ޕީޖީ އޮފީހުގެ ސިޓީ ލިޔުމުގެ މުބާރާތުގައި 180 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެ

ޖުލައި 14، 2020: ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސިކިއުޓާ ޖެނެރަލް(ޕީޖީ)ގެ ވާދައިގެ ތައްޓަށް ބާއްވާ ސިޓީ ލިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރުކުރުމުގެ މުއްދަތު ހަމަވިއިރު، 180 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ މިއީ އެ އޮފީހުގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެން ޕީޖީގެ ވާދައިގެ ތައްޓަށް ބާއްވާ ދިވެހި ބަހުން ސިޓީ ލިޔުމުގެ ފުރަތަމަ މުބާރާތްކަމަށެވެ.

މި މުބާރާތުގައި ގިނަ އަދަދެއްގެ ސްކޫލްތަކާއި ކުންފުނިތައް ތަމްސީލުކުރާ މީހުން ބައިވެރިވާން ރަޖިސްޓަރުކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އަދި މުބާރާތަށް ލިބުނީ ހީކުރިވަރަށްވުރެ މާ ބޮޑު ތަރުޙީބެއް ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ މި މުބާރާތުގެ ބޭނުމަކީ ދިވެހިބަހުން ސާފުކޮށް މޮޅަށް ސިޓީ އިބާރާތްކޮށް ލިޔެ ހެދުމަށް ހިތްވަރުދިނުން ކަމަށެވެ. އަދި ސިޓީ ލިޔުމުގެ ސަގާފަތެއް އުފެއްދުމެވެ.

މި މުބާރާތުގައި ބައިވެރިވާނީ ވަކިވަކި ފަރުދުންނެވެ. ނަމަވެސް އެ މީހަކު ތަމްސީލުކުރާ އޮފީހެއްގެ ނަމާއެކު ރަޖިސްޓަރީވުމުގެ ފުރުސަތު އޮންނާނެ ކަމަށް ޕީޖީއިން ބުންޏެވެ.

ވަނަތައް ހޮވާނީ، އެ އޮފީހަކުން ބައިވެރިކުރި ސިޓީތަކުގެ ތެރެއިން އެންމެ މޮޅު ފަސް ސިޓީގެ މާކްސް އަށް ބަލައިގެންކަމަށާއި، ފަސް ސިޓީއަށްވުރެ މަދުން ހުށަހަޅާ އޮފީސްތަކަށް، އޮފީސްތަކުގައި ބައިގައި ވާދަ ނުކުރެވޭނެކަމަށް ޕީޖީއިން ބުންޏެވެ.

މި މުބާރާތުގެ އިނާމުތަކަކީ:

  • އެއްވަނަ ސިޓީއަށް 3،000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ޕީޖީގެ ވާދައިގެ ތަށި
  • ދެވަނަ ސިޓީއަށް 1،500 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން
  • ތިންވަނަ ސިޓީއަށް 1،000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން
  • އެއްވަނަ އޮފީސް – ހަނދާނީ ލިޔުމާއި ޕީޖީގެ ވާދައިގެ ތަށި
  • ދެވަނަ އޮފީސް – ހަނދާނީ ލިޔުން
  • ތިންވަނަ އޮފީސް – ހަނދާނީ ލިޔުން
  • އެންމެ ގިނަ ސިޓީ ބައިވެރިކުރި އޮފީސް – ހަނދާނީ ލިޔުމާއި ޕީޖީގެ ވާދައިގެ ތަށި

މުބާރާތުގައި ބައިވެރިވި މީހުންނަށް، އެ މީހަކު ލިޔަންޖެހޭ ސިޓީގެ ނޯޓެއް، އޮންލައިން ޕޯޓަލްގެ ތެރެއިން ފެންނާނެކަމަށް ޕީޖީއިން ބުންޏެވެ.

މި މުބާރާތަށް ލިޔާ ސިޓީ ހުށަހަޅާނީ އަތުން ލިޔުމަށްފަހު، ފޮޓޯއެއް ނަގައި ވެބްސައިޓަށް އަޕްލޯޑުކޮށްގެނެވެ. ސިޓީ ފޮނުވުމުގެ ސުންގަޑިހަމަވާނީ، އަންނަ މަހުގެ ދިހަވަނަަ ދުވަހުގެ މެންދުރު 14:00 އަށެވެ.

comment ކޮމެންޓް