މިހާރު ޔާމީން މިނިވަންނުވުމުގެ ޒިންމާ ނަގަންޖެހޭނީ ރައީސް މުއިއްޒު: ޑރ. ޖަމީލް

ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދިނުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ، ރައީސް ޔާމީންގެ އިސް ވަކީލު ޑރ. ޖަމީލް އިންޓަވިއު ދެއްވަނީ-- ސަން ފޮޓޯ

ޖަލު ހުކުމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދިވެސް މިނިވަންވެޑައިނުގެން ހުންނެވުމުގެ ޒިންމާ މިހާރު ނަންގަވަން ޖެހިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުކަމަށް، ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު، ޑރ. މުޙައްމަދު ޖަމީލު އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވީ ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދެވުމުގެ މަސައްކަތުގައި އިލެކްޝަންސް ކޮމިޝަން ކައިރީ ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.

އެގޮތުން ޑރ. ޖަމީލް ވިދާޅުވީ، އަމިއްލަ ޕާޓީގެ ރައީސްކަމުގައި ރައީސް ޔާމީން ހުންނަވަނިކޮށް ފަހު ވަގުތު ބަޔަކު އަޑީގައި ތިބެގެން އެ މަނިކުފާނަށް ބޭވަފާތެރިވީކަމަށެވެ. އަދި މަކަރު ހެދުމަށްފަހު ޕާޓީން އެ މަނިކުފާނު އެއްފަރާތްކުރީ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ހުސް ގޮނޑިކޮޅު ބަހައްޓައިގެން ކަމަށެވެ. ހަމައެއާއެކު އެ މަނިކުފާނު މިނިވަންކުރެއްވުމުގެ ވައުދު ވެސް ވެވަޑައިގަތުމަށްފަހުކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންވެ، ރައްޔިތުން ވޯޓު ދިނީ ރައީސް ޔާމީނުގެ ޙައްގުގައިކަމަަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ، އެހެންކަމަށްވާނަމަ މި ސަރުކާރުގައި އެ މަނިކުފާނު މިނިވަންކުރުން އިތުރަށް ލަސްވުމަކީ އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

"އިންސާފަށް ހުރަސް ނާޅުއްވާށޭ އެއްވެސް ބޭފުޅަކު. އެ ކަން ނިންމަވައި ދެއްވާށޭ. ޙައްގެއް ނޫނޭ އެއީ. އަނިޔާ ނުކުރައްވާށޭ. ރައީސް ޔާމީންގެ ކުށަކީ ކޮބައިތޯ؟ އާންމު ފަރުދެއްގެ ހައިސިއްޔަތުން ލިބިގެންވާ ޙައްގު އެ މަނިކުފާނަށް ވެސް އޮންނަންވާނެ،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޕީއެންއެފް އުފެއްދުމަށް އީސީން ހުއްދަ ދިނުން -- ފޮޓޯ/ އަހުމަދު އިޔާދު

މީގެ އިތުރުން ޑރ. ޖަމީލްވަނީ ރައީސް ޔާމީން ޕީޕީއެމްގެ ރައީސްކަމުގައި ހުންނެވި އިރު އެ ޕާޓީއަށް މަސައްކަތްކުރި އެތައް ހާސް ރައްޔިތެއްގެ ޙައްގަށް މިިހާރުގެ ސަރުކާރުން އަރައިގެންފައިވާކަމަށް ތުހުމަތުކުރައްވައިފައެވެ.

އެގޮތުން ޕީޕީއެމް ޕީއެންސީގެ ސަރުކާރެއް ގެނައުމަށް ޓަކައި ޕާޓީގައި ބުރަކޮށް މަސައްކަތް ކުރި މެމްބަރުންނަށް ސަރުކާރުން ހައްގުވާ މިންވަރު ވެސް ނުލިބޭކަމަށް ވިދާޅުވިއެވެ.

އެގޮތުން ވަޒީރުންގެ މަޖިލީހާއި، ސިޔާސީ މަގާމުތަކާއި، ކުންފުނިތަކަށް އައްޔަންކުރައްވަމުން އަންނަނީ ޕީޕީއެމް ޕީއެންސީއާ ގުޅުމެއް ނެތް ބަޔަކުކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

އަދި އެއީ ޕާޓީއަށް ބުރަކޮށް މަސައްކަތްކުރި ގިނަ ބައެއްގެ މަސައްކަތުގައި ކޮޅުފައިން ޖެހުމުގެ ގޮތުގައި ވެސް އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ހަފުތާއެއް ނުވަނީސް ރައީސް ޔާމީނާ ދެ ބޭފުޅުންގެ މެދުގައި ވަނީ ދެބަސްވުން އުފެދިފައެވެ. އެހެންވެ، މިދިޔަ ހަފުތާގައި ޕީޕީއެމުން ވަކިވެ، ޕީއެންއެފް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީން ފެއްޓެވިއެވެ.

އެއާއެކު ޑރ. ޖަމީލްވަނީ ރައީސް ޔާމީންގެ އެދިވަޑައިގަތުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ބޭފުޅުންނާއި ޕީޕީއެމް ވެސް ހިމެނޭ ގޮތަށް އެންމެހާ ފަރާތްތަކުން ޕީއެންއެފްއާ ގުޅިވަޑައިގަތުން ކަމަށް ވިދާޅުވެފައެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން އީސީން ގޮތް ނިންމާފައިވަނީ މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. އެ ހުއްދަ ދިން ފޯމާ ހަވާލުވެވަޑައިގަތީ ރައީސް ޔާމީން ދައުރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

comment ކޮމެންޓް