ބޭރުމަގުން, ހެންވެއިރު ޗީބޯ ކައިރީ މިއަދު ހަވީރު ހިންގި މާރާމާރީއެއްގައި ބައިވެރިވިކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެ މާރާމާރީއާ ގުޅިގެން ފުލުހުން ބުނީ، މާރާމާރީގެ ރިޕޯޓު ލިބުނީ، ހަވީރު 17:03 ހާއިރު ކަމަށެވެ. އެ މާރާމާރީއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށް ފުލުހުން ބުންޏެވެ.
އެ މާރާމާރީއާ ގުޅިގެން ހައްޔަރުކުރީ އުމުރުން 18 އަހަރާއި، 22 އަހަރާއި، 24 އަހަރުގެ ތިން މީހުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި، މާރަމާރީ ހިނގި ވަގުތު އެ ސަރަހައްދުގައި ފުލުހުންނާއި އާންމުންގެ ގިނަ ބަޔަކު އެއްވެފައި ތިއްބެވެ.
އެ ވަގުތަކީ ޓްރެފިކް ބާރުބޮޑު ވަގުތެއް ކަމުން ގިނަ އަދަދެއްގެ ވެހިކަލުން މަގު ފުރި ބާރުވެފައިވާއިރު ބާރު ސްޕީޑުގައި ދުއްވަފައި ދިޔަ ސައިކަލެއް ކޮންޓްރޯލުނުވެ އެހެން ސައިކަލެއްގައި ޖެހޭ މަންޒަރު ވެސް ފެނެއެވެ.
ސައިކަލު ވެއްޓުމުން އެ ސައިކަލުގެ ފަހަތުގައި އިން މީހާ ތެދުވެ ދުއްވައިގަތުމާއެކު ބަޔަކު އޭނާ ގައިގައި ތަޅައި މަންޒަރު ފެނެއެވެ. އަދި ވަގުތުން ފުލުހުން އޭނާ ހިފައްޓާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާރާމާރީގެ މައްސަލަތައް އިތުރުވަމުން އަންނައިރު ރޭ ވެސް ވަނީ މަސްތުވާތަކެތި ގެންގުޅުނުކަމަށް ޝައްކުކުރެވުނު މީހަކު ހިފަހައްޓަން ފުލުހަކު އުޅުމުގެ ތެރޭގައި، އެ މީހާ، ފުލުސް މީހާގެ އަނގަމަތި ފަޅައިލައި މާރާމާރީ ހިންގައިފައެވެ.