މަޖިލިސް އިންތިޚާބުގައި ނަޝީދު ވާދަނުކުރަން ނިންމަވައިފި

ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

އަންނަ އަަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަނުކުރަން ނިންމަވައިފިއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު ނަޝީދު މިފަދައިން ވިދާޅުވީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައެވެ.

ނަމަވެސް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ 'ދަ ޑިމޮކްރެޓްސް'އިން މަޖިލިސް އިންތިޚާބުގައި ގިނަ އަދަދެއްގެ މެންބަރުން ވާދަކުރައްވާނެކަން 'ސަން' އަށް ވަނީ އެނގިފައެވެ.

މި ދައުރުގެ މަޖިލީހުގެ ރައީސްކަން ގިނަ ދުވަހު ކުރެއްވި ނަޝީދު އެ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވީ އެ މަނިކުފާނުގެ އިތުބާރުނެތް ކަމުގެ މައްސަލަ ގިނަ އަދަދެއްގެ މެންބަރުން ސޮއިކޮށް ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ގެންދިޔަ ނުދީ އެތައް ހުރަހެއް އެޅުއްވުމަށް ފަހުގައެވެ. ނަޝީދު އެޅުއްވި ހުރަސްތަކަށް ހައްލެއް ލިބުނީ އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ފަހުންނެވެ.

ނަޝީދު ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވީ 1999 ވަނަ އަހަރުއެވެ. އެއީ މާލެއިން އިންތިޚާބުކުރެވުނު ދެ މެންބަރުންގެ ތެރެއިން އެއް މެންބަރުގެ ގޮތުގައެވެ.

އޭގެ ފަހުން 2005ގައި އެމަނިކުފާނު އިސްވެ ހުންނަވައިގެން އެމްޑީޕީ އުފައްދަވައި މިއަހަރާ ޖެހެންދެން ޕާޓީގައި އިސްކޮށް ހުންނެވިއެވެ. ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް ދައުރު ހަމަނުވަނީސް އިސްތިއުފާ ދެއްވުމަށް ފަހު އެ މަނިކުފާނު 2019 ވަނަ އަހަރު މައްޗަން ގޯޅި މެދު ދާއިރާއަށް ވާދަކުރައްވައި، އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަނުކުރެއްވުނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވުމުންނެވެ. އެ އިންތިޚާބުގައި އެ މަނިކުފާނުގެ ތާއިދާއެކު ވާދަކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ނަމަވެސް ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައީސް ޞާލިޙާއި ނަޝީދާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި، ނަޝީދު ވަނީ އެމްޑީޕީން ވަކިވެ އާ ޕާޓީއެއް އުފައްދަވާފައެވެ. އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓެއް ނެރެ، ރައީސް ޞާލިޙާ ވާދަކުރި ނަމަވެސް ލިބިފައި ވަނީ ހަތް ޕަސެންޓް ވޯޓެވެ.

އެ އިންތިޚާބަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން އެމްޑީޕީން ވޯޓު ނަގަން މަސައްކަތް ކުރުމުން އެ މަނިކުފާނު ވަނީ އެ މަގާމުން ވެސް އިސްތިއުފާ ދެއްވާފައެވެ.

comment ކޮމެންޓް