މާލޭ ސަރަހައްދުން ކަރަންޓު ކެނޑޭވަރު މަދުކުރުމަށް ސްޓެލްކޯގެ ޕްރޮޖެކްޓެއް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ -- ފޮޓޯ/ ސްޓެލްކޯ

މާލޭ ސަރަޙައްދުގައި ކަރަންޓު ކެނޑޭ މިންވަރު މިހާރަށްވުރެ ވެސް މަދުކޮށް، ކަރަންޓު ވިއުގަ އިތުރަށް ވަރުގަދަ ކުރުމަށް ސްޓެލްކޯއިން މަޝްރޫއެއް ހިންގަން ނިންމައިފިއެވެ.

މި މަޝްރޫއު ހިންގަން ނިންމަވައި، އެ ކަން އިއުލާންކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީއެވެ.

މި ކަމުގެ އިތުރު މައުލޫމާތު ހިއްސާކޮށް ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ ފަހުމީ އެ ކަން އިއުލާން ކުރެއްވީ ހުޅުމާލޭގެ ޕަވާ ޖެނެރޭޝަންގެ މަސައްކަތުގައި އުޅޭ މުވައްޒަފުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެވެ.

މި ޕްރޮޖެކްޓް ހިންގަނީ 'ސިކްސްތް ޕަވާ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް'ގެ ނަމުގައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 100 ދުވަހުގެ ތެރޭ ފެށުމަށް ނިންމައިފައިވާކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

މިއީ ފަހުމީ އިއްޔެ މި މަގަމާ ހަވާލުވެލެއްވުމަށްފަހު ނިންމެވި މިފަދަ އެންމެ ފުރަތަމަ ނިންމެވުމެވެ.

މާލޭ ސަރަހައްދުގައި އަދިވެސް، މަދުން ނަމަވެސް ކަރަންޓު ކެނޑެއެވެ. ޚާއްސަކޮށް ހޫނު މޫސުމުގައާއި ރޯދަމަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ އޯވާލޯޑުވުމުގެ ސަބަބުން ވެސް ކަރަންޓު ކެނޑެން ދިމާވެއެވެ.

comment ކޮމެންޓް