަނަ އަހަރެވެ.

ޗިލީމާގެ ކައިވެންޏަށް ދެކުދިން ވަނީ ލިބިފައެވެ.

comment ކޮމެންޓް