ހިޔާގެ ފިނިޝިން ޚަރަދު ދޭނެ ގޮތް ހޯދަން މަޖިލީހުން މިނިސްޓަރާ ސުވާލުކުރަނީ

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މަޖިލީހުގެ ކޮމިޓީގައި -- ފޮޓޯ: މަޖިލިސް

ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ޚަރަދުކުރި ފައިސާގެ ތެރެއިން ދެ ލައްކަ ރުފިޔާ ހިޔާ ފްލެޓްގައި އުޅޭ ރައްޔިތުންނަށް ދޭނެ ގޮތް އޮޅުންފިލުވުމަށް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެެވެ.

ވަޒީރާ ސުވާލުކުރުމަށް އެދިލެއްވީ ހުޅުމާލޭ ދާއިރަގެ މެމްބަރު އަލީ ނިޔާޒެވެ.

އޭނާ ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލޭ ރައްޔިތުންނާ ބައްދަލުކުރައްވައި، ހިޔާ ފްލެޓުގެ ފިނިޝިންއަށް ހިނގި ޚަރަދުގެ ދެލައްކަ ރުފިޔާ އެ ފްލެޓުތަކުގެ ވެރިންނަށް ދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވި ކަމަށެވެ.

އެހެންވެ، އެ ފައިސާ ދެއްވަން ރާވައިފައިވާ ގޮތާއި އެ ފައިސާ ދެއްވަން ކަނޑައަޅާ މުއްދަތަކީ ކޮބައިކަން ސާފުކޮށްދެއްވަން ނިޔާޒްވަނީ އެދިލައްވައިފައެވެ.

އެ ފައިސާ ނުދެއްވަން ރައީސް ނިންމެވިކަމަށް ބުނެ ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ވާހަކަތައް ދޮގުކުރައްވައި، އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް ވަނީ، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ފައިސާ ރައްޔިތުންނަށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި ހުޅުމާލޭގައި ބޭއްވި ހަރަކާތެއްގައި ޑރ. މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓްގެ ފިނިޝިންގެ ޚަރަދުން ދެ ލައްކަ ރުފިޔާ ދޭނީ އާބަންކޯއިން ލޯނެއް ނަގައިގެން ކަމަށެވެ.

އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް ނިންމަވައިފައިވާ ގޮތެއް ކަމަށް ރައީސް ޑރ. މުއިއްޒު އެއިރު ވިދާޅުވިއެވެ.

comment ކޮމެންޓް