ހޮސްޕިޓާލިޓީ ދާއިރާއިން މީހުން ތަމްރީނުކުރަން އެމްއެންޔޫއާ ފިނޮޅު ސީސައިޑް ރިސޯޓުން އެއްބަސްވެއްޖެ

އެމްއެންޔޫގައި މިއަދު އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އެމްއެންޔޫ

ހޮސްޕިޓާލިޓި އާއި ޓޫރިޒަމްގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއިން (އެފްއެޗްޓީއެސް)އިން، ފިނޮޅު ސީސައިޑް މޯލްޑިވްސްއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ އެ ކަމަށް ޚާއްސަކޮށް އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރު އައިޝަތު ޝެހެނާޒް އާދަމާއި އެފްއެޗްޓީއެސްގެ ޑީން ޒީނަތު ޞާލިހާއި، ސީސައިޑް ފިނޮޅު މޯލްޑިވްސްގެ ފަރާތުން ސްޓީވެން ފިލިޕްސްވަނީ ބައިވެރިވެލައްވައިފައެވެ.

އެމްއެންޔޫއިން ބުނީ މި އެމްއޯޔޫގެ ސަބަބުން ދަރިވަރުންނަށް ޓޫރިޒަމް ދާއިރާގައި ކުރިއަރައިގެން ދިއުމަށް ވަރަށް ގިނަ ފުރުސަތުތަކެއް ފަހިވާނެކަމަށެވެ.

އެގޮތުން ދަރިވަރުންނަށް އަމަލީ ގޮތުން، ގިނަ ފުރުސަތުތަކެއް ތަޖުރިބާކޮށްލުމަށް ލިބޭނެކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި އިންޓާންޝިޕްތަކުގެ އިތުރުން އެ ރިސޯޓުން ވަޒީފާގެ ފުރުސަތު ވެސް ލިބޭނެކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.

އެމްއެންޔޫގައި މިއަދު އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީސައިޑް ފިނޮޅު މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ސްޓީވެން ފިލިޕްސްވަނީ އެ ރިސޯޓުން، މި ދާއިރާއަށް ޝައުގު ހުރި ޖީލެއް އުފައްދައިދޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

comment ކޮމެންޓް