އިންޑިއާގެ ބިންގަރާހެއްގައި މަސައްކަތް ކުރަމުންދަނިކޮށް އެތަނުގައި ތާށިވި 41 މީހުން، 17 ދުވަސް ފަހުން ސަލާމަތްކޮށްފިއެވެ.
އުއްތަރަޚަންދު ސްޓޭޓުގައި ހަދަމުންދިޔަ 4.5 ކިލޯމީޓަރުގެ އެ ބިންގަރާހުގައި އެ މީހުން ތާށިވީ، ބިންގަރާހުން ނުކުންނަ ތަނާ ދިމާލުން ބިންގަނޑު ފައިބައި، ބިންގަރާހުގެ ބައެއް ވެއްޓުމުންނެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެއެވެ.
އިންޑިއާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ މީހުން ތާށިވި ދުވަހުން ފެށިގެން ވެސް ދިޔައީ، ބިންގަރާހުގައި އަޅާފައިވާ ހޮޅިތައް މެދުވެރިކޮށް ކާބޯތަކެއްޗާއި އޮކްސިޖެން ފޯރުކޮށްދެމުންނެވެ. އަދި ނަފްސާނީ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ހިމެނޭ ގޮތަށް، ސިއްހީ އޮފިޝަލުން ދިޔައީ އެމީހުންގެ ހާލަތު މޮނިޓާ ކުރަމުންނެވެ.
އެ މީހުން ސަލާމަތް ކުރުމަށް ޓަކައި، ބިންގަރާހުން ވެއްޓިފައި އޮތް ބައި ތޮރުފަން ފުރަތަމަ މެޝިން ބޭނުން ކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބެއް ނުވިއެވެ. އެގޮތުން 57-60 މީޓަރުގެ ސަރަހައްދެއް ކޮންނަން ޖެހުނު ނަމަވެސް ގާތްގަނޑަކަށް 47 މީޓަރަށް ތޮރުފުމަށް ފަހު، އެ މެޝިން ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ.
އެކަމުގައި ހަރަކާތްތެރިވި މީހުން ދެން ފެށީ ހޭންޑް ޑްރިލްތައް ބޭނުންކޮށް، ތޮރުފަމުންދިޔަ ސަރަހައްދުން މީހުން ނެރެވޭ ގޮތަށް ހޮޅިއެއް އެޅުމުގެ މަސައްކަތެވެ. އަދި އިއްޔެ އެ މީހުން 58 މީޓަރަށް ކޮނެ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށިއެވެ.
އެ މަސައްކަތް ނިންމުމަށް ފަހު، ތާށިވެފައި ތިބި މީހުންގެ ތެރެއިން ފަހަރަކު މީހަކު ނެރެފައި ވަނީ ސްޓްރެޗާއަކަށް ލައިގެންނެވެ.
އެ މީހުން ބިންގަރާހުން ނެރުނު ވަގުތު އެ ސަރަހައްދުގައި ތިބި އެ މީހުންގެ އާއިލާގެ މެންބަރުންނާއި ސަރުކާރު އޮފިޝަލުން އުފާފާޅުކުރިއެވެ. އަދި އެ ސަރަހައްދުގައި ހުރި މެޑިކަލް ކޭމްޕަކުން އެ މީހުންގެ ހާލަތު ބެލުމަށް ފަހު، އެމްބިއުލާންސަށް އަރުވައިގެން އިތުރު ފަރުވާއަށް އެ މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އިންޑިއާގެ ޑިޒާސްޓާ އޮތޯރިޓީން ވަނީ އެ މީހުން ދެތިން ދުވަސްވަންދެން އޮބްޒަވޭޝަންގައި ބައިތިއްބާނެ ކަމަށް ބުނެފައެވެ. އަދި އުއްތަރަޚަންދުގެ ސަރުކާރުން ވަނީ އެއަށް ފަހު އެ މީހުންގެ ގެއަށް ގެންގޮސްދޭނެ ކަމަށް ބުނެފައެވެ.
އެ ބިންގަރާހަކީ، ހިންދޫ ދީނުގެ މީހުންނަށް މުހިންމު ހަތަރު ސަރަހައްދެއް 890 ކިލޯމީޓަރުގެ މަގުތައް ހިމެނޭ ވިއުގައަކުން ގުޅާލުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ފައްޓަވާފައިވާ މަޝްރޫއެއްގެ ދަށުން ހަދާ ބިންގަރާހެކެވެ. އެއީ 1.5 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
އެ ބިންގަރާހުގެ ބައެއް ވެއްޓުނު ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް ސަރުކާރުން ވަނީ މިހާރު އިންޑިއާގައި ހަދަމުންދާ 29 ބިންގަރާހުގެ އޮޑިޓެއް ހެދުމަށް އެގައުމުގެ ނެޝަނަލް ހައިވޭސް އޮތޯރިޓީއަށް އަންގައިފައެވެ.