ފަލަސްތީނަށް ތާއީދުކުރާތީ 10 އަހަރުގެ ކުއްޖެއްގެ މަންމަ އެ ކުއްޖާގެ ކުރިމަތީގައި މަރައިލައިފިއެވެ.
އެ ހާދިސާ ހިނގައިފައި ވަނީ ދެކުނު އެފްރިކާގެ ޑާބަންގައި ހުންނަ އެ އާއިލާ ދިރިއުޅެމުން ދާ ގޭގައެވެ.
ދިހަ އަހަރުގެ ކުއްޖާގެ މަންމަ، ހަލީމާ ފީރޯޒާ ހޫސަންއަށް ވަޅިން ހަމަލާދީ މަރައިލީ އުމުރުން 44 އަހަރުގެ ގްރޭސަން ބެއާރޭ ކިޔާ މީހެކެވެ. އޭ ހަމަލާގައި 10 އަހަރުގެ ކުއްޖާއާއި އޭނާގެ ބައްޕަ ވެސް ވަނީ ޒަހަމްވެފައެވެ.
ފުލުހުންގެ ތަރުޖަމާނު ކާނަލް ރޮބަޓް ނެޓްޝިއުންޑާ ވިދާޅުވީ ގްރޭސަން އެކަން ކުރި ސަބަބެއް ނޭނގޭ ކަމަށާއި ނަމަވެސް ސަލާމަތްވި ދިހަ އަހަރުގެ ކުއްޖާއަކީ ޝިކާރައަކަށް ވެފައިވާ މީހާގެ އަންހެން ދަރިފުޅު ކަމަށެވެ.
އަދި އެ ކުއްޖާއަށް ޖިންސީ ފުރައްސާރަ ކުރާނެ ކަމަށް ބުނެ ގްރޭސަން ވަނީ އޭނާއަށް ބިރު ދައްކައިފައި ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.
ހާދިސާ ހިނގި ތަނަށް ފުލުހުން ދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އޭނާގެ އުމުރުން ގާތްގަނޑަކަށް 40 އަހަރު ވެދާނެ ކަމަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޑާބަންގެ އެފްރިކާ ފޯ ފަލަސްތީންގެ ކެމްޕޭން މެނޭޖަރު އަލީ ކޮމާޕޭ ފާހަގަކުރި ގޮތުގައި އެ ހާދިސާއިން ދައްކުވައިދެނީ ދެކުނު އެފްރިކާގައި އިސްރާއީލުގެ ބައެއް ސަޕޯޓަރުންގެ އަނިޔާވެރި އަދި އުދުވާނީ އަމަލުތަކެވެ.
އެ ހާދިސާގެ އިތުރުން އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ފެށި ފަހުން ޑާބަން، ކޭޕް ޓައުން އަދި ޖޮހަނަސްބާގް ފަދަ ސިޓީތަކުގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާކުރާ މީހުންނަށް އަމާޒުކޮށް އެތައް ހަމަލާއެއް ދީފައިވާ ކަމަށް އަލީ ފާހަގަކުރިއެވެ.